ކްލަބު ވެލެންސިއާއިން މިފަހަރުގެ ޕްރެސިޑެންޓްސް ކަޕަށް ނުކުންނަ އިރު، ތަށި ދިފާއުކުރުމުގެ ފެންވަރު ޓީމުގައި ނެތް ނަމަވެސް، ޓީމުން ނުކުންނާނީ އެކަމަށް މަސައްކަތްކުރަން ކަމަށް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.
ވެލެންސިއާއިން ކްލަބު ތާރީހުގައި ހަތަރު ވަނަ ފަހަރަށް ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރީ މިދިޔަ އަހަރު ރ. އަލިފުށީގައި ކުޅުނު ފައިނަލް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށްފައެވެ. އެއީ 2016 ވަނަ އަހަރަށްފަހު ވެލެންސިއާއިން ތަށްޓެއް ހޯދި ފުރަތަމަ ފަހަރުވެސް މެއެވެ. އޭގެ ފަހުން ވެލެންސިއާ ދެވަނަ ޑިވިޝަނަށްވެސް ގޮސްފައިވާ އިރު، އެޓީމުން 2016 ވަނަ އަހަރު ކާމިޔާބުކުރީ އެފްއޭ ކަޕެވެ.
"ވެލެންސިއާގެ މިފަހަރުގެ ހަގީގަތަކީ ތަށި ދިފާއު ކުރެވޭ ފެންވަރެއް ހަގީގަތުގައި ޓީމުގައެއް ނެތް، އޭގެ މާނައަކީ އެކަމަށް މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން. ވެލެންސިއާ ނުއެއް ނުކުންނާނެ ހުރިހާ މެޗަކުން ބަލިވާކަށެއް. ނޫނީ ހަމަ ކުޅެލަން ނުކުންނާނެ ބައެއް ނޫން ވެލެންސިއާއަކީ،" މީގެ ކުރިން ވެސް ވެލެންސިއާއަށް ގިނަ ފަހަރުތަކެއްގެ މަތިން ކޯޗުކޮށްދިން، ފެސްކޯ އިއްޔެ ބުންޏެވެ.
ގައުމީ ދަނޑުގައި އިއްޔެ ބޭއްވި ޕްރި މެޗު ޕްރެސްގައި ވާހަކަދައްކަމުން ފެސްކޯ ބުނީ ވެލެންސިއާއަކީ އެއްވެސް އިރެއްގައި "ޖޯކަކަށް" ފުޓުބޯޅަ ކުޅޭނެ ޓީމެއް ނޫން ކަމަށާއި، ވެލެންސިއާއިން މިފަހަރުވެސް މުބާރާތަށް ނުކުންނާނީ ރީތި ފުޓުބޯޅައަކަށް ކަމަށެވެ.
"އޮގަނައިޒް ފުޓްބޯޅައެއް ރާއްޖޭގައި ކުޅެމުން އަންނަ ރާއްޖޭގެ ތާރީހުގައި ވެސް ބޮޑު ކްލަބެއް ވެލެންސިއާއަކީ. ރާއްޖޭގެ ތާރީހުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައި އޮތް ކާމިޔާބު ކްލަބެއް ވެލެންސިއާއަކީ. ވެލެންސިއާއިން ކޮންމެ ޓީމެއް ނެރުނަސް ޖޯކަކަށް ވެލެންސިއާ އިން ފުޓްބޯޅައެއް ނުކުޅޭނެ. ރަނގަޅު ފުޓްބޯޅައެއް ކުޅެން މި ނުކުންނަނީ،"
އިއްޔެގެ ޕްރެސްގައި ރާއްޖޭގެ ފުޓުބޯޅަ މިހާރު އޮތް ހާލަތާއި، ކްލަބު ފުޓުބޯޅައިގެ ހާލަތަށްވެސް ފެސްކޯ ވާހަކަދައްކާފައިވެއެވެ. ފެސްކޯ ބުނީ މީގެ ކުރިން ޕްރެސިޑެންޓްސް ކަޕަކީ، ސީޒަނުގެ އެންމެ ފަހުން ކުޅޭ އެންމެ ފޯރިގަދަ، އެންމެ ޝަރަފުވެރި މުބާރާތްކަމުން އޭރު ކްލަބުތަކުން އެ މުބާރާތަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، "މިއަދުގެ ހާލަތު" ބަދަލުވެއްޖެ ކަމަށެވެ.
އޭނާ ބުނީ މިއަދު "ގައުމީ ޓީމުގެ މެޗުތައްވެސް ކުޅެން ނުކުންނަން ޖެހެނީ ފަރިތަކުރުންތަކެއް ނެތި،" ކަމަށާއި، ކްލަބުތަކަށް ސީޒަންވެސް ރަނގަޅަށް ތައްޔާރު ނުވެވި އޮތް ކަމަށެވެ. ފެސްކޯ ބުނީ ފުޓުބޯޅައިގެ "ހަގީގަތާ" ކުރިމަތިލާން ޖެހޭ ކަމަށާއި، އެހެން ނަމަވެސް، މި ހާލަތުގައިވެސް އޭނާއަށް ޕްރެސިޑެންޓްސް ކަޕް ޝަރުފުވެރި ކަމަށެވެ.
"އަޅުގަނޑަށް އަދިވެސް ފުޓްބޯޅަ އެއީ ނަމްބަރު ވަން. އޭޒް އަ ޕްލޭޔާ، އޭޒް އަ ކޯޗު. ފުޓްބޯޅައިގެ ލޯބިވެރިއެއްގެ ގޮތުގައި އަދިވެސް މިހުރީ. ފުޓުބޯޅަ ރަނގަޅު ކުރަން، ފުޓުބޯޅަ ޕޮޕިއުލާ ކުރަން އަޅުގަނޑަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރާނަން،" ފެސްކޯ ބުންޏެވެ.
މިފަހަރު ރާއްޖޭގެ ޕްރެސިޑެންޓްސް ކަޕް ސީޒަނުގެ ކުރިއަށްލާފައިވާ އިރު، ދެން އޮންނާނީ ލީގާއި އެފްއޭ ކަޕެވެ. މިހާރު ސީޒަނަށް ތައްޔާރުވުމުގައި ކްލަބުތަކަށް ގޮންޖެހުންތައް ދިމާވެފައިވާ އިރު، މިފަހަރުގެ ޕްރެސިޑެންޓްސް ކަޕުގައި ވާދަކުރަނީވެސް ފުރަތަމަ ޑިވިޝަނުގެ ހަ ކްލަބެވެ. ކްލަބު ގްރީން ސްޓްރީޓްސްއާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) މިފަހަރުގެ ޕްރެސިޑެންޓްސް ކަޕްގައި ވާދަނުކުރާ އިރު، ގިނަ ކޯޗުންގެ ނަޒަރުގައި ޕްރެސިޑެންޓްސް ކަޕަކީ "ޕްރި ސީޒަން،" ގެ ބައެކެވެ.
މިފަހަރުގެ ސީޒަނަށް ވެލެންސިއާއިން ނުކުންނަ އިރު، އެޓީމުގެ ސީނިއާ ޓީމުގައިވެސް އެކަޑެމީގެ ގިނަ ކުޅުންތެރިންތަކެއް ތަމްރީނު ކުރަމުން ދެއެވެ. އެގޮތުން ރާއްޖޭގައި މިދިޔަ އަހަރު ކުޅުނު ޒުވާން ޓީމުތަކުގައި ފާހަގަކޮށްލެވުނު އީތަން ޒަކީއާއި، މުހައްމަދު އިލާން އިމްރާންވެސް ވެލެންސިއާގެ ސީނިއާ ޓީމާއެކު ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.
ފެސްކޯ ބުނީ ވެލެންސިއާގެ އެކަޑެމީގެ ކުޅުންތެރިންނަކީ ޓީމުގެ ބެކަޕް ކަމަށާއި، ވެލެންސިއާއަކީ ވަރުގަދަ ބެކަޕެއް އޮތް ޓީމެއް ކަމަށެވެ. އަދި ފެށުނީއްސުރެ ވެލެންސިއާއަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޒުވާން ކުޅުންތެރިން ނެރުމުގައި ހާއްސަ ކްލަބެއް ކަމަށްވެސް ފެސްކޯ ފާހަގަކުރިއެވެ.
"ވެލެންސިއާ އަކީ ފެށުނީއްސުރުސުރެ ވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެމުން އަންނަ ޓީމެއް. ވެލެންސިއާގެ ފެށުން ވެސް އޮތީ އެެހެން، ވެލެންސިއާ އަކީ ވަރަށް ޒުވާން ގްރޫޕެއް ވެގެން ފެށި ކްލަބެއް. އޭރު، މިހާރުގެ ޗެއާމަން، އަދީލް ޖަލީލް މި މީހުންނަކީ މި ކްލަބް އުފެއްދެވި، ބޮޑުހީނާއާ މި މީހުންނަކީ މި ކްލަބް އުފެއްދިއިރު ޒުވާން ކުޅުންތެރިން،" ފެސްކޯ ބުންޏެވެ.
އޭގެ އިތުރުން ފެސްކޯ ވަނީ ވެލެންސިއާއިން ނުކުމެގެން އައި ރާއްޖޭގެ ތަރިންގެ ނަންތައްވެސް އިއްޔެގެ ޕްރެސްގައި ފާހަގަކޮށްފައެވެ.
"ވެލެންސިއާގައި އަޅުގަނޑުމެން ކުޅެން ފެށީ ވެސް ވަރަށް ޒުވާން އޭޖްގައި ހަމައެއާ އެއްކޮށް މިސާލަކަށް 17 އަހަރުގައި ކުޑަހީނާ ފުރަތަމަ ވެލެންސިއާއަށް ކުޅުނީ، 16 އަހަރުގައި ދަގަނޑޭ ވެލެންސިއާއަށް ބޯޅަ ކުޅުނީ، 17 އަހަރުގައި އަލީ އުމަރާއި ވިލްދާން ވެލެންސިއާއަށް ކުޅުނު. އެހެންވީމަ ތާރީހަށް ބަލާއިރު ވެލެންސިއާ އަކީ ރާއްޖޭގައި ޒުވާން ކުޅުންތެރިންގެ ޑިވެލޮޕްމަންޓަށް އެންމެ މަސައްކަތް ކުރި އެއް ކްލަބޭ ބުނިއްޔާ ދޮގަކަށް ނުވާނެ،" ފެސްކޯ ބުންޏެވެ.
ފެސްކޯ ބުނީ މިހާރު ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ސީނިއާ ތަޖުރިބާ މަދު ނަމަވެސް، އެ ކުޅުންތެރިންނަކީ ވެލެންސިއާ ކޯޗުންނާއެކު މަސައްކަތް ކުރާ ކުޅުންތެރިން ކަމަށްވުމުން، ސީނިއާ ޓީމަށް ހޭނެން މާބޮޑު އުނދަގޫތަކެއް ކުރިމަތިނުވާނެ ކަމަށެވެ.
މިފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ އޮތީ އީގަލްސް އާއި ސަސްއާ އެއް ގްރޫޕެއްގައެވެ. އެ އެ ގްރޫޕްގެ ފުރަތަމަ މެޗުގައި މިރޭ ވެލެންސިއާއާއި ސަސް ކުޅޭ މެޗު އޮންނާނީ 10:00 ގައެވެ.