ހުސްވި 2022 ވަނަ އަހަރުގެ ފެބްރުއަރީ ސައުވީސްވަނަ ދުވަހުން ފެށިގެން ޔުކްރޭނުގައި ވަރުގަދަ ހަނގުރާމައެއް އެދަނީ ހިނގަމުންނެވެ. މިހަނގުރާމައިގައި ލައްކައެއްހާ މީހުން ފަނާވެއްޖެއެވެ. އެއްކޮޅުގައި ރަޝިޔާއެވެ. އަނެއްކޮޅުގައި ޔުކްރޭނާއި ނޭޓޯއެވެ. ހަނގުރާމައަށް އަހަރަކަށްވުރެ ގިނަދުވަސް ފާއިތުވެގެންގޮސްފައިވާއިރު ނިމުމެއް ނައިސް ކުރިއަށްދިޔުމުގެ ސަބަބަކީ ނޭޓޯއެވެ. ހުޅަނގުގެ ގައުމުތަކެވެ. ހަނގުރާމަ ހުއްޓައިނުލުމަށް ޔުކްރޭނަށް ބާރުއަޅައި ހިތްވަރުދީ އެކިގޮތްގޮތުން އެހީތެރިވަމުންދަނީ އެގައުމުތަކުންނެވެ. މަގުސަދަކީ ހަނގުރާމައިގެ މައިދާނުގައި ރަޝިޔާ ބަލިކުރުމެވެ. ކުޑަކަކޫ މައްޗަށް ތިރިކުރުމެވެ. މިކަންކުރުމަށްޓަކައި ޔުކްރޭނަށް ނަންހުސްކޮށް ހަތިޔާރުދިނުމުގެ އިތުރަށް ޔުކްރޭނުގެ ސިފައިންނަށް ތަމްރީނުވެސް އެބަދެއެވެ.

ހަތިޔާރާއި ތަމްރީނު ދީފައި އެވަރަކުން ނިންމައިލުމެއް އަދިނެތެއެވެ. ހަނގުރާމަކުރުމަށް އެގައުމުތަކުގެ ސިފައިންވެސް ވަނީ ފޮނުވައިފައެވެ. އެމެރިކާ އާއި އިނގިރޭސިވިލާތުން ޔުކްރޭނަށް ހަތިޔާރުދެނީ ސިއްރަކުން ނޫނެވެ. ހަމަފާޅުގައެވެ. އެހެންނަމަވެސް އެގައުމުތަކުން ޔުކްރޭނަށް ސިފައިން ފޮނުވައިގެން މި ހަނގުރާމައިގައި އަމަލީގޮތުން ބައިވެރިވުމަކީ ވަރަށް ސިއްރުން ކުރާ ކަމެކެވެ. މީގެކުރިން އެނގިފައިއޮތީ ހުޅަނގުގެ ގައުމުތަކަށް ނިސްބަތްވާ ވޮލަންޓިއަރުން ވަރަށް ގިނަ އަދަދަކަށް ޔުކްރޭނުގައި ހަރަކާތްތެރިވާ ކަމެވެ. އެފަދަ ވޮލަންޓިއަރުން ގިނައަދަދަކަށް ހައްޔަރުވެސް ކުރެވިފައިވެއެވެ. ހުސްވި އަހަރުގެ ފަހުކޮޅު ޔުކްރޭނުގެ އިރުމަތީބިތުގެ މަރިއުޕޯލް ހިފުމަށް ކުރެވުނު ހަނގުރާމައިގެ ތެރޭގައި މިފަދަ ވަރަށް ގިނަ ބަޔަކު ރޫސީންގެ އަތްދަށުގައި ހައްޔަރުވެސްވިއެވެ.

ހުޅަނގުގެ ގައުމުތަކަށް ނިސްބަތްވާ މީހުން ހައްޔަރުކުރެވުނީމާ މަތިއޮމާން ކުރުމަށްޓަކައި ބުނަމުންއައީ މިހެންނެވެ. އެއީ ރަސްމީ ހައިސިއްޔަތުން ފޮނުވާފައިވާ ބައެއް ނޫނެެވެ. މުޅިން އަމިއްލަ ގޮތުން ޔުކްރޭނަށް އެހީތެރިވުމަށް ގޮސްގެން އުޅުނު ބައެކެވެ. އެއްވެސް ގޮތަކުން ރަސްމީ ސިފައިން ނުފޮނުވާ ކަމަށްވެސް ބުނެފައިވެއެވެ. ޔުކްރޭނުގައި މިވަގުތު އެންމެ ވަރުގަދައަށް ހަމަލަތައް ބަދަލުކުރެވެމުންދަނީ ބަޚުމުތުގައެވެ. އެއީވެސް ޔުކްރޭނުގެ އިރުމަތީގައިވާ ރަށެކެވެ. ބަޚުމުތު ދިފާއު ކުރުމުގެ މަސައްކަތުގައި ހުޅަނގުގެ ވަރަށް ގިނަ އަދަދެއްގެ ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ. އެއްބަޔަކީ ކުލީ ސިފައިންނެވެ. އެމީހުންގެ ބަހުރުވައިން ވޮލަންޓިއަރުންނެވެ. އެއީ އެތައްހާސް ބައެކެވެ. އަނެއްބަޔަކީ އަސްކަރީ އެޑްވައިޒަރުންނެވެ.

