ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި އިދިކޮޅަށް ނުކުންނަ ބުރު ސްޕޯޓްސް ކްލަބުގެ އޮތް އެންމެ ބޮޑު "އެޑްވާންޓޭޖް"އަކީ ކޯޗަކަށް ތަޖުރިބާކާރު މުހައްމަދު ނިޒާމް (ނިޒާމްބެ) ހުރުން ކަމަށާއި މިހާތަނަށް މުބާރާތުގައި ނިޒާމްބެގެ ފެންވަރު ސާބިތުކޮށްދީފި ކަމަށް ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ބުނެފިއެވެ.

އީގަލްސް އިން މިހާތަނަށް ފުރަތަމަ ޑިވިޝަންގައި ހޯދި އެންމެ ބޮޑު އަދި އެންމެ ތާރީހީ ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ ޕްރެސިޑެންޓްސް ކަޕް ކާމިޔާބު ކުރުމެވެ. އެ ޓީމުން އެ ކާމިޔާބީ ހާސިލުކުރީ މިހާރުގެވެސް ކޯޗު ސާންތި އާއެކުއެވެ. އެފަހަރު ފައިނަލުގައި ނުކުމެފައި ވަނީ ނިޒާމްބެ ކޯޗުކަން ކޮށްދެމުން ދިޔަ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ ފައިނަލުގައި 1-0 އިން އީގަލްސް މޮޅުވި އިރު، މިއަދުގެ ޕްރީ މެޗް ޕްރެސްގައި ކޯޗު ސާންތި ވަނީ މިހާރު ބުރުގެ ކޯޗު ނިޒާމްބެއަށް ތައުރީފުކޮށްފައެވެ.

"ނިޒާމްބެ ޓީސީގައި ހުރި އިރުވެސް ކުރިމަތިލާން ޖެހުނު. ޓީސީ ފައިނަލް ކުޅެންވެސް ފުރުސަތު ލިބުނު. ނިޒާމްބެ ޓީމުގައި ހުރުމަކީ ބުރަށް ވަރަށް ރަނގަޅު އެޑްވާންޓޭޖެއް. ތަޖުރިބާ ހުރި ޒުވާން ކުޅުންތެރިން އުފައްދާ ކޯޗެއް ޓީމުގައި ހުރުމަކީ ވަރަށް ބޮޑު ފައިދާއެއް އަސްލު ބުރަށް. ރަނގަޅު ކޯޗެއް ހުރުން އެއީ ވަރަށް މުހިންމު ކަމެއް. މުބާރާތް ފެށިއިރުވެސް ބުނި އެއްވެސް ޓީމަކަށް ޖެހިލުން ނުވާނެ ކަމަށް. އެކަން ސާބިތުވެސް ކޮށްދީފި. ދެން މިހެން އަލަށް އަންނަ ޓީމެއްގައި ވާނެ ގޮތަކީ ޒުވާން ޓީމާއި މެނޭޖްމަންޓާއި ވަރަށް ބޮޑަށް އެއް ގޮތަކަށް، ހުރިހާ އެންމެން އެކައްޗެއް ކިޔާފައި ރަނގަޅަށް އޮންނާނީ އާންމުކޮށް. އަނެއްކާ ބުރަކީ ތާރީހެއް އޮތް ޓީމެއް، ކާމިޔާބީތަކުގައި،" ސާންތި ބުންޏެވެ.

ސާންތި ބުނީ ބުރުން ތިންވަނަ ޑިވިޝަނުން ގޮސް، ދެވަނަ ޑިވިޝަންވެސް ކުރު މުއްދަތެއްގައި ކަޑައްތުކޮށް ފުރަތަމަ ޑިވިޝަނަށް އައި ގޮތުން، އެ ޓީމުގެ ފެންވަރު ސާފުވާ ކަމަށެވެ. އަދި ޕްރެސިޑެންޓްސް ކަޕް ގްރޫޕް ސްޓޭޖުގައި ބުރުން ކުޅުނު އެންމެ ފަހު މެޗުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ބަލިކުރުމާއެކު ރަނގަޅު މެސެޖެއް އެ ޓީމުން ދީފި ކަމަށް ސާންތި ބުންޏެވެ. ސާންތި އިތުރަށް ބުނީ އީގަލްސް އާއެކު ކުރިން ހޯދި ކާމިޔާބީ ތަކުރާރުކޮށްލަން މިފަހަރުގެ ޕްރެސިޑެންޓްސް ކަޕް ހާއްސަވާ ކަމަށެވެ.

