މުޅި ރާއްޖެ ޝާމިލުވާނެހެން ފުޓްބޯޅަ ފޯމެޓަށް ބަދަލު ގެނެސް، ފަށަން މަސައްކަތްކުރާ އާ ލީގު ފޯމެޓް ހިންގުމަށް ޔޫތު މިނިސްޓްރީގައި ބަޖެޓް ނެތް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފު އެހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ބޮންޑޭ ސުވާލުކުރެއްވީ އެމްޑީޕީ މެނިފެސްޓޯގައި ކޮންމެ ރަށަކަށް ނިސްބަތްވާ ޓީމު ތަކާއެކު ގައުމީ ފުޓުބޯޅަ ލީގެއް އުފައްދަންށާއި ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅޭނެ ލީގެއް ތައާރަފުކޮށް، އިންތިޒާމު ކުރާނެ ކަމަށް ބުނެފައިވާނެ ކަމަށާއި އެކަން ހާސިލުކުރެވޭނެތޯއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މަހުލޫފް ވިދާޅުވީ ބޮންޑޭއަކީވެސް ފުޓުބޯޅައިގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ބޭފުޅެއް ކަމަށާއި ފައިސާ ނެތި އެފަދަ ލީގެއް ނުހިންގޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"ފައިސާ ނެތިއްޔާ ކިހިނެތް އަޅުގަނޑުމެން ހޯމް އެންޑް އަވޭ ކުޅޭނީ ރާއްޖޭގައި. އެއީ މިނިސްޓްރީ ބަޖެޓުން އެކަން ކުރެވޭނެ ކަމެއް ނޫން. ހަމައެކަނި ފުޓުބޯޅައަށް އެ ފައިސާ ދޫކޮށްލާފައި އެހެން ކުޅިވަރުތަކަށް ކުރަން އޮތް ހަރަދުން ކުރަންޖެހޭ ކަމަކަށް (ހޯމް އެންޑް އަވޭ މެޗުތައް ކުޅުން) އެއީ ކުރަންޖެހޭ ކަމެއް ކަމަކަށް ނުފެނޭ،" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް އެފަދަ ގޮތަކަށް ވިދާޅުވެފައިވާ އިރު، ރާއްޖޭގެ އާ ލީގު ފޯމެޓްގެ ކޮލިފިކޭޝަންވެސް މިހާރު އޮތީ ފަށައިފައެވެ. އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ސަރުކާރުގެ އެހީއާއެކު ފުޅާކުރަން ރާވައި، އާ ފޯމެޓް އިއުލާނު ކޮށްފައިވާއިރު، އެ ފޯމެޓުގައި ރާއްޖެ ބެހިގެންދާނީ ހަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގަށެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ.

އެ ކޮލިފިކޭޝަން މިދިޔަ އަހަރު ފެށި ނަމަވެސް، މެދު ތެރެއިން ހުއްޓި، އޮތީ މަޑުޖެހިފައެވެ. އެފްއޭއެމުން ކުރިން ރާވާފައި އޮތީ އެ ކޮލިފިކޭޝަން ނިންމާ ލީގު ފޯމެޓް ހޯމް އެންޑް އަވޭ އުސޫލަކަށް ބަދަލުކުރަން ޔޫތު މިނިސްޓްރީން ގުޅިގެން މަސައްކަތް ކުރުމަށެވެ. އޭރު ފާހަގަކުރެއްވީ އަތޮޅު ތެރޭގައި ދަނޑުތައް އެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ލީގު އަތޮޅު ތެރެއަށް ފުޅާކޮށް، ފުޓުބޯޅަ ފޯރި އަލުން ގެނައުން ކަމަށެވެ.

ދަނޑުތައް އަޅައިގެން އަތޮޅު ތެރެއަށް ލީގު ފުޅާކޮށްގެން ނޫނީ މިހާރު ލީގު ކުރިއަށް ނުގެންދެވޭނެ ދަރަޖައިގައި ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ އޮތްއިރު، އެ ގޮތަކީ ލީގު ފޯރި ގަދަކޮށް، ކްލަބުތަކަށް ނަފާ ހޯދެން އޮތް ސިސްޓަމް ކަމަށް މީގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފައެވެ.

"މަޑުމަޑުން ކްލަބުތައްވެސް ވިޔަފާރި މޮޑެލްއާ ދިމާލަށް ދާން ޖެހޭ. އެކަން ކުރެވޭނީ މަޑުމަޑުން ލީގަށް ގެންނަ ބަދަލުތަކަކާވެސްއެކު. ކްލަބުތަކަށް ފައިސާ ހޯދޭނެ އިތުރު ގޮތްތައް ހޯދައިދެވޭތޯ އަހަރެމެން މަސައްކަތްތަކެއް އެބަކުރަން. އެކަމަށް އާ ލީގު ފޯމެޓެއް އެހީވެދޭނެ. އެއީ އެކަމުގެ ފެށުން ކަމުގައިވެސް ވާނެ. އެ ފޯމެޓަށް ގެންނަން ވިސްނާ ބަދަލުތައް އެފްއޭއެމުން ވަގުތު ޖެހުމުން ހިއްސާ ކުރަމުންދާނެ،" ބައްސާމް ދާދިފަހުން "ވަން"އަށް ވިދާޅުވިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މަހުލޫފް ވަނީ ދަނޑުތައް އެޅިގެންދާ އަދަދު ގިނަކަމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެކަމާ "ކޮސް" ވެފައި ހުންނެވި ކަމަށް ވިދާޅުވެފައެވެ.

"ފުޓުބޯޅަ ދިރުވާ ކުރިއަރުވަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން. އޭގެ މިސާލަކީ ރާއްޖޭގައި ގާއިމުކުރެވެމުން ދާ ފުޓުބޯޅަ ދަނޑުތައް. މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ 50 ވަނަ ދަނޑު ހުޅުވަދޭނަން. މީގެ ކުރިން ސަރުކާރަކުން އެއްވެސް ދަނޑެއް އަޅައިދީފައެއް ނެތް. (ފީފާ ރައީސް) އިންފަންޓީނޯއާ ދިމާވެގެން އެވާހަކަ ދައްކާލީމަ ހުރީ ކޮސްވެފައި. ފުޓުބޯޅަ ދަނޑު އަޅާވަރުން. އެހެންނުވާނީ، ކުޑަކުޑަ ގައުމެއްގައި މިވަރަށް ދަނޑު އަޅާތީ. 300 މީހުންނަށްވެސް އަޅުގަނޑުމެން ގޮސް ދަނޑު އެބަ އަޅައިދެން،" ރައްޔިތުންގެ މަޖިލީހުންގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު، ހުސެއިން މުހައްމަދު ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ފުޓުބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރެއްވި ނަމަވެސް، ޓޮޕް ލީގު ތެރޭގައި ދިމާވެގެން އުޅޭ މައްސަލަތަކެއްގެ ވާހަކައިގައި ކަންބޮޑުވުންތަކެއް އެބަހުންނެވި ކަމަށާއި، އެކަންކަން ހައްލުކުރަން އެފްއޭއެމްއަށް އެކި ގޮތްގޮތުން މިނިސްޓްރީން އެއްބާރުލުން ދޭ ކަމަށެވެ.