ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި، މަޖިލީހުގެ ރިޔާސަތަށް ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް ކަމަށް އީވާ އަބުދުﷲ ނެގީ އެމްޑީޕީއާ ދެކޮޅަށް މަސައްކަތްކުރަން ނޫން ކަމަށް ވިދާޅުވެ، ރައީސް ނަޝީދަށް ތާއީދު ކުރާ ފިކުރެއްގެ ދިރުމުގެ މަޖިލިސް މެންބަރުންނަށް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމު (އަނދުން ހުސެއިން) ފާޑު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވެރިކަމެއް އޮވެ، އެޕާޓީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ސަރުކާރުން ކުރިއަށްނުގެންދާ ކަމަށް ބުނެ، އެމްޑީޕީ މެނިފެސްޓޯގައިވާ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލައި، ރައީސް ނަޝީދުގެ ފެކްޝަނުން، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ޝަހީމް ވިދާޅުވީ، މި ސަރުކާރުން މަސްވެރިންނަށް ކަމެއް ނުކޮށްދޭކަަމަށް މަޖިލީހުގައި ވާހަކަދެއްކުމަށްފަހު، ފިކުރެއްގެ ދިރުމުގެ މެންބަރުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއެކު "ނަގޫ ގޮށްޖަހަމުން"ދާ ކަމަށެވެ.
މަސްވެރިކަމުގެ މަސައްކަތަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާގެ ކުންފުންޏަށް ދޫކޮށްފައިވާ ކީކިމިންޏާއި މާންދުއަށް އިޝާރާތްކޮށް ޝަހީމް ވިދާޅުވީ، "ކީކިމިންޏަށް ކޮން މަހެއްތޯ ކިރީ، ލ. އަތޮޅުގައި އޮތް މާންދުއަށް ކިހާ މަހެއްތޯ ގަތީ، ކޮވިޑުގައި ޖުމްހޫރީ ޕާޓީގެ އިސްލީޑަރު، ފިކުރެއްގެ ދިރުމުގެ ކެންޑިޑޭޓް ދެ އަހަރުވަންދެން މަޖިލީހުގެ ޖަލްސާއެއް، އޮންލައިންކޮށް ބޭއްވިއިރުވެސް ބައިވެރިނުވެ މިތަނަށް ވަޑައިނުގަނެ ހައިރިސްކު ބޭފުޅެކޭ ވިދާޅުވެ ގޮސް އިނީ އަސްދޫނިކުރާ ކަމެއް ބަލަން ދެ އަހަރުވަންދެން،" ކަމަށެވެ.
މީގެ އިތުރުން ގާސިމްގެ ވިޔަފާރި އެ ހިސާބަށް ގެނެސްދިން އެތައް ސަތޭކަ މުވައްޒަފުންނެއްގެ މުސާރަ، ފްލައިޓުގެ އިންޖިނިއަރުންތަކަށް ދާންދެން 1000 ރުފިޔާއަށް ދަށްކުރި އިރު، އަން-އެމްޕްލޯއިމެންޓް ބެނިފިޓް ދިނީ ސަރުކާރުން ކަމަށާއި، ގާސިމްގެ ވިޔަފާރި ސަލާމަތްކުރަން ވެސް ފައިސާ ދޭން ޖެހުނީ މި ސަރުކާރަށް ކަމަށްވެސް ވިދާޅުވިއެވެ.
"މިފަދަ ފިކުރު ހުރި ބޭފުޅަކީ ދިވެހިރާއްޖޭގެ ވެރިކަމަށް ގެންނަން އެންމެ ރަނގަޅު ބޭފުޅާކަމަށް ފިކުރެއްގެ ދިރުމުގެ 12 ވަރަކަށް މެންބަރުންނަށް ފެނިގެންގޮސް، މި މަޖިލީހުގެ ރައީސާއި ނާއިބު ރައީސަަށްވެސް ފެނިގެންގޮސް، އެބޭފުޅާގެ ފަހަތަށް އަރައި ވެރިކަން ހޯދައިދޭން، އެމްޑީޕީ ގިއްގަޅުވާލާފައި އުޅެން ދިމާކުރީމާ މިއީ ހުތުރުކަމެއް، މިއީ ދަށްފެންވަރުގެ ކަންތައް،" ކަމަަށްވެސް ވިދާޅުވިއެވެ.
މެންބަރު ޝަހީމް ވިދާޅުވީ، އެ ކަންތައްތަަކަކީ އެމްޑީޕީގެ އަސާސީގަވާއިދާއި އެމްޑީޕީގެ މަޖިލިސް މެންބަރުން އަމަލުކުރަން އޮތް އެމްޑީޕީގެ ގަވާއިދުގެ އިތުރުން އެ ޕާޓީގެ ޕީޖީ ގަވާއިދާވެސް ހިލާފު ކަމެއް ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓެއް ހުއްޓައި އެހެން ކެންޑިޑޭޓެއްގެ ފަހަތަށް އެމްޑީޕީގެ ޕީޖީ މެންބަރުން އެރުމަކީ ޕާޓީއަށް ވާ ހިޔާނާތެއް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން "އެމްޑީޕީގެ މެންބަރުންގެ ގޮތުގައި މިތާ ތިބުމަށްވުރެ މިހާރު ރަނގަޅުވާނީ ޖޭޕީއަށް ބަދަލުވުން،" ކަމަށްވެސް ވިދާޅުވިއެވެ.