ޚަބަރު

ގުރައިދޫ ގޮނޑި ޕީޕީއެމަށް ހޯދައިދޭން ނަޝީދުގެ ފިކުރުގެ ދިރުމުން ކޮށްދިން މަސައްކަތަށް ޝަރީފުގެ ޝުކުރު

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެ ދާއިރާގެ މަޖިލިސް ގޮނޑި އިދިކޮޅު ޕީޕީއެމަށް ކާމިޔާބު ކޮށްދިނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ކޮށްދިން މަސައްކަތް ފާހަގަކުރައްވައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފު ޝުކުރު އަދާކުރައްވައިފިއެވެ.

ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަރާރު ހުށަހެޅުއްވަމުން އާދަމް ޝަރީފު ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ އިބްރާހިމް ޝާޒަށް މަރުހަބާ ދަންނަވައިފައެވެ.

އަދި ވިދާޅުވީ، ޕީޕީއެމަށް އެ ގޮނޑި ހޯދައިދިނުމަށް، އެ ޕާޓީގެ ކެންޑިޑޭޓު ހުސެއިން ރިޒާއަށް ވޯޓު ދިން އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށާއި އެ ގޮނޑި ޕީޕީއެމަށް ހޯދައިދޭން ފިކުރެއްގެ ދިރުމުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދިން ކަމަށެވެ.

"އިންތިހާބުގައި ވަރަށް ވާދަވެރިކޮށް މަސައްކަތް ކުރެއްވި އަދި ޕީޕީއެމަށް ވޯޓު ދެއްވި އެންމެހާ ބޭފުޅުންނަށް ވެސް އަޅުގަނޑުމެން ޝުކުރު ދަންނަވަމުން މި އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ފިކުރެއްގެ ދިރުމެއްގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާތީވެ އެ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން،" އާދަމް ޝަރީފު ވިދާޅުވިއެވެ.

މިއީ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މަޖިލީހުގެ ވޭތުވެދިޔަ ތިން ދައުރު ނުވަތަ 14 އަހަރު ގުރައިދޫ ދާއިރާގެ ގޮނޑި ފުރުއްވީ، ޕީޕީއެމްގެ ފަރާތުން މިދިޔަ ފެބްރުއަރީ މަހު އަވަހާރަވި އިބްރާހިމް ރިޒާއެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލުމަށް ރައީސް ނަޝީދުގެ ފެކްޝަނުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރިންވެސް ކުރެއްވިއެވެ.

ބައި-އިލެކްޝަން ބޭއްވުމުގެ ކުރިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި، ފައްޔާޒު އެކަން ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ޝާޒާ ދެކޮޅަށް ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރައްވާ ކަމަށެވެ.

ގުރައިދޫ މަޖިލިސް ގޮނޑި ހުސްވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކެންސަރު ބަލީގައި އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.

ވާދަވެރިކޮށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބު އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝާޒު ކާމިޔާބުކުރެއްވީ ސައްހަ ވޯޓުގެ ތެރެއިން 1346 ވޯޓުންނެވެ. އެއީ 50 ޕަސެންޓެވެ.

އިންތިހާބުގައި އެމްޑީޕީއާ ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ހުސެއިން ރިޒާ އާދަމަށް 1226 ވޯޓު (45.5 ޕަސެންޓް) ލިބިވަޑައިގެންނެވި އިރު، އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފަށް ލިބިވަޑައިގަތީ 122 ވޯޓެވެ. އެއީ 4.5 ޕަސެންޓް ވޯޓެވެ.