ސިންގަޕޫރަށް އެއް ކިލޯގެ ކެނަބިސް އެތެރެކުރުމުގައި ބައިިވެރިވިކަން ސާބިތުވެ މަރުގެ ހުކުމް އިއްވާފައިވާ މީހަކާ ދެކޮޅަށް ހުރި ހެކިތައް ބަލިކަށިކަމަށް ބުނެ، އޭނާއަށް މަރުގެ އަދަބު ނުދިނުމަށް ގޮވާލައި އިހުތިޖާޖު ކުރަމުން ދަނިކޮށް، އެ މީހާ މިއަދު ދަންޖައްސައި މަރާލައިފި އެވެ.

ސިންގަޕޫރުގެ ގާނޫނުތައް ބުނާ ގޮތުން 500 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ޓްރެފިކް ކުރުމުން މަރުގެ އަދަބު ދެވިދާނެ އެވެ. ކެނަބިސް ޓްރެފިކް ކުރަން ހިތްވަރު ދިން ކަމުގެ ކުށް ސާބިތުވެ، ޓަންގާރާޖޫ ސުއްޕިއާ، 46،އަށް މަރުގެ ހުކުމް އިއްވާފައިވަނީ 2018 ވަނަ އަހަރު އެވެ.

ސިންގަޕޫރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓަންގަރާޖޫ ދަންޖައްސައި މަރާލާފައިވަނީ މިއަދު ހެނދުނުއެވެ. އަދި އޭނާގެ އާއިލާއަށް މަރުގެ ސެޓްފިކެޓް މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ކެނަބިސް ޓްރެފިކް ކުރުން ސާބިތުވެ، ޓަންގާރާޖޫ ދަންޖައްސައި މަރާލައިފައިވާއިރު، އޭނާ އެ އެތެރެކުރިކަން، ފުލުހުންނަށް ސީދާ ހޯދިފައެއް ނުވެ އެވެ.

ޓަންގާރާޖޫއަށް މައާފު ދިނުމަށް ސިންގަޕޫރުގެ ރައީސް ހަލީމާހު ޔަކޫބަށް އެކްޓިވިސްޓުން ވަނީ ސިޓީ ފޮނުވައިފަ އެވެ.

ޓަންގާރާޖޫ ދަން ޖައްސައި މަރާލިއިރު، ގިނަ ބަޔަކު އަންނަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ބްރީފިންގައި އެ ތަނުގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވެސް ވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތަކުގައި މަރުގެ އަދަބު ދިނުން "ރަސްމީކޮށް މަޑުޖައްސާލުމަށް" ސިންގަޕޫރު ސަރުކާރަށް ގޮވާލައްވައިފަ އެވެ.