"އަޅުގަނޑަށް ޕާސަނަލީ އަދި ކްލަބު އީގަލްސްއަށްވެސް ހާއްސަ މުބާރާތެއް ޕްރެސިޑެންޓްސް ކަޕަކީ. ކުރީގެ ކާމިޔާބީ ތަކުރާރުކޮށްލަން ލިބޭ ފުރުސަތެއް ޕްރެސިޑެންޓްސް ކަޕަކީ. އެކަމަކު ކުރިމަތިލާންޖެހޭ ޓީމަކީ ދެރަ ޓީމެއްގެ ގޮތުގައި ނުބަލާނަން،" ސާންތި ފާހަގަކުރިއެވެ.

އީގަލްސް އިން މި ސީޒަނަށް އަލަށް ގެންދިޔަ ކުޅުންތެރިންގެ ރަޖިސްޓްރޭޝަން ނިމި، އެ ކުޅުންތެރިން ބޭނުންކުރަން ކްލަބު ވެލެންސިއާ މެޗުގައި ސާންތިއަށް ފުރުސަތު ލިބިފައިވާ އިރު، އޭނާ ބުނީ އިސްމާއީލް އީސަ (މެސީ) ފަދަ ކުޅުންތެރިން އެނބުރި އައުން އެއީ ލިބޭ ހިތްވަރެއް ކަމަށެވެ. ނަމަވެސް ހޫނު ގަދަ ދުވަސްވަރެއްގެ ހަވީރު މެޗު ކުޅެން ޖެހުމުން ޓީމުގެ ޓެކްޓިކްސް ހިފަހައްޓަން އުނދަގޫތަކަކާ ކުރިމަތިވާނެ ކަމަށް ބުންޏެވެ.

"އަޅުގަނޑުގެ ހަމައެކަނި ކޮންސާނަކަށްވީ ދުވާލު މެޗު ކުޅެން ޖެހުން. ދެން އެއީ މާކުރިންވެސް ޝެޑިއުލްގައި އޮތް ގޮތް. ރޭގަނޑު ކުޅެ ކުޅެފައި، ރޯދަ ނިމިގެން ހަ ރޯދައަށްވެސް ބައެއް ކުޅުންތެރިން ތިބެފައި މި ޖެހެނީ ހަވީރު ކުޅެން. ދެ ދުވަސް މި ލިބުނީ ރިކަވަރީއަށްވެސް. އެހެންވީމަ އެކަމަކީ ޗެލެންޖެއް. ނަމަވެސް އެކަން ބަހައްޓާފައި މޮޅަކަށް ނުކުންނާނީ،"

ސާންތި ބުނީ ހޫނަށް ޓީމު ހޭނޭތޯ ބަލާފައިވާ ކަމަށާއި ބުރަށް ލިބޭ ފައިދާއަކީ ހަ ދުވަހު އަރާމުކުރުމަށްފަހު ނުކުތުން ކަމަށެވެ. "އީގަލްސް މިކުޅެނީ ނުވަ ދުވަހުގެ ތެރޭ ތިންވަނަ މެޗު، ބުރު އެ ކުޅެނީ ތިން މެޗު 13 ދުވަސް ތެރޭގައި،" ކަމަށް ބުނަމުން ސާންތި ފާހަގަކުރީ އެއީ ބުރަށް އޮތް ފައިދާއެއް ކަމަށެވެ. ހަމައެއާއެކު ސާންތި ބުނީ އީގަލްސްއަކީ އަވަސް ފުޓުބޯޅައެއް ކުޅޭ ޓީމެއް ކަމަށާއި ހަވީރު މެޗު ކުޅޭ އިރު، "މެޗުގެ ޓެމްޕޯ ވެއްޓި، އިންޓެންސިޓީ،" ގެއްލިއްޖެނަމަ ދެން ވެގެންދާނެ ގޮތަކަށް ސަމާލުވާންޖެހޭ ކަމަށެވެ.

ސާންތި ބުނީ ޓީމުގެ ތަރި އަހުމަދު ރިޒުވާން (ރިޒޭ) މާދަމާގެ ސެމީ ފައިނަލުގެ ފުރަތަމަ 11 އަށް ނުކުންނާނެ ކަމަށާއި އަނިޔާގެ ސަބަބުން މެޗު ގެއްލޭނެ ހަމައެކަނި ކުޅުންތެރިޔަކީ ހިސާމް ސަލީމް (ކޮކީ) ކަމަށެވެ. ބުރާއި އީގަލްސް ވާދަކުރާ ޕްރެސިޑެންޓްސް ކަޕްގެ ފުރަތަމަ ސެމީ ފައިނަލް އޮންނާނީ މާދަމާ ހަވީރު 4:00 ގައެވެ.