ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް 39 ޕަސެންޓް މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހާބާ ބްރިޖް އެޅުމުގެ މަސައްކަތުގެ 10 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑު އުސޫލުން ޕްލޭނިން މިނިސްޓްރީން ގައްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއަކީ 40.2 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން 23,017 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 232 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 320 މީޓަރުގެ ސްކޯރިން އޭޕްރަންއެއް ހެދުމާއި ބްރިޖެއް ހެދުމާއި 1600 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.