ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުވެސް ކާމިޔާބުކޮށް، ކްލަބު އީގަލްސްއިން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުގައި އީގަލްސްއިން 3-0 އިން ޓީސީ ބަލިކުރި އިރު، އީގަލްސް ވަނީ މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްފައެވެ. އީގަލްސްއިން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބިސް ބުރު ސްޕޯޓްސް ކްލަބު ވާދަކޮށްފައިވާ އިރު، އެޓީމުން ދެން ކުޅުނު މެޗުގައި ގައްދޫގައި އެޓީމު ބަލިކުރީ 2-0 އިންނެވެ.

އީގަލްސްއިން ތިން މެޗުން ނުވަ ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ދެވަނައިގައި ވިކްޓްރީ އޮތީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ތިންވަނައިގައި އޮތް އިރު، އެޓީމަށްވެސް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ.

ހަތަރު ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ބިސް ބުުރު ސްޕޯޓްސް ކްލަބަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދިއްދުއަށް މިހާތަނަށް ހަތަރު ޕޮއިންޓް ލިބިފައިވެއެވެ. ދިއްދުއަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، މާޒިޔާ އަދި ކުޅުނީ ތިން މެޗެވެ. ޓީސީއަށް ތިން މެޗުން ތިން ޕޮއިންޓް ލިބި، އަށްވަނައިގައި އޮތް އިރު، މިހާތަނަށް ލީގުގައި ޕޮއިންޓެއް ނުލިބި އޮތީ ބުރު ސްޕޯޓްސް ކްލަބާއި ގައްދުއެވެ.

މެޗުގެ ފުރަތަމަ ގޯލް ފެނިގެން ގޮސްފައި ވަނީ ހާފު ނިމެން ދަނިކޮށެވެ. ފުރަތަަމަ ހާފުގެ ފަހު މިނެޓުގައި އީގަލްސްއިން ލީޑު ނެގީ ހިލޭ ޖެހުމެއްގައެވެ. އާމިރު ޝޮއައިބު އެލްސަޑެކް މުހައްމަދު ހުރަސްކޮށްލި ބޯޅަ ގޯލަށް ވައްދާލީ ވެން-ޑޭވް ބޮވެއާ ހާމޮންއެވެ.

އެ ގޯލާއެކު އީގަލްސްއިން ގިނަ ވަގުތުތަކެއް ވަންދެން ހިފަހައްޓާފައިވާ އިރު، އެޓީމުގެ އަނެއް ދެ ގޯލްވެސް ފެނުނީ ފަހުކޮޅުގައެވެ. 80 ވަނަ މިނެޓުގައި މާކޯ އިވަނޮވިޗް އީގަލްސްއަށް ލީޑު ފުޅާކޮށްދިން އިރު، އެ ގޯލަކީވެސް ސެޓް ޕީސްއަކުން ކާމިޔާބުކުރި ގޯލެކެވެ.

މުހައްމަދު ޖައިލަމް ނަގައިދިން ގޯލް މާކޯ ގޯލަށް ފޮނުވާލީ ބޮލުންނެވެ. އޭގެ ހަ މިނެޓްފަހުން އީގަލްސްއިން ތިންވަނަ ގޯލް ޖެހީ ކޯނަރެއްގައި ނަގައިދިން ބޯޅައިންނެވެ. ކޯނަރުގައި ނަގައިދިން ބޯޅަ ޓީސީ ކީޕަރު ޑެނިއަލް އެމަނުއެލް އޭބިއޯ އަތުން ގެއްލިގެން އީގަލްސް ކުޅުންތެރިންނަށް ލިބުނު އިރު، މާކޯގެ ހުރަސް ގޯލަށް ވައްދާލީ ވެން-ޑޭވްއެވެ.