Close
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

ދަގަނޑޭގެ ގޯލުތަކާއެކު ސަސްއިން ވެލެންސިއާ ކައިރިން ބޮޑު މޮޅެއް ހޯދައިފި

މުޙައްމަދު ޝަމްޢޫން

ޕްރެސިޑެންޓްސް ކަޕް ގްރޫޕް އޭގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ކުޅުނު މެޗުގައި ކްލަބު ވެލެންސިއާ ކައިރިން ބޮޑު މޮޅަކާއެކު މުބާރާތް ފަށައިފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ސަސްއިން ވެލެންސިއާ ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަކީ ދެ ޓީމުންވެސް ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ.

މޮޅާއެކު ސަސްއިން ވަނީ ގްރޫޕް އޭ އިން ސެމީގެ އުންމީދު ބޮޑުކޮށްފައެވެ. އެ ގްރޫޕުގައި ދެން ކްލަބު އީގަލްސް އޮތް އިރު، ވެލެންސިއާ ކައިރިން އީގަލްސް މޮޅުވެއްޖެ ނަމަވެސް، ސަސްއަށް ދެން ސެމީއަށް ފުރުސަތު އޮންނާނެއެވެ. މިފަހަރު ޕްރެސިޑެންޓްސް ކަޕްގައި ހަ ޓީމަކުން ވާދަކުރާ އިރު، މެޗުތައް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ.

ވެލެންސިއާއަކީ މިދިޔަ އަހަރުގެ ޕްރެސިޑެންޓްސް ކަޕް ޗެމްޕިއަން ޓީމެވެ. މިދިޔަ އަހަރު ވެލެންސިއާއިން ކްލަބުގެ ތާރީހުގައި ހަތަރު ވަނަ ފަހަރަށް ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރީ ރ. އަލިފުށީގައި ކުޅުނު ފައިނަލް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށްފައެވެ. އެއީ 2016 ވަނަ އަހަރަށްފަހު ވެލެންސިއާއިން ތަށްޓެއް ހޯދި ފުރަތަމަ ފަހަރުވެސް މެއެވެ. އޭގެ ފަހުން ވެލެންސިއާ ދެވަނަ ޑިވިޝަނަށްވެސް ގޮސްފައިވާ އިރު، އެޓީމުން 2016 ވަނަ އަހަރު ކާމިޔާބުކުރީ އެފްއޭ ކަޕެވެ.

ވެލެންސިއާއިން އެންމެފަހުގެ ޗެމްޕިއަނުންގެ ގޮތުގައި މި ސީޒަނަށް ނުކުތް ނަމަވެސް، އެޓީމުވެސް މިފަހަރުގެ މުބާރާތަށް އޮތީ އުނދަގޫ ހާލަތެއްގައެވެ. ހަފުތާއެއްހާ ދުވަހުގެ ޕްރެކްޓިސްއަށްފަހު މިރޭގެ މެޗަށް ޓީމު ނުކުތީ ޒުވާން ޓީމުގެ ގިނަ ކުޅުންތެރިންތަކެއްވެސް ސީނިއާ ޓީމުގައި ހިމަނައިގެންނެވެ. އެގޮތުން އުމުރުން 14 އަހަރުގެ އީތަން އިބްރާހީމް ޒަކީއާއި ޒުވާން ކުޅުންތެރިޔާ މުހައްމަދު ޖޫދު އަސްފާގުގެ އިތުރުން ދައްޔާން އަހުމަދުވެސް ވެލެންސިއާގެ ފުރަތަމަ 11 އިން ފާހަގަކޮށްލެވުނެވެ. ވެލެންސިއާއަށް މި ސީޒަނަށް އަލަށް ގެންދިޔަ ރިލުވާން ވަހީދު (ރިލޭ) އާއި އިބްރާހީމް ވަހީދު ހަސަން (އިއްބެ) މިރޭގެ މެޗަށް ނުކުމެފައި ނުވަނީ ޓްރާންސްފާގެ ކަންކަން އެއްކޮށް ނުނިމޭތީއެވެ.

އަނެއްކޮޅުން ސަސްއިން މިރޭގެ މެޗަށް ނުކުތީ އެ ކްލަބުގެ ހިންގުމުގައިވެސް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ލެޖެންޑަރީ ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) ގެ ކެޕްޓަނު ކަމުގެ ދަށުގައެވެ. ދަގަނޑޭ މި ސީޒަނަށް ސަސްއާއެކު ނުކުމެފައިވާ އިރު، މިއީ އޭނާ ކުޅޭ ލޯކަލް އަށްވަނަ ކްލަބެވެ. އަދި މިއީ ސަސް ޖާޒީގައި ފެނިގެންދާ ފުރަތަމަ ފަހަރުވެސް މެއެވެ.

މިރޭގެ މެޗު ސަސްއިން ރަނގަޅަށް ފަށައި، ވެލެންސިއާއަށް ޕްރެޝަރު ކޮށްލިއެވެ. ހާއްސަކޮށް މެޗުގެ ކުރީކޮޅުގައި ސަސްއިން ފުލުފުލުގައި ދެ ގޯލު ޖަހައި މެުޗުގެ ކޮންޓްރޯލުވެސް ހޯދިއެވެ. ހަތަރު ވަނަ މިނެޓުގައި ސަސްއިން ލީޑު ނެގީ އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުންނެވެ. އަރިމަތިން އަހުމަދު އައިހަމް (އައިހު) ކުރިއަށް ޖެހި ވެލެންސިއާގެ ޑިފެންޑަރު ނައްޓާލައި، އޭރިއާ ތެރެއަށް ނަގައިދިން ބޯޅައިގައި ދަގަނޑޭ ގޯލު ޖެހީ ފަސޭހަކަމާއެކު ބޯޅަ ކޮންޓްރޯލު ކޮށްލައިފައި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

އެ ގޯލާއެކު ވެލެންސިއާއަށް ރަނގަޅަށް މެޗަށް ނުވަދެވިގެން އުޅެނިކޮށް، ހަވަނަ މިނެޓުގައި ސަސްއިން އަނެއް ގޯލުވެސް ޖެހިއެވެ. ސަސްގެ ދެވަނަ ގޯލަކީ ވެލެންސިއާގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި އިބްރާހީމް އަތީގު ޖަހައިދިން ގޯލެކެވެ.

މެޗުގެ ބޮޑުބައެއްގައި ސަސްއިން ނުރައްކާކޮށް ކުޅުނު އިރު، އަތީގުގެ އިތުރު ހަމަލާއެއް ގޯލްކީޕަރު އާދަމް އިމްއާން ވަނީ މަތަކޮށްފައެވެ. އަދި އޭގެ އިތުރުން ދަގަނޑޭ އުފެއްދި ދެ ހަމަލާއެއް ގޯލާ އަމާޒުނުވެ މަތިންވެސް ގޮސްފައިވެއެވެ. ފުރަތަމަ ހާފުގައި ވެލެންސިއާއަށް އެންމެ އެކަށީގެންވާ ހަމަލާއެއް އުފެއްދިފައި ނުވާ އިރު، މެދުތެރެއިން އީތަން ދެމިގަނެ ދިން ބޯޅަ ފޯވަޑަށް ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. އަދި އަބްދުﷲ ޔާމީން ޖެހި ބޯޅައިގައި މާ ބޮޑު ބާރެއް ނެތި ދިޔައީ ސަސްގެ ކީޕަރު އަތަށެވެ.

ދެވަނަ ހާފަށް ޓީމުތައް ނުކުތްތަނާހެން ދަނޑުގެ މަޖީދީމަގު ފަޅީގެ އެއް ފަރާތުގެ ލައިޓް ޕޯސްޓް ނިވި، ކޮންމެވެސް ވަރަކަށް އަނދިރިވި ނަމަވެސް ރެފްރީންނާއި މެޗު ކޮމިޝަނަރު ނިންމީ މެޗު ކުރިއަށް ގެންދިއުމަށެވެ. އެ ފަޅީގެ ލައިޓްތައް ފަހުން ވަނީ ދިއްލިފައެވެ. ދެވަނަ ހާފަށް ކުޅުން ރަނގަޅު ކުރުމަށް ވެލެންސިއާއިން އުމުރުން 14 އަހަރުގެ އުންމީދީ ފޯވަޑް، މުހައްމަދު އިލާން އިމްރާން މެޗަށް ނެރެފައިވެއެވެ.

އިލާންއަށް ބޯޅަ ސަޕްލައި ކުރުމުގައި ވެލެންސިއާއަށް އުނދަގޫތައް ކުރިމަތިވެފައިވާ އިރު، އަނެއްކޮޅުން ސަސްގެ ފޯވަޑް ލައިނުން ދަގަނޑޭ ނުރައްކާކުރިއެވެ. ދެވަނަ ހާފު ފެށިގެން ދެ މިނެޓް ހިނގިތަނާ ދަގަނޑޭއަށް ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ ދިޔައީ ވެލެންސިއާ ގޯލްކީޕަރު އަތަށެވެ. އެހެން ނަމަވެސް އޭގެ 10 ވަރަކަށް މިނެޓް ފަހުން، 58 ވަނަ މިނެޓުގައި ސަސްގެ ތިންވަނަ ގޯލު ޖެހިއެވެ. އެ ގޯލަކީ ކޯނަރެއް ގޯލު ތެރެއަށް އޮޅާލައި، މުހައްމަދު ސަހާއު (ބޭލް) ޖެހި ގޯލެކެވެ.

އޭގެ ހަތަރު މިނެޓް ފަހުން، ސަސްގެ ހަތަރު ވަނަ ގޯލެއްވެސް ފެނިގެން ދިޔައެވެ. އެ ގޯލަކީ ދަގަނޑޭގެ ހިތްގައިމު ގޯލެކެވެ. ހާފު މެދެއްހާ ހިސާބުން 61 ވަނަ މިނެޓުގައި ދަގަނޑޭ ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ސީދާ ގޯލުގެ މަތީ ކަނަށެވެ.

އޭގެ ފަހުންވެސް ސަސްއިން ނުރައްކާކޮށް، ހަމަލާތައް އުފައްދާފައިވާ އިރު، އެޓީމަށް އިތުރު ގޯލެއް ޖެހުމަށް ބަދަލަކަށް ނުކުތް އަލީ ނަސޫހު ރަޝީދު (ޕިލާ) އަށް ލިބުނު ދެ ފުރުސަތެއް އޭނާ އަތުން ބޭކާރުވެގެން ދިޔައެވެ. މެޗުގެ 83 ވަނަ މިނެޓުގައި ސަސްއިން ފަސްވަނަ ގޯލެއް ޖެހި އިރު، ޕިލާގެ ދައުރު އެ ގޯލުގައި ބޮޑެވެ. ސަސްއިން ނެގި ކޯނަރުގައި އޭރިއާ ތެރެއިން ޕިލާ ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތުމުން ރީބައުންސްގައި ގޯލަށް ވައްދާލީ އަހުމަދު ހަމީދު (އަންމަޑޭ) އެވެ.

މާދަމާ ރޭ އޮންނަ ޕްރެސިޑެންޓްސް ކަޕް ގްރޫޕް ބީގެ މެޗުގައި ބުރު ސްޕޯޓްސް ކްލަބުން ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗުވެސް ފަށާނީ މާދަމާ ރޭ 10:00 ގައެވެ.