އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންސާފު ނުލިބި ލަސްވާތީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ޖޭއެސްސީ ބައްދަލުވުމުގައި ހިއްސާކުރި ކަންބޮޑުވުންތަކާ ގުޅޭ މައުލޫމާތު ދިނުމަށް ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދި ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތްތަކަށް ސަރުކާރުގެ ނުފޫޒު އޮތީ ކިހާ މިންވަރަކަށްތޯ ސާފުކުރަން ބޭނުންވާ ވާހަކަ އެ ބައްދަލުވުމުގައި ދަންނަވާފައިވާނެ ކަމަށެވެ.
މީގެ އިތުރުން، ރައީސް ޔާމީނަށް ގާނޫނު އަސާސީން ލިބިދޭން ޖެހޭ ބައެއް ހައްގުތަކުން މަހްރޫމްކޮށް، ރައީސް ޔާމީންގެ ޝަރީއަތްތައް އަވަސް އަރުވާލައިގެން ކުރިއަށްގެންދާތީ އެކަމުގެ ކަންބޮޑުވުންވެސް ހިއްސާކޮށްފައިވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ބައެއް ފަނޑިޔާރުންގެ މައްސަލަތައް ނުބެލި ހުރި ސަބަބުތައްވެސް ސާފުކުރަން އެދިފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އެކަށީގެންވާ ޖަވާބެއް ޖޭއެސްސީން މިއަދު ލިބުނު ކަމަކަށް. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ ސަރުކާރުން ޖޭއެސްސީ މެދުވެރިކޮށް ނުފޫޒު ފޯރުވާކަން." އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޝަރީއަތްތަކާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާއެކު މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުން ވަނީ ދެ ފަހަރެއްގެ މަތިން ޖޭއެސްސީއަށް ގޮސްފައެވެ.
ޔާމީނަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. އާރަށް މައްސަލައިގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ނެންގެވުމުގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމާއެކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް އޮތީ ގެއްލިފައެވެ. ނަމަވެސް އެ ހުކުމް މަތީ މަރުހަލާގައި ބާތިލުކޮށްފިނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ.
އާރަށް މައްސަލައިގައި ޔާމީނަށް ޖަލު ހުކުމެއް އިއްވާފައިވާ އިރު، ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތްވެސް ކުރިމިނަލް ކޯޓުން މިހާރު ވަނީ ފަށައިފައެވެ.