ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް މި ސީޒަނުގައި ކުޅެން ނިންމި ސަބަބަކީ، އެ ކްލަބު ނިސްބަތްވަނީ ކުޑަ އިރުންސުރެ އުޅެމުންދާ ސަރަހައްދަށް ކަމަށްވެފައި، ކްލަބަށް މިވަގުތު އެހީތެރިކަން ހޯދައިދެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް، ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.
އުމުރުން 37 އަހަރުގެ ދަގަނޑޭ މި ސީޒަނުގައި ސަސްއަށް ކުޅެން ނިންމައި، މިހާރު ވަނީ ޕްރެސިޑެންޓްސް ކަޕްގައި ކުޅުނު ފުރަތަމަ މެޗަށްވެސް ނުކުމެފައެވެ. ދަގަނޑޭގެ ކެޕްޓަން ބޭންޑްގައި ސަސްއިން ޕްރެސިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ވެލެންސިއާއާ ދެކޮޅަށް ނުކުމެ މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ދަގަނޑޭ ވަނީ ދެ ގޯލު ޖަހައިފައެވެ.
ދުނިޔޭގެ ނިސްބަތުންވެސް ގޯލު ޖެހުމުގެ ލިސްޓުގެ ކުރީ ސަފުގައި ގުނާލެވޭ ދަގަނޑޭއަށް ސަސް ވެގެންދާނީ، ލޯކަލް ލީގުގައި އޭނާ ކުޅޭ އަށްވަނަ ކްލަބަށެވެ. ރާއްޖޭގެ ކްލަބުތަކުގެ އިތުރުން ދަގަނޑޭ ވަނީ މެލޭޝިއާގެ ޕީޑީއާރްއެމްއާއެކު އެގައުމުގެ ދެވަނަ ޑިވިޝަނުގައި ތަފާތު ދައްކައި، ފުރަތަމަ ޑިވިޝަންވެސް ކުޅެފައެވެ.
ސަސްއަށް ސޮއިކޮށް، ރަސްމީކޮށް އެކަން އިއުލާނުކުރަން ދަގަނޑޭ އިއްޔެ މީޑިއާ ބައްދަލުކޮށްފައިވާ އިރު، މީޑިއާއަށް އޭނާ ބުނީ އިތުރު ކްލަބުތަކުގެ ހުށަހެޅުންތައްވެސް ހުއްޓައި، ސަސްއަށް ކުޅެން ނިންމީ، ކްލަބާއި އޭނާގެ ކެރިއަރުގެ ފެށުމާ ގުޅިފައިވާތީ ކަމަށެވެ.
"ކުޑަ އިރުއްސުރެ އުޅުނު ސަރަހައްދުގެ ޓީމު މިއީ. މުޅިން ރަށްޓެހިން މި ތިބީ މި ކްލަބްގެ ކަންކަމުގައި. ހަގީގަތުގައި އަބަދުވެސް ބޭނުންވެފައި ހުރީ ކެރިއަރުގެ ކޮންމެވެސް ހިސާބަކުން ސަސްއަށް ކުޅެން. ދެން، ސަސް މިހާރު އޮތް ހިސާބުން ކުރިއަށް ގެންދަން އެހީތެރިވެވޭނެ ހުރިހާ ގޮތަކުން ބައިވެރިވެގެން މި ކްލަބާއެކު ވެސް ކަންކަން ހާސިލުކުރުން އަމާޒަކީ،" ގައުމީ ޓީމަށް ރެކޯޑު އަދަދަކަށް ގޯލު ޖަހައިފައިވާ ދަގަނޑޭ، ސަސްގެ ހަތް ނަންބަރު ޖާޒީގައި ދައްކާލުމާއެކު އިއްޔެ ބުންޏެވެ.
ދަގަނޑޭ، ސަސްއާ ރަސްމީކޮށް ގުޅުމަށް އިއްޔެ ހަވީރު ސަސް ކެފޭގައި ބޭއްވި އިވެންޓުގައި ސަސްގެ ރައީސް އިސްމާއިލް އާތިފާއި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އާތިފް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން އެ އިވެންޓުގައި ސަސްގެ ސީނިއާ ޓީމުގެ އިތުރު ކުޅުންތެރިންނާއި އެކަޑެމީ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ ބައެއް ބެލެނިވެރިން ބައިވެރިވެފައިވެއެވެ.
ސަސްގެ ރައީސް އިސްމާއިލް އާތިފް ވިދާޅުވީ ސަސް ކްލަބް އުފެދިފައި މިއޮތް ސަރަހައްދަކީ ދަގަނޑޭގެ ކެރިއަރާ ހާއްސަ ގުޅުމެއް އޮތް ތަނެއް ކަމަށެވެ. އެގޮތުން ދަގަނޑޭ، ސަސްއަށް ކުޅުމަކީ އަބަދުވެސް ކްލަބުގެ މެނޭޖްމަންޓުން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމެއް ކަމަށާއި ކެރިއަރުގެ ކޮންމެ ހިސާބަކުން ނަމަވެސް ދަގަނޑޭ ސަސްއަށް ކުޅުން ހާއްސަވާނެ ކަމަށް އާތިފް ގަބޫލުކުރައްވައެވެ.
"މިއީ އަޝްފާގު އުޅެބޮޑުވި ސަރަހައްދު، މި ސަރަހައްދުގެ ޓީމެއް މިހާރު މި އޮތް ހިސާބުން ކުރިއަށް ގެންގޮސްދޭން އަޝްފާގުގެ ވެސް ހާއްސަ އަމާޒެއް އެބައޮތް. އެހެންކަމުން، މިއީ އަޝްފާގުގެ ކެރިއަރުގައި ވަރަށް ހާއްސަވާނެ ނިންމުމެއް ކަމަށް ގަބޫލުކުރަނީ. އެއީ މި ކްލަބާ ގިނަ ގޮތްގޮތުން އޭނާ ގުޅޭނެ. އަޝްފާގު ޓީމާ ގުޅުން މިއީ ޓީމުގެ މެނޭޖްމަންޓަށް ވެސް ލިބޭ ހިތްވަރެއް،" އާތިފް ވިދާޅުވިއެވެ.
އާތިފް އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރުން ކުޅިވަރަށް ކޮށްދެއްވާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމަށާއި، އޭގެ އިތުރުން ކުޅިވަރުގެ ކުރިއެރުމަށް އާބަންކޯއިން ދޭ އިސްކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސަސްއާ ގުޅިގެން އާބަންކޯއިން ކުޅިވަރަށް މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އާތިފް ވިދާޅުވިއެވެ.