ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅުވައިގެން، ޓެރަރިޒަމްގެ ދައުވާ ކުރާ އަބްދުﷲ އަލިމަނިކު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ދޫކޮށްލުމާ ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކޮށްދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން އެދި ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، (އެމަނިކުފާނުގެ ފެކްޝަނަށް ނިސްބަތްވާ) ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ހިމެނޭކަމަށް ދައުލަތުން ތުހުމަތުކުރާ ފަރާތެއް، ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށް މައާފުދީ ދޫކޮށްލާފައިވާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ދޫކޮށްލި ސަބަބެއް އޮޅުން ފިލުވަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމެޓީ)ން ދެފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔުލުނު ނަމަވެސް އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށް އެސިޓީގައި ހަސަން ލަތީފް ވިދާޅުވެފައިވާ ކަމަަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މީހުންގެ އަދަބު ލުއިކޮށްދެނީ، އެ މީހެއްގެ އަހުލާގީ ރިޕޯޓު ތައްޔާރުކުރުމަށްފަހު، އޭގެ މައްޗަށް ޑައިރެކްޓާ އޮފް ޕްރިޒަންސް ބެއްލެވުމަށްފަހުގައި ނަމަވެސް، "އެ މީހާ ޖަލުން ދޫކޮށްލީ 20 އޯގަސްޓް 2019 ގައި، އެހެންނަމަވެސް މެންބަރު (ހަސަން ލަތީފް) ފާހަގަ ކުރައްވާ ގޮތުގައި، އޭނާގެ އަހުލާގު ރިޕޯޓު ހަދާފައި ވަނީ އެކެއް ސެޕްޓެމްބަރު 2021 ގައިކަމަށް،" ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެ ދެ ތާރީހުގައި އެހާ ބޮޑު ތަފާތެއް ހުރުމުގެ އިތުރަށް ޝައްކު އުފެދޭ އެތައް ކަމެއް ހުރުމާއެކު، އެކަންކަމާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބޭތޯ ދަންނަވައިދެއްވުމަށް ހަސަން ލަތީފް އެދިވަޑައިގެންފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، "މީގެ އިތުރަށް އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިވާހަކަ ދަންނަވާނެ ގޮތެއް ހަމަ ހަގީގަތުގައިވެސް ނެތް،" ކަމަށެވެ.
މަޖިލިސް ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން މިހާރުވެސް ބައެއް މީހުންނަށް ވަނީ ދައުވާ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު