ޕްރެސިޑެންޓްސް ކަޕް ގްރޫޕް ބީގެ ފަހު މެޗުގައި ބުރު ސްޕޯޓްސް ކްލަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބުރުން މާޒިޔާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ދެޓީމަށްވެސް ވަނީ މިފަހަރުގެ ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލުން ޖާގަ ލިބިފައެވެ. ގްރޫޕް ބީގައި ތިން ޓީމުންވެސް ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާ އިރު، ކޮންމެ ޓީމެއްވެސް ހޯދާފައިވަނީ ތިން ޕޮއިންޓެވެ. ފައިދާ ގޯލަށް ބަލާ އިރު، މާޒިޔާއަށް އެއްވަނަ ލިބެނީ ފައިދާ އެއް ގޯލުންނެވެ. ބުރާއި ޓީސީއާ ދެމެދުވެސް ފައިދާ އެއް ގޯލުގެ ފަރަގެއް އޮތް އިރު، ބުރަށް އޮތީ ފައިދާ އަދި ގެއްލުން ގޯލެއް ނެތިއެވެ. ޓީސީ އޮތީ ގެއްލުން އެއް ގޯލާއެކުގައެވެ.
މިއީ ބުރުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ، ކުޅެމުންދާ ފުރަތަމަ ސީޒަން ކަމަށްވާ އިރު، އެޓީމުން ފުރަތަމަ ޑިވިޝަނުގެ ދަތުރު ފެށީ ޕްރެސިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެގެންނެވެ. އެ މެޗުން ބުރު ބަލިވެފައި އޮތުމާއެކު ވަރުގަދަ މާޒިޔާއާ ދެކޮޅަށް ރޭ ނުކުތީ މޮޅުވުން މަޖުބޫރު މެޗަކަށެވެ. މެޗުގެ ކުރިން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މާޒިޔާ ބަލިކުރެވިދާނެ ކަމަށާއި، އެކަމަށް ވިސްނުމެއް ގެންގުޅޭ ކަމަށެވެ.
ރޭ މާޒިޔާ ބަލިކޮށް، ބުރުން ހޯދި މޮޅަކީ އެ ކްލަބުގެ ތާރީހުގައިވެސް ފުރަތަމަ ޑިވިޝަނުގައި ހޯދި ފުރަތަމަ މޮޅެވެ. މިދިޔަ ހައެއްކަ އަހަރު ދުވަހު ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު، އެންމެ ވަރުގަދަ ޓީމު މާޒިޔާ ބަލިކުރެވުން އެއީ ބުރަށް ފުރަތަމަ ޑިވިޝަނުގައި ހޯދުނު ތާރީހީ ކާމިޔާބެކެވެ. މާޒިޔާއަކީ މިހާރުވެސް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކުޅެމުންދާ، އަދި ބިދޭސީ ކުޅުންތެރިންގެ ބޮޑެތި ޓްރާންސްފާތަކަކާ އެކު ސީޒަނަށް ނުކުމެ ކުޅެމުންދާ ޓީމެކެވެ. ހާއްސަކޮށް އެޓީމުން ސީޒަނަށް ނުކުތީ ކާމިޔާބު ޓްރެއިނިން ކޭމްޕެއްވެސް ނިންމާލައިފައެވެ.
