ޗެލްސީގެ ޑިފެންޑަރު ރީސް ޖޭމްސްއަށް އަނިޔާވެ، ސީޒަނުގެ ބާކީ ބައިގައި ނުކުޅެވޭނެ ކަމަށް ކޯޗު ފްރޭންކް ލެމްޕާޑު ބުނެފިއެވެ.
ޗެލްސީ މިވަގުތު އިނގިރޭސި ލީގު ތާވަލުގެ 11 ވަނައިގައި އޮތް އިރު، އެންމެ މުހިއްމު ޑިފެންޑަރު ޖޭމްސްއަށް އިތުރު އަނިޔާއެއްވުން ވެގެންދާނީ ބޮޑު ކަންބޮޑުވުމަކަށެވެ. ލަމްޕާޑު ބުނީ ޖޭމްސްގެ އިތުރުން މޭސަން މައުންޓްވެސް ސީޒަނުގެ ބާކީ ބައިގައި ފެންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ޖޭމްސްއަށް މިފަހަރުވެސް ދިމާވީ ފަލަމަސްގަނޑުގެ އަނިޔާއެކެވެ. މައުންޓް ކުޅުމާ ދުރަށް ދާން ޖެހުނީ އުކުޅުވަޅުގެ އަނިޔާއެއްގެ ސަބަބުންނެވެ. ލަމްޕާޑު ބުނީ މައުންޓުގެ އުކުޅުވަޅަށް އަނިޔާވެފައި ވަނީ ސީޒަނުގެ ތަންކޮޅެއް ކުރިން ކަމަށާއި، އެ އަނިޔާއާއެކު ބައެއް މެޗުތައް މައުންޓް ކުޅުނު ނަމަވެސް މިހާރު މަައިނާ ސާޖަރީއަކަށް ދާން ނިންމާފައިވާ ކަމަށެވެ. މައުންޓްގެ ސާޖަރީއަށްފަހު ހަތަރު ވަރަކަށް ހަފުތާ ރިކަރީގައި މަސައްކަތް ކުރާނެ ކަމަށްވެސް ލަމްޕާޑު ބުންޏެވެ.
ޗެލްސީން އެންމެފަހުން ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ޖޭމްސްގެ ފަލަމަސްގަނޑަށް އަނިޔާވި ނަމަވެސް، މެޗު ތެރެއިން އޭނާ ބާލަން ޖެހިފައެއް ނުވެއެވެ. އަނިޔާގައި ހުރެ ޖޭމްސް މެޗު ނިންމާލި އިރު، ސްކޭންތަކަށް ފަހު ޖެހުނީ ކުޅުމާ ދުރަށް ދާށެވެ.
ޗެލްސީގެ އެންމެ މުހިއްމު އެއް ޑިފެންޑަރު ޖޭމްސްއަށް މިއީ ގިނަ އަނިޔާތަކަކާ ކުރިމަތިލާން ޖެހުނު ސީޒަނެކެވެ. ޑިސެންބަރު މަހުގެ ތެރޭގައި ކަކުލަށް އަނިޔާވެ ގިނަ މެޗުތަކެއް ގެއްލިފައިވާ އިރު، ވޯލްޑް ކަޕްގެ ކުރިން ލިބުނު ކަކުލުގެ އަނިޔާގެ ސަބަބުން އޭނާއަށް ވޯލްޑް ކަޕުވެސް ގެއްލުނެވެ. ޖޭމްސްއަށް ވޯލްޑް ކަޕް ގެއްލުނީ ރަނގަޅު ފޯމެއްގައި ހުއްޓައެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