ޓޮޓެންހަމްއަށް މި ސީޒަނުގެ ކުރީކޮޅުގައި ކޯޗުކަން ކޮށްދިން އެންޓޯނިއޯ ކޮންޓޭ މަގާމުން ދުރުކޮށް، ކްލަބު ވަގުތީ ގޮތުން ހަވާލުކުރި ކޯޗު ކްރިސްޓިއަން ސްޓެލީނީވެސް މަގާމުން ވަކިކޮށްފިއެވެ.

ސްޓެލީނީ ކްލަބުގެ ވަގުތީ ކޯޗުކަމުން ވަކިކުރިކަން އިއްޔެ ޓޮޓެންހަމްއިން އިއުލާނު ކޮށްފައިވާ އިރު، އޭނާ ކޯޗުކަން ކޮށްދިނީ ޖުމުލަ ހަތަރު މެޗެއްގައެވެ. އެ ހަތަރު މެޗުގެ ތެރެއިން ޓޮޓެންހަމް މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އެޓީމުން އެވަޓަންއާ ދެކޮޅަށް އެއްވަރުވި އިރު، އެންމެފަހުން ކުޅުނު ދެ މެޗުން ވަނީ ބަލިވެފައެވެ. އެއީ ބޯންމައުތާއި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ.

އޭގެ ތެރެއިންވެސް ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗު ވެގެން ދިޔައީ ލަދުވެތި ނަތީޖާއަކުން ބަލިވި މެޗަކަށެވެ. އެ މެޗުން ޓޮޓެންހަމް ބަލިވީ 6-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ 21 މިނެޓުގައި ނިއުކާސަލްއިން ވަނީ ޓޮޓެންހަމް ކޮޅަށް ފަސް ގޯލު ޖަހައިފައެވެ.

މެޗަށްފަހު ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީ ވިދާޅުވީ "ބައްޔަކީ ގަބޫލުކުރެވޭނެ ބައްޔެއް ނޫން،" ކަމަށެވެ. ލެވީ އިތުރަށް ވިދާޅުވީ ބަލީގެ ޒިންމާ ކޯޗުންނާއި ކުޅުންތެރިންގެ އިތުރުން ބޯޑުންވެސް ނަގަން ޖެހޭ ކަމަށާއި، އަދި ވަކިން ބޮޑަށް އޭނާ އަމިއްލައަށް ބަލީގެ ޒިންމާ ނަގާ ކަމަށެވެ.

ބެލެވޭ ގޮތުގައި މިހާރު ޓޮޓެންހަމްގެ ކޯޗުކަމުގައި ވަގުތީ ގޮތުން ހުރީ ކްލަބަށް ކުރިން ކުޅުން ރަޔަން މޭސަން އެވެ. މޭސަންއަކީ 2021 ވަނަ އަހަރު ޖޯސޭ މޮރީނިއޯ މަގާމުން ވަކިކުރުމުންވެސް ހަވާލުވި ކޯޗެވެ.

ޓޮޓެންހަމް މިވަގުތު އޮތީ އިނގިރޭސި ލީގު ތާވަލުގެ ފަސްވަނައިގައެވެ. ހަތަރު ވަނައިގައި އޮތް ނިއުކާސަލްއާއި މެންޗެސްޓާ ޔުނައިޓެޑަށްވުރެ ހަ ޕޮއިންޓް މަދުން ޓޮޓެންހަމްއަށް ލިބިފައިވާ އިރު، ޓޮޓެންހަމް މިހާރު ވަނީ 32 މެޗު ކުޅެފައެވެ. ނިއުކާސަލް 31 މެޗު ކުޅެފައިވާ އިރު، ޔުނައިޓެޑް އަދި ކުޅުނީ 30 މެޗެވެ. އެހެންކަމުން ގަދަ ހަތަރެއް ހޯދުމަށް ޓޮޓެންހަމްއަށް އޮތީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ.