ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސްއިން މިއަދު ގައްދޫ ފުޓުބޯޅަ ޓީމު ބަލިކޮށްފިއެވެ.

ގައްދޫ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި އީގަލްސްއިން އެ ރަށް ބަލިކުރީ 2-0 އިންނެވެ. ގައްދުއަކީ މިފަހަރު ޕްރިމިއާ ލީގުގައި އަލަށް ވާދަކުރި ޓީމެކެވެ. ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގައްދޫން ކޮލިފިކޭޝަން ފަހަނައަޅައި ޕްރިމިއާ ލީގަށް ނުކުމެފައިވާ އިރު، މިހާތަނަށް ކުޅެފައި ވަނީ ހުސް ހޯމް މެޗެވެ. ދިއްދޫގައި އެޓީމުގެ ހޯމް މެޗުތައް ކުޅެމުންދާ އިރު، މިހާތަނަށް އަދި މޮޅެއް ހޯދިފައެއް ނުވެއެވެ.

އީގަލްސްއިން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ ފުރަތަމަ ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ފުރަތަމަ ހާފުގައި އީގަލްސްއިން ބޮޑަށް ކުރި ޖެހި ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބު ނުވި ނަމަވެސް، ދެވަނަ ހާފުގައި އީގަލްސް ބޮޑަށް ނުރައްކާ ކުރިއެވެ. ކުރީކޮޅުގައި އިސްމާއީލް އީސަ (މެސީ) ގެ ހަމަލާވެސް ގައްދޫގެ ކީޕަރު، ސާބިއާގެ ބޯޖާން ވުކްމިރޯވިޗް މަތަކުރި އިރު، އީގަލްސްގެ ލައިބީރިއާ ފޯވާޑް ވެން ޑޭމް ހާމޮން ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރެވެ.

އީގަލްސްއަށް 68 ވަނަ މިނެޓުގައި ލީޑު ނަގައިދިނީވެސް މެސީއެވެ. އޭގެފަހުން ގައްދޫން ގޯލެއް ޖަހަން މަސައްކަތް ކުރި ނަމަވެސް، އެންމެ ފަހުވަގުތު އީގަލްސްއިން ދެވަނަ ގޯލެއް ޖަހައި މެޗު ޔަގީންކުރިއެވެ. އެ ގޯލް ޖެހީ މުހައްމަދު ޖައިލަމް (އޮގީ)އެވެ.