ދެވަނަ ޑިވިޝަނާއި އެފްއޭ ކަޕްގައި ވާދަކުރަމުން އަންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ޕާކިސްތާނު ގޯލްކީޕަރެއް ގެންނަން ނިންމުމާއެކު އެ ކްލަބާ ދާދި ފަހުން ގުޅުނު ދިވެހި ތަޖުރިބާކާރު ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ހިތްހަމަނުޖެހުން ފާޅުކޮށް، ރިލީސްއަށް އެދިއްޖެއެވެ.

ތޮލާލް "ވަން"އަށް ބުނީ ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގެ އިތުރުން ދެވަނަ ޑިވިޝަނުގެވެސް އިތުރު ޓީމަކުން އޮފާ ލިބިފައިވަނިކޮށް ނިއުއަށް ދިޔައީ އެ ޓީމުން ދިވެހި ކީޕަރުންނަށް ބަރޯސާވާނެ ކަމަށް ބުނެފައިވާތީ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ނިއު ކަހަލަ ބޮޑު ކްލަބަކަށް ކުޅެ، އެ ކްލަބު ފުރަތަމަ ޑިވިޝަނަށް ނަގަން ކުރަން ޖެހުނު މަސައްކަތް އިހުލާސްތެރި ކަމާއެކު ކޮށްދިނުމުގެވެސް ވިސްނުމުގައި ކަމަށެވެ.

"ނިއުއަށް ސޮއިކުރީ އެއީ ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބަށްވެފައި، އެ ކްލަބު ފުރަތަމަ ޑިވިޝަނަށް ކޮށްދޭން ޖެހުނު ކޮންމެ ކަމެއްވެސް ކޮށްދޭން ތައްޔާރުވެގެން. ފުރަތަމަ ސޮއިކުރި އިރު، ކްލަބުން ބުނި ދިވެހި ކީޕަރުންނަށޭ ބަރޯސާ ވާނީ. އެހެންވެ އެ އިތުބާރު، އެ ވޯޑް ދިނީމަ ސޮއިކުރީވެސް. އެކަމަކު މުޅިން އެހެން ގޮތަކަށް ކަންތައް ދިމާވީ. އެހެންވެ އިތުރު ފުރުސަތެއް ބޭނުންވާތީ މިހާރު ރިލީސްއަށް އެދިފައިވާނީ،" ތޮލާލް ބުންޏެވެ.

އޭނާ ބުނީ ދިވެހިން، ދިވެހި ކީޕަރުންނަށް އިތުބާރު ނުކުރުމަކީ ވަރަށް ބޮޑަށް ދިމާވާ މައްސަލައެއް ކަމަށާއި އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި، އިތުރު ގޯލްކީޕަރެއް ގެންނަން ނިއުއިން ވިސްނުމާއެކު އެކަމުގައި ވަރަށް ބޮޑަށް މާޔޫސްވެފައި ހުރި ކަމަށެވެ.

ތޮލާލަކީ ރާއްޖޭގެ ގިނަ ކްލަބުތަކަށް ކުޅެފައިވާ ކީޕަރެކެވެ. ހާއްސަކޮށް 2014 ވަނަ އަހަރު ޓީސީ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނުމުގައިވެސް ތޮލާލް މުހިންމު ދައުރެއް އަދާކުރިއެވެ. އަދި އޭގެ ފަހުން ގިނަ ކްލަބުތަކަކަށް ކުޅެ، 2018 ވަނަ އަހަރު ޔޫވީ ރެލިގޭޝަނުން ސަލާމަތްކޮށްދިނުމުގައިވެސް ތޮލާލް މުހިންމު ދައުރެއް ކުޅެފައިވެއެވެ. 2018 ވަނަ އަހަރު ރާއްޖެއިން ސާފު ޗެމްޕިއަންޝިޕް ހޯދި ގައުމީ ޓީމުގެ ސްކޮޑުގައިވެސް ތޮލާލް ވަނީ ހިމެނިފައެވެ.

ނިއުއިން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ލޯކަލް ގިނަ ކުޅުންތެރިންތަކެއްގެ ސޮއިވެސް ހޯދާފައިވާ އިރު، ގެނައި ފުރަތަމަ ބިދޭސީ ކުޅުންތެރިޔަކީ ޕާކިސްތާނުގެ ތިންވަނަ ކީޕަރު އަބްދުލްބާސިތެވެ.

ޓީމުގެ ކޯޗުކަމަށް އަހުމަދު ނިމާދު (ނިމާ) ހަމަޖައްސާފައިވާ އިރު، ނިއުގެ ޗެއާމަން އަހުމަދު ވާސިފް "ވަން"އަށް ވިދާޅުވީ ކުޅުންތެރިން ހޯދަމުން ދަނީ ކޯޗުގެ ވިސްނުމަށް ކަމަށާއި ބިދޭސީ ކީޕަރެއް ގެންނަންވެސް ނިންމީ ކޯޗު ކަމަށެވެ.

ވާސިފް ބުނީ ތޮލާލް ރިލީސްއަށް އެދިފައިވާ ކަމަށާއި އޭނާއަށް ރިލީސް ދޭން މިހާރު ކޯޗުވެސް އެއްބަސްވެފައިވާ ކަމަށެވެ.

ދަރަނީގެ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް ނިއު، ގިނަ ދުވަސްތަކެއް ވަންދެން ފުޓުބޯޅައިން ސަސްޕެންޑް ވެފައި އޮތުމަށްފަހު އަލުން އެނބުރި އައީ މިދިޔަ ސީޒަނަށެވެ. އެ ކްލަބުގެ މެނޭޖުމަންޓުން ބޮޑު ދަރަންޏަކާ ހަވާލުވެ، މިހާތަނަށް ބައެއް ދަރަނިތައް އަދާކޮށްފައިވާ އިރު، އަދިވެސް ބައެއް ކުޅުންތެރިންނަށް ދޭން ޖެހިފައި އޮތް މުސާރަތައް އޮތީ ދީ ނުނިއްމިއެވެ. މިހާރުގެ މެނޭޖުމަންޓުން މައުލޫމާތު ދީފައިވާ ގޮތުގައި އެޓީމުން މި ސީޒަނަށް ނުކުންނާނީ އެ ހުރިހާ ދަރަންޏެއް ހަލާސްކޮށްފައެވެ.