ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބު (ސަސް) އަށް ކުރިއަށް އޮތް 2025-26 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަނުގައި ވާދަކުރެވެން ނެތް ކަމަށް، އެ ކްލަބުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންގައިފިއެވެ.

އެފްއޭއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަސްގެ އެންގުން ލިބިފައިވާ ކަމަށާއި، ކްލަބުގެ ބޯޑުން އެ ނިންމުން ނިންމާފައި ވަނީ މާލީ ހާލަތު ހުރި ގޮތުން ކަމަށެވެ. އަދި މުބާރާތުގެ ގަވާއިދުގައި ވާގޮތުގެ މަތިން އެ ކްލަބާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.

ސަސް މިހާތަނަށް ފަސް އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފައިވެއެވެ. އެ ކްލަބު 2026 ވަނަ އަހަރާއި 2017، 2018 ވަނަ އަހަރު ތިންވަނަ ޑިވިޝަނުގައި ވާދަކޮށްފައިވާ އިރު، 2018 ވަނަ އަހަރު ތިންވަނަ ޑިވިޝަނުގެ ރަނަރަޕް ކަމާއެކު ދެވަނަ ޑިވިޝަނަށް ނުކުތެވެ. ސަސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ 2020 ވަނަ އަހަރުއެވެ.

ސަސް ފުރަތަމަ ޑިވިޝަނުން ވަކިވުމާއެކު މިހާރު ފުރަތަމަ ޑިވިޝަނުގައި އޮންނާނީ ނުވަ ކްލަބެކެވެ. އެފްއޭއެމްއިން ދާދިފަހުން އެކުލަވާލި ފުޓުބޯޅަ ސްޓްރަކްޗާގައި އޮންނަ ގޮތުން، ފުރަތަމަ ޑިވިޝަނުގައި 10 ކްލަބު އޮންނަންވާނެ ކަމަށް ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަސްގެ މަގާމަށް ފުރަތަމަ ޑިވިޝަނަށް ނުކުންނަން ތައްޔާރު ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. މިހާރު ނިއު ދެވަނަ ޑިވިޝަނުގައި އޮތް އިރު، އެޓީމު ވަނީ އެންމެފަހުން ކުޅުނު ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ.

އެ ކްލަބުގެ ޗެއާމަން އަހުމަދު މުބީން، މީގެ ދުވަސްކޮޅެއް ކުރިން، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައިވަނީ، ކުރިއަށް އޮތް ސީޒަނަށް ނިއު ރޭޑިއަންޓްގެ ބޮޑެތި ކަންތައްތަކެއް އެބަ އަންނަ ކަމަށާއި އެކަންކަން އިއުލާނުކުރުމަށް ބޮޑު އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ވާހަކައެވެ.

އޭގެ އިތުރުން މިރޭ އެކްލަބުންވެސް ވަނީ ބޮޑު ހަބަރަކަށް ތައްޔާރުވާކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ.

"ވަން ސްޕޯޓްސް" އާ ވާހަކަދެއްކި ކްލަބެއްގެ އިސް ފަރާތަކުން ބުނީ ނިއު ރޭޑިއަންޓުން ފުރަތަމަ ޑިވިޝަނަށް އަންނަން މަސައްކަތް ކުރާ ކަމަށާއި، އެޓީމު ފުރަތަމަ ޑިވިޝަނަށް އަންނަނީ ދެވަނަ ޑިވިޝަނުގެ ސެމީއަށް ދިޔަ އެންމެ ރަނގަޅު ޓީމުގެ ގޮތުގައި ކަމަށެވެ. އެއީ އަދި ކޮން އުސޫލަކުން ހިނގާނެ ކަމެއް ކަމެއްވެސް ޔަގީނެއް ނޫނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސްވެފައިވާ ސްލޮޓް ނިއުއަށް ދިނުމާމެދު ފައިނަލް ގޮތެއް ނިންމާނީ އެކްސްކޯ ބައްދަލުވުމަކަށް ފަހުގައެވެ.

ނިއުގެ އިތުރުން ދެން ދެވަނަ ޑިވިޝަނުގެ ސެމީގައި ކުޅުނީ ޓެންޓް ސްޕޯޓްސް ކްލަބެކެވެ. ނިއުއާއި ޓެންޓާ ދެމެދު، ފުރަތަމަ ޑިވިޝަނަށް ނުކުންނަން ކޮންމެވެސް ވާދަވެރިކަމެއް އޮތުންވެސް އެކަށީގެންވެއެވެ. އެހެންކަމުން އެ ނިންމުމަށް އެފްއޭއެމްއިން އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.