ޚަބަރު

ފަރެސްމާތޮޑާ ސަރަހައްދުން ވެލި ނުނެގުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ގދ. ފަރެސްމާތޮޑާ ސަރަހައްދުން ކޮނެގެން ވެލިނެގުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، އިދިކޮޅު ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، ފަރެސްމާތޮޑާގެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން، ކަނޑުގެ ވަރަށް ދުރު ސަރަހައްދަކުން ނަގާފައިވާ ވެލި، އެ ޕްރޮޖެކްޓަށް ބޭނުން ކުރުމަށްފަހު ބާކީވާ ވެލިން 45000 ކޮޑި މީޓަރުގެ ވެލި ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުން ކުރުން އެންމެ ރަނގަޅު ކަމަށް އެންވަޔަރަމެންޓަށް ޕްރޮޓެކްޝަން އޮތޯރިޓީން ޕްލޭނިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް ފަރެސްމާތޮޑާގެ ފުޓުބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންވާ ވެލި، އެއާޕޯޓު ޕްރޮޖެކްޓްގެ ތެރެއިން ގެންދިއުމަށްޓަކައި ޔޫތު މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު މަޝްވަރާކޮށްގެންވެސް، ވެލި ނުލިބުމުގެ ސަބަބުން އެ މަސައްކަތް ފެށިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"ފަރެސްމާތޮޑާގެ ދެކުނުފަރާތް ހިއްކުމަށްޓަކައި ފަސް ނެގުމަށް، ސާވޭގައި ހިމެނިފައި ވަނީ އެތެރެ ވަރީގެ ދެ ތިލައަކުން ކަމަށްވީހިނދު، ފަރެސް މާތޮޑާއާ ގުޅިފައިވާ ސަރަހައްދު ކޮނެ، 45000 ކޮޑި މީޓަރުގެ ވެލި ފުވައްމުލަކަށް ގެންދިއުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެކަމުގެ ސަބަބުން މި ސަހަރައްދުގެ ވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް،"

އެހެންކަމުން ފުވައްމުލަަކަށް ވެލި ގެންދިއުމަށްޓަކައި، ފަރެސް މާތޮޑާއާ ގުޅިފައިވާ އެއްވެސް ހިސާބަކުން ކޮނެގެން ވެލި ގެންދިއުމަކީ ގަވާއިދާ ހިލާފަށް ކުރަމުންދާ ކަމަކަށްވާތީ މިހާރުން މިހާރަށް އެކަން ހުޓައިލުމަށް އެ ކުއްލި މައްސަލައިގައި ވަނީ ގޮވާލައިފައެވެ.

މި ކުއްލި މައްސަލަ ބަލައިގަނެ މަޖިލީހުގައި ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން އެ ކުއްލި މައްސަލަ ބަަލައިގަންނަން ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. އެ މައްސަލަ ބޭރުކޮށްލީ، 32 މެމްބަރުން މައްސަލައާ ދެކޮޅަށް ވޯޓު ދެއްވައިގެންނެވެ.