ޚަބަރު

އާދަމް ޝަރީފް ފިކުރެއްގެ ދިރުމަށް ޝުކުރު އަދާކުރި މައްސަލަ ބަލަން ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެ ދާއިރާގެ މަޖިލިސް ގޮނޑި އިދިކޮޅު ޕީޕީއެމަށް ކާމިޔާބު ކޮށްދިނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ކޮށްދިން މަސައްކަތް ފާހަގަކުރައްވައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފު ޝުކުރު އަދާކުރެއްވި މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އާދަމް ޝަރީފު ފިކުރެއްގެ ދިރުމަށް ޝުކުރު އަދާކުރެއްވީ މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އޭނާ ވިދާޅުވީ އެ ދާއިރާގެ ގޮނޑި ޕީޕީއެމަށް ހޯދައިދޭން ފިކުރެއްގެ ދިރުމުން ވަރަށް ބޮޑު އެހީތެރިކަމެއް ދިން ކަމަށެވެ.

އެކަމާ ނުރުހުންވެ، އާދަމް ޝަރީފުގެ ސުލޫކީ މައްސަލައެއް ބަލައިދޭން ހުށަހެޅީ ޕީޕީއެމްގެ ސެނެޓަރު އަދި ކުރީ އެންވަޔަރަމަންޓް މިނިސްޓަރު ތާރީގު އިބްރާހިމެވެ.

އޭނާ ސުލޫކީ ކޮމިޓީއަށް ފޮނުވި ސިޓީގެ ކޮޕީއެއް "ވަން" އަށް ލިބިފައިވާއިރު، އެ ސިޓީގައި ބުނެފައިވަނީ ފިކުރެއްގެ ދިރުމުން ކ. ގުރައިދޫ ދާއިރާގެ ކެމްޕެއިންގައި ޕީޕީއެމަށް ތާއީދުކޮށް މަސައްކަތް ކޮށްދެއްވި ކަމަށް ވިދާޅުވުމަކީ ވަރަށް ބޮޑު އިތުރުފުޅެއް ކަމަށެވެ.

އަދި އެ ވާހަކައިގެ ސަބަބުން ޕީޕީއެމަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބި ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ބައިބައިވުމަށް ދޮރެއް ހުޅުވިފައިވާ ކަމަށް ވިދާޅުވިއެވެ.

ތާރިގު ވިދާޅުވީ، އޭނާއަކީ ގުރައިދޫ ދާއިރާގެ ކެމްޕެއިން ފެށުނީއްސުރެ އެ ދާއިރާއަށް ގޮސް އެ ގޮނޑި ޕީޕީއެމަށް ކާމިޔާބު ކޮށްދިނުމަށް ދާއިރާގައި ހުރެގެން މަސައްކަތް ކުރި ބޭފުޅެއް ކަމަށާއި އެ ގޮނޑި ކާމިޔާބުކުރުމަށް ޕާޓީން ކުރި މަސައްކަތް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

"ހިތާމައަކީ އެކަން އެނގިނުލައްވާ މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެމްބަރު އާދަމް ޝަރީފު އުމަރު ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ކ. ގުރައިދޫ ދާއިރާގެ ކެމްޕެއިންގައި ޕީޕީއެމަށް ތާއީދުކުރި ކަމަށް ވިދާޅުވުމެވެ،" ތާރިގުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.