ކްލަބު ވެލެންސިއާގެ ސީނިއާ ޓީމަށް ގިނަ ޒުވާން ކުޅުންތެރިންތަކެއް ނެރެން ޖެހުނީ މަޖުބޫރީ ހާލަތެއްގައި ކްލަބު އޮތުމުން ނަމަވެސް، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް އަބަދުވެސް އޮންނާނީ ރަނގަޅު ވަގުތު ކަމަށް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.
ވެލެންސިއާއިން ދިފާއީ ޗެމްޕިއަނުންގެ ގޮތުގައި ޕްރެސިޑެންޓްސް ކަޕަށް ނުކުމެ ކުޅުނު ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ބަލިވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ މެޗުގައި އެޓީމުގެ ޒުވާން ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ބޭނުންކުރިތަން ފެނިގެން ގޮސްފައިވާ އިރު، އުމުރުން 14 އަހަރުގައި އީތަން އިބްރާހީމް ޒަކީ އާއި މުހައްމަދު އިލާން އިމްރާންވެސް ވަނީ ސީނިއާ މެޗަކަށް ނުކުމެފައެވެ. އޭގެ އިތުރުންވެސް އެޓީމުގައި 14 އަހަރުގެ އަހުމަދު ކައިން ގަޔާޝްވެސް ކޯޗު ބޭނުން ކޮށްފައިވެއެވެ. އެ ކުޅުންތެރިންނަކީ އެ އުމުރުފުރާތަކުގެ މުބާރާތްތަކުގައި އާދަޔާ ހިލާފު ރަނގަޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިންތަކެކެވެ.
ސްކޮޑުގައި ގިނަ ޒުވާން ކުޅުންތެރިންތަކެއް ހިމަނައި، ސީނިއާ ކުޅުންތެރިން މަދުކޮށް މިފަހަރު ވެލެންސިއާއަށް ނުކުންނަން ޖެހުނީ ސީޒަނަށް ސޮއިކުރި ބައެއް ސީނިއާ ކުޅުންތެރިން ރަޖިސްޓްރޭޝަން ނުނިމުމުންނެވެ. އެކަން ވެލެންސިއާއަށް ނުވީ ކުރިން ނުދެވި އޮތް މުސާރައިގެ މައްސަލަތަކުގައެވެ. އެހެންކަމުން އެޓީމުން މިފަހަރު ޕްރެސިޑެންޓްސް ކަޕްގައި ޓީމުގައި ބޭނުންކުރެވެން އޮތީވެސް ޒުވާން ކުޅުންތެރިންނެވެ. އެ ކުޅުންތެރިންނަށް ބަރޯސާ ވާން ޖެހިފައި މިއޮތް ހާލަތުގައި، އެ ކުޅުންތެރިން ސީނިއާ ޓީމަށް ނެރުނީ ރަނގަޅު "ޓައިމިން" ގައިތޯ ސުވާލުކުރުމުން ކޯޗު ފެސްކޯ ބުނީ އަބަދުވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން އެއީ ރަނގަޅު ވަގުތު ކަމަށެވެ.
"ދެ ވިސްނުމެއް އޮންނާނެ ކޮންމެ ކަމެއްގައިވެސް. އަޅުގަނޑުގެ ވިސްނުން ފުޓުބޯޅައިގައި އަބަދުވެސް ވަރަށް ބޮޑަށް ޕޮސިޓިވް ވާނެ. އަޅުގަނޑާއެކުގައި މަސައްކަތް ކުރާ ޓެކްނިކަލް ޓީމުވެސް އެކަމުގައި ވިސްނުން ދިމާވާނެ. އަޅުގަނޑުމެންގެ ވަރަށް ބޮޑު ވިސްނުމެއް އަބަދުވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ، ރަނގަޅު ބެކަޕެއް ބޭއްވުމަކީ،" ފެސްކޯ ބުންޏެވެ.
ވެލެންސިއާ އެ މެންޓާލިޓީ ސާބިތުކޮށްދޭން ފެސްކޯ ވަނީ އަމިއްލައަށް އޭނާގެ މިސާލުވެސް ޖަހައިފައެވެ. "އަޅުގަނޑު 26، 27 އަހަރު ވެލެންސިއާ ހެޑް ކޯޗުކަން ކުރަންވެސް ވެލެންސިއާ މެނޭޖުމަންޓުން ދިން. އޭގެ ނަތީޖާ ފެނިގެންދިޔަ. އޭރުގައި ވެލެންސިއާއަކީ މިހާރު މާޒިޔާ އޮތް ހާލަތުގައި އޮތް ޓީމެއް. އެވަރުގެ ޓީމެއް ލީޑުކޮށްލަން، އަޅުގަނޑު ކަހަލަ ޒުވާން ކޯޗަކާ ހަވާލުކުރާނީ މެނޭޖުމަންޓުން ޒުވާން ކޯޗުންނާއި ކުޅުންތެރިންނަށް ކުރާ އިތުބާރު. އޭތި އަދިވެސް ދެމެހެއްޓެމުން މިދަނީ،" ފެސްކޯ އިއްޔެ ގައުމީ ދަނޑުގައި ބޭއްވި ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
"މިއަދު ޓީމުގައި 15، 14 އަހަރުން ދަށުގެ 20 އަކަށް ކުޅުންތެރިން ހިމެނިގެން ނުކުތުމަކީ އެ ގަބޫލުކުރާ ގަބޫލުކުރުމުގެ ހަގީގަތް. މި ވަގުތަކީ އެންމެ ރަނގަޅުތޯ؟ އަސްލު ކޮންމެ ވަގުތަކީވެސް އެންމެ ރަނގަޅު ވަގުތު އެކަން ކުރަން. ދެން މީގައި އަޅުގަނޑުމެން ސީޒަނަށް ތައްޔާރުވުމަށް ކުރަން ބޭނުންވި ކަންކަން ބޭނުންވި ގޮތަކަށް ނުދިޔަ. ބައެއް ސީނިއާ ޕްލޭޔަރުން ސޮއިކުރުވި ނަމަވެސް، ކަން ދިމާކުރި ގޮތުން މި ޓްރާންސްފާ ޕީރިއަޑްގައި އެ ކުޅުންތެރިން ބޭނުމެއް ނުކުރެވުނު. އެހެންވެ އެއްކޮށް ޒުވާން ކުޅުންތެރިން ނެރެގެން މި ނުކުންނަން ޖެހެނީ. ނެގެޓިވް ވިސްނުމަކުން ވިސްނާނަމަ މިއީ އެންމެ ރަނގަޅު ޓައިމިންނަށް ނުވެދާނެ. އެހެން ނަމަވެސް ޕޮސިޓިވް ވިސްނުމުން ވިސްނާނަމަ މިއީ އެންމެ ރަނގަޅު ޓައިމް،" ފެސްކޯ އިއްޔެ އިތުރަށް ބުންޏެވެ.
