ކަރަންޓް އިގްތިސޯދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ މި ދުވަސް ވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރެއްކަމަށް ލަފާކޮށްފައި ކަމަށެވެ. އެހެންވެ ކަރަންޓު އިސްރާފު ނުކުރުމަށާއި ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި އަދި ކަރަންޓު އިގްތިސޯދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެ ކުންފުނިން ބުނީ އޭސީ 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ބެހެއްޓުމާއި އިލެކްޓްރޯނިކް އާލަތްތައް ގަންނައިރު އިންވާޓާ ތަކެތި ގަތުމަކީ ކަރަންޓު އިގްތިސޯދު ކުރުމަށް ކުރެވިދާނެ ކަންކަން ކަމަށެވެ.
މެޓް އޮފީހުން އިއްޔެ ވަނީ އޭޕްރީލް މަހަކީ އަބަދުވެސް ރާއްޖެއަށް އެންމެ ހޫނުގަދަވާ މަސް ކަމުން، ބޭރު ތެރޭގައި އުޅޭއިރު ހޫނުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.
މެޓް އޮފީހުން ބުނީ މި މަހު އެހާ ހޫނު ގަދަވަނީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ކަމަށްވާތީ ކަމަށާއި މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށެވެ.
މެޓުން ބުނީ މި މަހު ރާއްޖޭގެ އެކި ހިސާބުތަކުގެ ފިނިހޫނުމިން 31.6-32.6 ޑިގްރީއަށް އަރާނެ ކަމަށެވެ. އަދި ހޫނުމިން އިހުސާސްކުރެވޭ މިންވަރު ބައެއް ހިސާބުތަކުގައި 42.3 ޑިގްރީއަށް އަރާނެ ކަމަށްވެސް ބުންޏެވެ.
އެހެންކަމުން ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް މި ދުވަސްވަރު ގިނައިން ފެންބުއިމަށާއި ހޫނުން ރައްކާތެރިވުމަށް ޓަކައި، ކުޑަ ބޭނުންކުރުމާއި ކުލަމަޑު ހަށިގަނޑު ނިވާވާ ފަދަ ހެދުން ލުމާއި ބޭރަށް ނުކުންނައިރު ސަން ލޯޝަން އަދި ބޮޑަށް ހިޔާވާ ކަހަލަ ތޮފި ބޭނުންކުރުން ފަދަ ކަންކަން ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި