މި މަހުގެ ހަތް ވަނަ ދުވަހު، ނ،. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62އ، ގެ މަރުގެ ތަގުގީގަށް އެރަށުގެ ބައެއް މީހުންގެ ފިންގަ ޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގައިފިއެވެ.
އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައީމާ މަރުވެފައި އޮއްވައި ފެނުނީ އޭނާގެ ހަބަރެއް ނުވެގެން، އާއިލާގެ ބަޔަކާއި ފުލުހުން ގޮސް އަންނާރުމާގޭގައި އޭނާ ދިރިއުޅޭ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަން އިރުގައެވެ. އެއިރު ލެއިން ތަތްތެޅިފައި ތަޅުންގަނޑުމަތީގައި ނައީމާގެ ހަށިގަނޑު އޮތެވެ. ނައީމާގެ ހަށިގަނޑު ފެނުނު އިރު ހަށިގަނޑުގައި ގިނަ ޒަހަމްތަކެއް ހުއްޓެވެ. އެގޮތުން ކަރުންވެސް ފުން ޒަހަމްތަކެއް ފެންނަން ހުރިކަން އެނގިފައިވެއެވެ.
ނައީމާގެ މަރަށް ހަފުތާއެއް ވެފައިވާއިރު، މިހާތަނަށް އެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މަނަދޫގެ ބައެއް މީހުންގެ ފިންގާ ޕްރިންޓާއި ޑީއެންއޭ ސާމްޕަލް ވަނީ ނަގައިފައެވެ.
"ފުލުހުން ބުނި ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަކަމަށް. ދެން ސާމްޕަލްތަކެއް ނަގަމުން އަންނަ ކަމަށް ބުނި. އިތުރު ތަފްސީލެއް އެ ބޭފުޅުން ހާމައެއް ނުކުރޭ" ނައީމާގެ މަރާ ގުޅިގެން މަނަދޫ ކައުންސިލުން އެ ރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ ޓީމާއެކުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކާ ގުޅޭ ގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްރަހުމާން މިއަދު ސަބީހު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ފިންގާ ޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގާފައިވަނީ ހުކުރު ދުވަހު ނައީމާ ދިރިއުޅޭ އަންނާރުމާގެ ކައިރިއަށް އޭނާ ހޯދަން ދިޔަ ބައެއް މީހުންނާއި އެ ދުވަހު އެ ގެ ކައިރީ ހަރަކާތްތެރި ކަމަށް ބެލެވޭ މީހުންގެ އިތުރުން އާއިލާގެ ބައެއް މީހުންގެއެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ނައީމާގެ އާއިލާއިންވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ނައީމާގެ މަރުގެ ތަގުގީގަށް ފުލުހުން އަންނަނީ އެރަށުގެ އާއްމުންނާވެސް ސުވާލު ކުރަމުންނެވެ. އެގޮތުން ބައެއް ގޭގެއަށް ގޮސް ނައީމާ އެންމެ ފަހުން ފެނުނީ ކޮންއިރަކުތޯ އާއި ނައީމާއާ އޮންނަ ގުޅުމާ ގުޅޭ ގޮތުން ސުވާލުކޮށްފައިވާކަން އެނގިފައިވެއެވެ. އަދި ނައީމާގެ ހަބަރެއް ނުވެ ހިނގައި ދިޔަ ދުވަސްތަކުގައި ޝައްކު ކުރެވޭ ކަމެއް ރަށު ތެރެއިން ފެނިފައިވޭތޯވެސް ފުލުހުން ސުވާލުކޮށްފައިވެއެވެ. މީގެ އިތުރުން ނައީމާ މަރުވެފައި އޮއްވައި ފެނުނު ގޭގެ ކުރިމައްޗަށް ކަހަލަ ގޮތަކަށް ހުންނަ ވޯކް ސައިޓްގައި މަސައްކަތް ކުރާ ބިދޭސީންނާވެސް ސުވާލުކޮށްފައިވެއެވެ.
ނައީމާގެ މަރާ ގުޅިގެން ފުލުހުން ވަނީ އެރަށު ފަޅު ގޯއްޗެއްވެސް ބަލައިފާސްކޮށްފައެވެ. ނަމަވެސް އެތަނުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވެއެވެ.
ނައީމާގެ މަރާ ގުޅޭ ގޮތުން މަނަދޫގައި ތަފާތު ގޮތް ގޮތަށް ވާހަކަތައް ދެކެވެމުންދާ އިރު، ނައީމާގެ މަރަކީ މަނަދޫގެ ތާރީހުގައިވެސް ހިނގައި ދިޔަ އެންމެ އަނިޔާވެރި މަރެވެ. އެ މަރާ ގުޅިގެން މަނަދޫގެ ބައެއް މީހުންނަށް ނަފުސާނީ ގޮތުން އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
ނައީމާގެ މަރާ ގުޅިގެން އޭނާ މަރުވެފައި އޮއްވައި ފެނުނު އަންނާރުމާގޭ ސަރަހައްދު ބަންދުކޮށް ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، މަރުގެ ތަހުގީގަށްވެސް ގިނަ އަދަދެއްގެ ފުލުހުން އަންނަނީ އެރަށުގައި ރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ފޮރިންސިކް ޓީމްތައްވެސް ހިމެނެއެވެ.
ނައީމާގެ މަރުގެ ތަހުގީގު ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ފުލުހުންގެ ޓީމަކުން ވަނީ ނައީމާގެ އާއިލާއަށްވެސް މައުލޫމާތު ހިއްސާކޮށްފައެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ނަގަން ޖެހޭ ސާމްޕަލްތައް ނެގުމަށް ފަހު، ނައީމާގެ ހަށިގަނޑު މިމަހުގެ އަށް ވަނަ ދުވަހުގެ ހަވީރު ވަނީ މަނަދޫ ސަހަރާގައި ވަޅުލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު