ފުވައްމުލައް ސިޓީގައި މިއަދު ފެން ކުލަ ޖަހަން އުޅުނު ބައެއް ކައިރިން ސަލާމަތްވާން ވެގެން އުޅެނިކޮށް، ސައިކަލުން ވެއްޓި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
އެ އެކްސިޑެންޓުގެ މައުލޫމާތު އެނގޭ މީހަކު "ވަން" އަށް މިރޭ ބުނީ އެ ހާދިސާ ހިނގީ ނައިބުތުއްތު ހިނގުމުގައި ފެންކުލަ ޖަހަން ތިބި ގުރޫޕަކުން، އެ މަގުން ދުއްވާފައި ދިޔަ އަންހެނަކު ހުއްޓުވައި އޭނާގެ ގައިގާ ކުލަ ހޭކި ކަމަށާއި އަންހެން މީހާ ސައިކަލާއެކު ވެއްޓުނީ އެތަނުން ދިޔަ ފަހުން ކަމަށެވެ.
"(އަންހެން މީހާގެ ގައިގާ) ކުލަ ހާކާ ނިމުމުން އޭނާ ސައިކަލުގައި އެތަނުން ނައްޓާލި، އެ ގަޑީގައި އޭނާގެ ކުރިމައްޗަށް އެރީ ދަނޑުގައި ކުޅެން ތިބި ކުޑަކުދިންތަކެއް. އެ ވަގުތު އޭނާއަށް ރޭހާއި ބުރަކިއަށް ދޭއްޗަށް ހިފާލެވުނީ. އެހެންވެ ސައިކަލު ކާހަލީ. އޭނާއަށް ޕެނިކް އެޓޭކެއް ޖެހުނުހެން ހީވި، ނޭފަތުން ލޭވެސް އައި،" އޭނާ ބުންޏެވެ.
ފުވައްމުލައް ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ލިރާރު މިރޭ "ވަން" އަށް ވިދާޅުވީ، އަންހެން މީހާ ހޮސްޕިޓަލަށް ގެނައި އިރު، ދެ ކަންފަތުންނާއި ނޭފަތުން ލޭ އައިސްފައި ހުރި ކަމަށާއި ބޮލަށް ވަރަށް ބޮޑަށް އަނިޔާ ލިބިފައި ހުރި ކަމަށެވެ. އޭނާއަށް މިވަގުތު ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށްވެސް ވިދާޅުވިއެވެ.
ލިރާރު ވިދާޅުވި ގޮތުގައި، ބޮލަށް ލިބިފައިވާ އަނިޔާގެ ތަފުސީލު އެނގޭނީ ސީޓީ ސްކޭން ހެދުމުންނެވެ. އެ ސްކޭން ހެދުމަށް ޗާޓަރު ފްލައިޓެއްގައި އޭނާ އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އިން "ވަން" އަށް މިރޭ ބުނީ އެ އެކްސިޑެންޓްގައި ހިނގާފައިވަނީ ހަވީރު 5:48 ހާއިރު ކަމަށާއި ހާދިސާގައި އަނިޔާވީ 20 އަހަރުގެ އަންހެނަކަށް ކަމަށެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނުބުނެއެވެ.