ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް މުބާރާތް، ސްޓެލްކޯ ވެޓެރަންސް ލީގު 2023ގެ ގްރޫޕް ބީގެ ފަހު މެޗުގައި ދިވެހި ސިފައިންގެ ކްލަބުން ސްޓެލްކޯ ބަލިކޮށްފިއެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު ގްރޫޕް ބީގެ ފަހު މެޗުގައި ސިފައިން ސްޓެލްކޯ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އެ ގްރޫޕުގައި ބާކީ އޮތް ދެ ޖާގައިގައި ކުއާޓާ ފައިނަލަށް ދިޔައީ ސިފައިންނާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

ސްޓެލްކޯއަށް އިއްޔެގެ މެޗަށް ނުކުތް އިރު، ކުއާޓާއަށް ދެވެން އޮތް ހަމައެކަނި ގޮތަކީ މޮޅެއް ހޯދުމެވެ. ސިފައިންނަށް އެއްވަރު ކޮށްލައިގެންވެސް ކުއާޓާއަށް ދެވެން އޮތް އިރު، ގްރޫޕް ބީގެ އެއްވަނަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސްއެވެ. އެޓީމަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި ކުއާޓާއަށް ދިޔަ ސިފައިންނަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައަށް ދިޔަ ނިއުއަށް ލިބެނީ ތިން މެޗުން ދެ ޕޮއިންޓެވެ. ފުލުން ނިންމާލި ސްޓެލްކޯގެ އޮތީ ތިން މެޗުން ޕޮއިންޓެކެވެ.

އިއްޔެގެ މެޗު ފަށައިގެން ހަވަނަ މިނެޓުގައި ސިފައިން ލީޑު ނެގި އިރު، އެ ގޯލަކީ އަހުމަދު ފަޒާލް ނަގައިދިން ބޯޅައެއްގައި ކެޕްޓަން އަހުމަދު ޝާމިން ޖެހި ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފުގެ ބާކީ ބައިގައި ސްޓެލްކޯއިން ކުޅުނު ރަނގަޅުކޮށް ފުރުސަތުތައް ހޯދި ނަމަވެސް، އެޓީމަށް ގިނަ ފުރުސަތުތަކެއް ބޭކާރުވެގެން ދިޔައެވެ. އަދި ސިފައިންގެ ގޯލު ބަލަހައްޓަމުން ދިޔަ ހުސެއިން އަހުމަދު ވަނީ މުޅި މެޗުގައިވެސް މޮޅަށް ކުޅެފައެވެ.

ސިފައިންގެ ގޯލްކީޕަރު ހުސައިން މެޗުގެ ފަހު ހާފުގައިވެސް ސްޓެލްކޯގެ ނުރައްކާތެރި ހަމަލާތަކެއް މަތަކުރި އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާއެވެ.

އިއްޔެގެ މެޗުގައި ސްޓެލްކޯއިން ވަނީ ދެވަނަ ހާފަށް ނުކުމެ، ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ލިބުނު ޕެނަލްޓީއެއްގައި އަބްދުﷲ މުހައްމަދު ޖެހި ގޯލެކެވެ. އެ ގޯލުން ސްޓެލްކޯ އުންމީދު ހޯދި ނަމަވެސް، ސްޓެލްކޯގެ ކީޕަރު ހުސެއިން ޝާފިއުއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސިފައިން އަނެއްކާވެސް މެޗު ލީޑު ނެގިއެވެ.

އެ ގޯލަކީ ކެޕްޓަން ޝާމިންގެ ބޯޅައަކަށް އަރައި، ފަޒާލް ޖެހި ގޯލެކެވެ.

މިހާތަނަށް ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުތަކުން ހަތް ޓީމެއް ވަނީ ވެޓެރަންސް ލީގުގެ ކުއާޓާ ފައިނަލް ޔަގީން ކޮށްފައެވެ. އެއީ ގްރޫޕް އޭއިން ބުރު ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭގެ އިތުރުން ގްރޫޕް ބީގެ ހުޅުމާލެ ވެޓެރަންސްއާއި ސިފައިން އަދި ނިއުގެ އިތުރުން ގްރޫޕް ސީގެ ޕޮލިސް ކްލަބާއި މޯލްޑިވްސް ސޮކަ މޭޓްސްއެވެ.

ކުއާޓާގެ އެންމެ ފަހު ޖާގަ ޔަގީންވާނީ މިއަދު ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުންނެވެ. އެ މެޗުގައި ގްރޫޕް ސީގެ ހުއްރިއްޔާ ސްޕޯޓްސް ކްލަބު ނުކުންނާނީ ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. އެ މެޗުން ގްރީނަށް މޮޅެއް މަޖުބޫރުވެފައި އޮތް އިރު، ހުރަޔަށް އެއްވަރު ކޮށްލައިގެންވެސް ކުއާޓާއަށް ދެވޭނެއެވެ.

މިއަދުގެ މެޗުވެސް ފަށާނީ ހަވީރު 4:30 ގައެވެ.