ޚަބަރު

މާރާމާރީ ހިންގުމަށް ފަހު ފިލައިގެން އުޅުނު ފައިހަށް ދައުވާކުރަނީ

ރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ސ. މަރަދޫ ފޭދޫ/ ރަށްދެބައިގެ، އިބްރާހިމް ފައިހް ނިޒާމް، 25 އ، ގެ މައްޗަށް ދައުވާކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ފައިހް ހޯދަމުން ދަނިކޮށް އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވީ، މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާގެ ބަންދުގެ މުއްދަތު އެކި ފަހަރުމަތިން އިތުރުކުރަމުން އައިސް އެންމެ ފަހުން ކޯޓުން އޭނާއަށް ދީފައިވަނީ ހަތް ދުވަހުގެ ބަންދުގެ މުއްދަތެވެ.

ފައިހްގެ ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުގައިވާ ގޮތުގައި އޭނާގެ މައްޗަށް މި ހަފުތާގެ ތެރޭގައި ދައުވާކުރުމަށް ކޯޓަށް ފޮނުވާނެއެވެ.

ފައިހް އަމިއްލައަށް ފުލުހުންނާ ހަވާލުވީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން އޭނާ ހޯދާތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ. އޭނާ ހައްޔަރު ކުރިޔަ ނުދިނުމަށްޓަކައި ފޮރުވައިގެން ގެންގުޅޭ ކަމަށް ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުވެސް ކުރިއެވެ. ނަމަވެސް އެ އެންމެން މިހާރު ވަނީ ދޫކޮށްލައިފައެވެ.