ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

ޑިޒައިން ބިލްޑް އުސޫލުން ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޮކްޓޯބަރު 30، 2019ގަ އެވެ.

އެ މަޝްރޫއުގެ ފަހުގެ މައުލޫމާތު ދެމުން އެމްޓީސީސީން މިއަދު ބުނީ، ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 76 ޕަސެންޓް އަދި އާ ހާބަރު ޗެނަލް ފުންކުރުމުގެ މަސައްކަތުގެ 86 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

ޖުމުލަ 68.80 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 471,380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 1788 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.