ފެސްކޯ ބުނީ ރާއްޖޭން ބޭރުގެ ފުޓުބޯޅައިގެ "ނޯހައު" ބަލާލާނަމަ، ގައުމީ ޓީމުތަކަށް 16، 17 އަހަރު ކުޅުންތެރިން ކުޅޭ ކަމަށާއި އެ ކުޅުންތެރިންނަކީ ހަމައެކަނި އުމުރުފުރާގެ މުބާރާތްތަކެއް ކުޅެފައި، ނޫނީ ސްކޫލް މުބާރާތްތަކުން ގައުމީ ޓީމަށްދާ ކުޅުންތެރިން ނޫން ކަމަށާއި އެ ކުޅުންތެރިން އެންމެ ޒުވާން އުމުރުގައިވެސް ސީނިއާ ކްލަބު ފުޓުބޯޅަ ކުޅޭ ކަމަށެވެ.
"ދުނިޔޭގެ އެހެން ތަންތަނުގައިވެސް 14 އަހަރުގައި ސީނިއާ ޓީމުތަކަށް ކުޅޭ. އެހެންވީމަ ރާއްޖޭގައި އެކަން ނުކުރަންވީ ކީއްވެހޭ. އެހެންވީމަ މިއީ ބޭޑް ޓައިމިންއެއް ކަން ގަބޫލެއް ނުކުރެވޭ،" ފެސްކޯ ބުންޏެވެ.
ޕްރެސިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި މިރޭ 10:00 ގައި ވެލެންސިއާ އާއި އީގަލްސް ނުކުންނަ އިރު، ވެލެންސިއާއިން ފުރަތަމަ މެޗުގައި ސަސް އަތުން ބޮޑުކޮށް ބަލިވެފައި އޮތުމުން އީގަލްސް ކައިރިން ބޮޑު މޮޅެއް ހޯދައިގެން ނޫނީ އެޓީމަށް ސެމީއަށް ނުދެވޭނެއެވެ. އެއީ އީގަލްސް އެ ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުގައި ސަސް ބަލިކޮށްފައި އޮތުމުންނެވެ.
"އަޅުގަނޑަށް މިދިޔަ މެޗުގެ ޕާފޮމަންސް ރަނގަޅު. ނަތީޖާގެ ފަރަގު ތަންކޮޅެއް ބޮޑީ. ދެން ހާލަތު ވާހަކަ ދައްކާކަށް ޖާގައެއް ނެތް ކަންނޭނގެ އަސްލު. ވާދަވެރި މުބާރާތަކަށް ނުކުމެ ހުރިހާ މެޗެއްގައިވެސް ކުޅެން ޖެހޭނީ މޮޅުވާން. ހާލަތަށް ބަލައިގެން ނުކުޅެވޭނެ. އެކަން އެނގިތިބެ އަސްލު ބައިވެރިވީވެސް. މިދިޔަ މެޗުގައި ޓީމުގައި ތިބި ސީނިއާ ބައެއް ކުޅުންތެރިންނާ ޒުވާން ކުޅުންތެރިން ޕާފޮމަންސާ ދޭތެރޭ އަސްލު ހިތްހަމަ ޖެހޭ،" އެންމެފަހުން މެޗާ ގުޅޭ ގޮތުން ފެސްކޯ ބުންޏެވެ.
ފެސްކޯ ބުނީ އީގަލްސްއަކީ މި މުބާރާތަށް ތައްޔާރުވި ދެ ޓީމުގެ ތެރެއިން އެއް ޓީމު ކަމަށާއި މިރޭގެ މެޗު "ބޮޑު ޗެލެންޖަކަށް،" ވާނެ ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ ވެލެންސިއާ އަބަދުވެސް ނުކުންނާނީ ރަނގަޅު ނަތީޖާއަކަށް ކަމަށާއި އަބަދުވެސް ނުކުންނާނީ އަމިއްލަ "ޓެކްޓިކްސް" އެއްގައި އިދިކޮޅު ޓީމު ބަލިކުރަން ކަމަށެވެ.