މާޒިޔާއިން ރޭގެ މެޗަށް ނުކުތީ އެޓީމަށް އަލަށް ގެނައި ޑިފެންޑަރު އެޑްގާރަސް ޒާސްކިސް ފުރަތަމަ 11 އަށް ނެރެގެންނެވެ. އޭގެ އިތުރުން ރޭގެ މެޗަށް އެޓީމުން ނެރުނު ފުރަތަމަ 11 ގައި ހިމަނާފައިވާ ގޯލްކީޕަރަކީ ހުސައިން ޝަރީފެވެ. އަނިޔާގެ ސަބަބުން މާޒިޔާގެ ލޯކަލް ދެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އާއި އަހުމަދު ނޫމާން (ހެލްމެޓް) ރޭގެ މެޗުގައި ފެނިފައެއް ނުވެއެވެ. އަނެއްކޮޅުން ބުރުން ނުކުތީ ޓީމަށް މާ ބޮޑު ބަދަލެއް ނުގެނެސްއެވެ. މެޗުގެ ފުރަތަމަ ކޮޅުގައި ބުރުގެ ކެޕްޓަން އަމްދާން އަލީއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އޭނާގެ ބަދަލުގައި ބޭންޑުގައި ކުޅެން ނުކުތީ އަހުމަދު ރަޝީދު (އަންމަޑޭ) އެވެ.
މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އެންމެ ފުރަތަމަ ހަމަލާ ފެނުނީ މާޒިޔާގެ ފަރާތުންނެވެ. އޭރިއާ ތެރެއިން ބިދޭސީ ފޯވަޑް ސްޓެފަން މިހަލޮވިޗަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅައިގައި އޭނާ ޖެހި ބޯޅަ ގޯލު ރޮނގުމަތިން ސާފުކޮށްލީ ޑިފެންޑަރު މުހައްމަދު ސާއިފެވެ. އޭގެ އިތުރުން ފުރަތަމަ ހާފުގައި ހަމްޒާ މުހައްމަދު (ހަމްޕު) އަރިމަތިން ކުރިއަށް ޖެހި އުފެއްދި ހަމަލާގައި ފޮނުވާލި ބޯޅަ މަތަކުރީ ބުރުގެ ގޯލްކީޕަރު ޝައިހާން އަލީއެވެ.
މެޗުގައި ބުރުން ނުރައްކާ ކުރަން ފެށީ ކައުންޓާ އެޓޭކް ފުރުސަތުތަކުގައެވެ. ފުރަތަމަ ހާފުގައި މުހައްމަދު ނާއިމާއި މުހައްމަދު ތަސްމީނުގެ ބާރު ދުވެލީގެ ނުރައްކާ މާޒިޔާގެ ފަހަތަށް ކޮށްފައިވާ އިރު، އެޓީމުން ލީޑު ނެގީ ހާފު ނިމެން ދަނިކޮށެވެ. އެ ގޯލަކީ މެޗުގެ 41 ވަނަ މިނެޓުގައި ބުރުގެ ސައިޑް ބެކް އިބްރާހީމް އުސަމާ ހަސަން މަޖީދު، ކަނާތްފަޅިން ކުރިއަށް ޖެހި ނެގި ހުރަސް، މާޒިޔާގެ ބިދޭސީ ޑިފެންޑަރު ޒާސްކިސް ފައިގައި ޖެހި ކީޕަރުގެ ހުސައިންގެ ކުޑަ ކަނުން ވަން ގޯލެކެވެ.
ބުރުގެ އެ ގޯލާއެކު މާޒިޔާ ހާސްކަމާއެކު ހާފު ނިންމާލި އިރު، ދެވަނަ ހާފަށް އެޓީމުން ވަނީ ބިދޭސީ މިޑްފީލްޑް ކުޅުންތެރިޔާ ހަލީލް ގަމާލްގެ ބަދަލުގައި، އަލަށް ޓީމަށް ގެނެސްފައިވާ އެލްޑާ ހަސަނޮވިޗަށް ފުރުސަތު ދީފައެވެ. އޭނާގެ މަސައްކަތާއެކު މާޒިޔާއިން މެދުތެރެއިން އުފައްދާ ހަމަލާތައް ދެވަނަ ހާފަށް އިތުރު ވެގެން ގޮސްފައިވާ އިރު، ހާފުގެ ކުރީކޮޅުގައި ސްޓެފަންއާއި ނާއިޒް ހަސަން (ދާދު)އަށް ލިބުނު ފުރުސަތުތައް ފާހަގަވިއެވެ. އަދި ވަކިން ހާއްސަކޮށް، މެޗުގެ 70 ވަނަ މިނެޓުގައި އިބްރާހީމް އައިސަމްއަށް ލިބުނު ހުސް ފުރުސަތެއް އޭނާ ނަގައިލިއެވެ.