މިޒާތުގެ އެޑްވައިޒަރުންނަކީ ހަނގުރާމައިގެ ކަންކަން ރާވައިދޭ ތަޖުރިބާކާރުންނެވެ. ހަނގުރާމައިގެ މިސްރާބު ކަނޑައަޅައިދޭ މުޝީރުންނެވެ. ޔުކްރޭނުގެ ސިފައިންނަށް މަގުދައްކައިދެނީ އެމީހުންނެވެ. މިބައިގައި ހިމެނެނީ ހުޅަނގުގެ ގައުމުތަކުގެ ރަސްމީ ސިފައިންގެ އެކި ފަންތީގެ އޮފިސަރުންނެވެ. ދާދިފަހަކުން މިފަދަ އެޑްވައިޒަރުންގެ ރޯލާގުޅޭ ގޮތުން އެމެރިކާގެ ދިފާއީ ވުޒާރާއިން ތައްޔާރުކޮށްފައިވާ ސިއްރު ލިޔުންތަކެއް ވަނީ ހާމަވެފައެވެ. ހުޅަނގުގެ ބައެއް ގައުމުތަކުގެ ރަސްމީ ސިފައިން ޔޫކްރޭނުގައި ހަނގުރާމަ ކުރަމުންދާކަން ކިތަންމެހާވެސް ސާފުކޮށް އެއިން ވަނީ ފަޅާ އަރައިފައެވެ. މި ލިޔުންތަކުން އެނގޭ ގޮތުގައި އެމެރިކާ އާއި އިނގިރޭސި ވިލާތާއި ފަރަންސޭސިވިލާތާއި އިރުމަތީ ޔޫރަޕުގެ ބައެއް ގައުމުތަކުގެ ޚާއްސަ ސިފައިން ޔޫކްރޭނުގައި ހަނގުރާމަ އެބަކުރެއެވެ.

ފަޅާއަރާފައިވާ ސިއްރު ލިޔުންތަކުން އެނގޭ ގޮތުގައި އިނގިރޭސިވިލާތުގެ ޚާއްސަ ފައުޖުގެ 50 ސިފައިން ޔޫކްރޭނުގައި މިހާރުވެސް އެބަތިއްބެވެ. ލެޓްވިއާގެ 17 ސިފައިންނާއި ފަރަންސޭސި ވިލާތުގެ 15 ސިފައިންނާއި އެމެރިކާގެ 14 ސިފައިންނާއި ހޮލެންޑު އެކަކު ޔޫކްރޭނުގައި ހަރަކާތްތެރިވަމުންދާއިރު މިދެންނެވި ގައުމުތަކުގެ އިތުރަށްވެސް ނޭޓޯގެ އެކި ގައުމުތަކުގެ ޚާއްސަ ފައުޖުތަކުގެ މީހުން ޔޫކްރޭނުގައި އެބަތިއްބެވެ. ލީކުވެފައިވަނީ އަސްލު ލިޔުންތަކެއްކަން އެމެރިކާ ސަރުކާރުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ހާމަވެފައިވާ މައުލޫމާތުގެ ތެރޭގައި މިއަހަރުގެ ކުރީކޮޅު ރަޝިޔާގެ ލަޝްކަރުތަކާ ދެކޮޅަށް ޔޫކްރޭނުން ދިނުމަށް ތައްޔާރުވަމުންދާ ކުއްލި ހަމަލައިގެ ތަފްސީލުތައްވެސް ހިމަނާފައިވެއެވެ. އެހެންވީމާ މިއީ ރަޝިޔާއަށް ވަރަށްވެސް ބޭނުންތެރި މުހިއްމު މައުލޫމާތުތަކެކެވެ.

ޔުކްރޭނުގެ ހަނގުރާމައިގައި ހުޅަނގުގެ ގައުމުތަކުން ސީދާކޮށް ބައިވެރިވިޔަސް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބަލާއިރު ރަޝިޔާ ބަލިވުމަކީ ކައިރިކަމެއް ނޫނެވެ. އެއީ ގާތްގަޑަކަށް މުސްތަހީލު ކަމެކެވެ. ދެންއޮތީ ހަނގުރާމަ ދިގުލައިގެންގޮސް ވަސީލަތްތައް ހުސްވެގެން ރަޝިޔާ ބަލިވެދާނެތޯ އުފެދޭ ސުވާލެވެ. ވަސީލަތްތައް ހުސްވުމުގެ ބިރުއޮތީ ހަމައެކަނި ރަޝިޔާއަކަށް ނޫނެވެ. ހުޅަނގަށްވެސް އެބިރު އެބައޮތެވެ. މިހާރުވެސް ކޮނޑުގައި އަޅައިގެން އެތިބީ އުފުލޭވަރަށްވުރެ ބޮޑު ބުރައެކެވެ. އެހެންވީމާ އާޚިރުގައި ސުލްހައިގެ މަޝްވަރާތައް ފަށަން ޔުކްރޭނަށް މަޖުބޫރުކުރާ ހިސާބަށްދާނެއެވެ. އެދުވަސް ދެންއޮތީ ދުރުގައިކަމަށް ލަފައެއް ނުކުރެވެއެވެ. މިއަހަރު ފަށަން ޚިޔާލުކުރި ހަމަލާތައްވެސް މިހާރު ބެލެވޭގޮތުން އެގޮތަކަށް ނުފެށޭނެއެވެ. އެހެންވީމާ މިއަހަރު މި ހަނގުރާމަ ނިމުން ވަރަށްގާތެވެ.