އާސެނަލުން 2004 ވަނަ އަހަރަށްފަހު ލީގު ތައްޓަކަށް ކުރަމުން އަންނަ އުންމީދަށް ނިމުން ގެންނަން ދެން އޮތް ހަމައެކަނި ގޮތަކީ، ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން އޮތް މެޗުން މޮޅުވުން ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

މި ސީޒަނުގެ ބޮޑު ބައެއްގައި ލީގު ތާވަލުގެ އެއްވަނައިގައި ހިފަހައްޓަމުން އަންނަ އާސެނަލަށް ލީގު ރޭހުގެ ކޮންޓްރޯލް މިހާރު ވަނީ ގެއްލިފައެވެ. އެންމެފަހުން ލީގުގައި އެ ޓީމުން ކުޅުނު ތިން މެޗުންވެސް އެއްވަރުވެފައިވާ އިރު، ރޭ އަމިއްލަ ދަނޑުގައި އާސެނަލުން ފުލުގައި އޮތް ސައުތުހެމްޓަން ކައިރިން އެއްވަރުވީ 3-3ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗުގެ ފަހު ވަގުތު ކޮޅުގައި ދެ ގޯލު ޖަހައި އާސެނަލުން އެއްވަރުކުރި ނަމަވެސް، އެ ޓީމަށް ދެން ލީގު ޔަގީންކުރަން އޮތީ އުނދަގޫ މަގެކެވެ.

އާސެނަލުން 32 މެޗުން 75 ޕޮއިންޓާ އެކުގައި އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް ސިޓީއަށް 30 މެޗުން 70 ޕޮއިންޓް ލިބިފައިވެއެވެ. އަތުގައި އޮތް ދެ މެޗުން މޮޅުވެ، ސިޓީއަށް އާސެނަލް ފަހަށް ޖައްސާލުމުގެ ފުރުސަތު އެބަ އޮތެވެ. އާސެނަލަށް ލީގުގައި ބާކީ އޮތީ ހަ މެޗެވެ. އޭގެ ތެރެއިން އެއް މެޗަކީ އެ ޓީމުން ސިޓީއާ ދެކޮޅަށް އެތިހާދު ސްޓޭޑިއަމްގައި ކުޅެންޖެހޭ މެޗެވެ. އެހެންކަމުން އެ މެޗު ވެގެންދާނީ މި ސީޒަނުގެ ލީގު ރޭހުގައި ގޮތް ނިމިގެންދާނެ މުހިންމު މެޗަކަށެވެ.

"ސިޓީ އަތުގައި ދެ މެޗު އެބަ އޮތް. އަހަރެމެން ޗެމްޕިއަނުންނަށް ވާން ބޭނުންވާ ނަމަ، ސިޓީ ދަނޑަށް ގޮސް މޮޅުވާންޖެހޭ. އެއީ އޮތް ހަމައެކަނި ގޮތް،" ރޭގެ މެޗަށްފަހު އާޓެޓާ ބުންޏެވެ.

އާސެނަލް، 2015 ވަނަ އަހަރަށްފަހު ސިޓީ ދަނޑުގައި މޮޅުވެފައި ނުވާއިރު، އެ ތާރީހު ބަދަލުކޮށްގެން ނޫނީ 19 އަހަރަށްފަހު އާސެނަލަށް ލީގު ތަށި ހޯދަން އޮތީ އުނދަގޫ މަގެކެވެ. އާޓެޓާ ބުނީ ސިޓީގެ ކުރިމަތިލުމަށް އިންތިޒާރު ކުރާ ކަމަށާއި އެ މެޗުތަކަކީ ފުޓްބޯޅައިގައި ރަނގަޅު ފެންވަރުގެ ޓީމުތަކުން ކުރިމަތިލާން ބޭނުންވާ ކަހަލަ ޕްރެޝަރު ބޮޑު މެޗެއް ކަމަށެވެ.

"މުޅި ސީޒަން އެ މެޗަކަށް ބިނާވެފައި އޮތް މެޗަކަށް ސިޓީ މެޗު ވާނެ. އެހެންވީމަ އެއީ ޓީމުތަކުން ކުރިމަތިލާން ބޭނުންވާ ކަހަލަ މެޗުތައް. އަހަރެންގެ މި އޮތް ޒުވާން ޓީމުން، އެތައް ބައެއްގެ އުންމީދުތަކާ ހިލާފަށް ކުރަމުންދާ މަސައްކަތާއި ދައްކަމުންދާ ފެންވަރަށް އަހަރެން ތައުރީފުކުރަން. ވަރަށް ސާފުކޮށް ބުނަން ބޭނުންވޭ، ކޮންމެ ނަތީޖާއެއް ސީޒަނުން ނުކުތް ނަމަވެސް މި ކުޅުންތެރިން ދެކެ އަހަރެން ވަރަށް ލޯބިވޭ،" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ދެފަހަރަށް ޕްރިމިއާ ލީގު ހޯދި އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ ޒުވާން ޓީމެކޭ ބުނެ ބަހަނާއެއް ދައްކަން ބޭނުން ނުވާ ކަމަށާއި ސިޓީގެ މެޗަށް ނުކުންނާނީ ލީގު ތައްޓަށް އުންމީދު ގެއްލުވާ ނުލައި ކަމަށެވެ. "މިކަން އަދި ނުނިމޭ، އަދިވެސް އާސެނަލް މިއޮތީ ފަސް ޕޮއިންޓްގެ ލީޑެއްގައި،" ކަމަށް އާޓެޓާ ރޭގެ މެޗަށްފަހު ބުންޏެވެ.

ލީގުގައި ސިޓީއާއި އާސެނަލް ކުރިމަތިލާ މެޗު އޮންނާނީ 26 އޭޕްރީލް ވާ ބުދަ ދުވަހުގެ ރޭ، ރާއްޖެގަޑިން މެންދަމު 12:00 ގައެވެ.