އިނގިރޭސި އެފްއޭ ކަޕް ފައިނަލުގެ ފަހު ޖާގަ، މެންޗެސްޓާ ޔުނައިޓެޑުން ހޯދައިފިއެވެ.

ޔުނައިޓެޑުން 2018 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެފްއޭ ކަޕްގެ ފައިނަލް ޔަގީން ކުރީ ރޭ ވެމްބްލީގައި ކުޅުނު ސެމީ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން ބްރައިޓަން ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު 30 މިނެޓުވެސް ގޯލެއް ނުޖެހި އެއްވަރުވެގެން ނިމިފައިވާ އިރު، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޔުނައިޓެޑް މެޗު ކާމިޔާބު ކުރީ 7-6 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑުން ފައިނަލުގައި މެންޗެސްޓާ ސިޓީއާ ވާދަކުރަން ޖެހޭނީ އަންނަ ޖޫން މަހުގައެވެ. 1872 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އިނގިރޭސި އެންމެ ޒަމާންވީ ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްއޭ ކަޕްގެ ފައިނަލުގައި މީގެ ކުރިން މެންޗެސްޓާ ޑާބީއެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ސިޓީން ސީޒަނުގެ ތިން ތަށްޓަށް މަސައްކަތް ކުރަމުންދާ އިރު، ޔުނައިޓެޑް އޮތީ މިހާރު މި ސީޒަނުގެ ލީގު ކަޕް ހޯދައިފައެވެ. އެފްއޭ ކަޕްގެ ތަށި ދެޓީމަށްވެސް ވެގެންދާނީ މުހިއްމު ތަށްޓަކަށެވެ.

ރޭގެ ސެމީ ފައިނަލުގައި ދެޓީމުގެ ފަރާތުންވެސް އެންމެ އެކަށީގެންވާ ތަފާތު ކުޅުމެއް ފެނިފައިނުވާ އިރު، ދެ ގޯލުކީޕަރުންގެ ސޭވްތައް ފާހަގަވެގެން ދިޔައެވެ. ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ، ބްރައިޓަންގެ އާޖެންޓީނާ މިޑްފީލްޑަރު އަލެކްސިސް މެކް އަލިސްޓާ ޖެހި ބޯޅައިގެ އިތުރުން ޖޫލިއޯ އެންސިސްކޯ ޖެހި ބޯޅަ ވަނީ މަތަކޮށް ބޭރުކޮށްލައިފައެވެ.

އަނެއްކޮޅުން ބްރައިޓަންގެ ގޯލު ބެލެހެއްޓި ރޮބާޓޯ ސަންޗޭޒް ވަނީ އިތުރު ވަގުތުގައި މާކަސް ރަޝްފޯޑު ޖެހި ބޯޅައެއް ސޭވްކޮށްފައެވެ. އެ ހަމަލާ ދިޔައީވެސް ކުޅުންތެރިއެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

ގިނަ އަދަދެއްގެ ޕެނަލްޓީތަކެއް ފެނިގެން ދިޔަ މެޗުގައި ބްރައިޓަންއަށް ޕެނަލްޓީ ނާކާމިޔާބުކޮށްލީ ސޮލީ މާޗެވެ. އެ ޕެނަލްޓީ ނާކާމިޔާބުވެ، ޔުނައިޓެޑުން ޖެހި ހަތްވަނަ ޕެނަލްޓީ ވިކްޓޯ ލިންޑަލޮފް ކާމިޔާބުކުރުމުން 1983 ވަނަ އަހަރަށްފަހު ބްރައިޓަންއިން އެފްއޭ ކަޕުގެ ފައިނަލަށް ކުރި އުންމީދު ވަނީ ނާކާމިޔާބުވެފައެވެ.