ދެވަނަ ހާފުގައިވެސް ބުރުން ކައުންޓާގައި ނުރައްކާ ކުރަން މަސައްކަތް ކުރިއެވެ. މާޒިޔާއިން ޑޮމިނޭޓްކޮށް ކުޅެމުން ދިޔަ ނަމަވެސް، ބުރުން ރަނގަޅަށް ޑިފެންސްކޮށް ހަމަލާތަކަށް މެޗުގެ އޮއިވަރު ބަދަލުކުރަމުން ދިޔަ އިރު، ތަސްމީނުގެ ބާރު ހިލޭ ޖެހުމެއް ގޯލުގެ ބޭރަށް ދިޔައީ ހުރަސް ދަނޑިއާ ކައިރިންނެވެ. އަދި އޭނާ އޭގެ ފަހުން ފޮނުވާލި ހަމަލާ މަތަކުރީ މާޒިޔާގެ ގޯލްކީޕަރު ހުސައިނެވެ.
މެޗުގެ ޓެމްޕޯ ހިފަހައްޓަން މަސައްކަތްކޮށް މާޒިޔާއިން ކުޅެމުން ދަނިކޮށް، ބުރުން ދެވަނަ ގޯލެއް ޖަހައި އެޓީމު ސިއްސުވާލިއެވެ. 75 ވަނަ މިނެޓުގައި ބުރުން ދެވަނަ ގޯލެއް ޖެހީ އުސަމާގެ ހުރަސް އަތަށް ނަގަން އުޅުމުގެ ތެރޭގައި މާޒިޔާގެ ގޯލްކީޕަރު ހުސައިންގެ އަތުގައި ޖެހިފައި ވެއްޓުމުން، އޭރިއާ ތެރޭގައި ހުރި ހުސައިން ސާވިން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
އެ ގޯލާއެކު ބުރަށް ސެމީގެ އުންމީދު ބޮޑުވެ، މެޗު ފޯރިގަދަވެގެން ދިޔައެވެ. އޭރުގެ ނަތީޖާ އޮތް ގޮތުން ގްރޫޕުގެ އެއްވަނަ ލިބެން އޮތީވެސް ބުރަށެވެ. އެ އުންމީދުގައި ބުރު އޮއްވައި، މެޗަށް އަނބުރާ ވަނުމަށް މާޒިޔާއިން ކުރި މަސައްކަތުގައި ގޯލު ޖެހީ 79 ވަނަ މިނެޓުގައި އައިސަމް ޖެހި ޕެނަލްޓީއަކުންނެވެ. އެޓީމަށް ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން ސާއިފް، މާޒިޔާގެ ހަސަން ނަޒީމް (ޗޯޓު)އަށް ކުރި ފައުލަކުންނެވެ.
އޭގެ ފަހުން މާޒިޔާއިން ފުލުފުލުގައި ހަމަލާތަކަށް މަސައްކަތް ކުރަމުން ދިޔަ އިރު، މެޗު ނިމެން ދަނިކޮށް، އިތުރު ވަގުތުގެ ތެރޭގައި އައިސަމް ޖެހި ހިލޭ ޖެހުންވެސް ގޯލު މަތިން ޕަންޗުކޮށް ބޭރުކޮށްލީ ބުރަށް މޮޅަށް ކުޅުނު ގޯލްކީޕަރު ސައިހާނެވެ. އަދި އޭގެ ފަހުން ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ޕްރެސިޑެންޓްސް ކަޕް ގްރޫޕް ސްޓޭޖުގައި ދެން ބާކީ އޮތީ ގްރޫޕް އޭގައި އީގަލްސްއާއި ވެލެންސިއާ ކުޅެން އޮތް މެޗެވެ. އެ މެޗު އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭގައެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