ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް މުބާރާތް، ސްޓެލްކޯ ވެޓެރަންސް ލީގު 2023ގެ ގްރޫޕް ބީގައި އިއްޔެ ކުޅުނު މެޗުގައި ހުޅުމާލެ ވެޓެރަންސްއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ހުޅުމާލެ ވެޓެރަންސްއިން ނިއު ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އިއްޔެގެ ނަތީޖާއާއެކު ހުޅުމާލެ ވެޓެރަންސް ވަނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ޔަގީންކޮށްފައެވެ.

ގްރޫޕް ބީގައި ހަތަރު ޓީމު ހިމެނޭ އިރު، އެ ގްރޫޕުން ތިން ޓީމަށް ކުއާޓާގެ ފުރުސަތު ލިބޭނެއެވެ. ނިއުއިން މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅެއް ނުހޯދި އޮތް އިރު، އެޓީމަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ. އެއީ ސްޓެލްކޯ އާއި ސިފައިން ކައިރިން ހޯދި ދެ ޕޮއިންޓެވެ. ހުޅުމާލެ ވެޓަރަންސްއަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. މިވަގުތު ދެ ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާ އިރު، ނިއު އޮތީ ތިން ވަނައިގައެވެ. ފުލުގައި އޮތް ސްޓެލްކޯ ކްލަބަށް ލިބިފައި އޮތީ ޕޮއިންޓެކެވެ.

މާދަމާ ގްރޫޕްބީގެ ފަހު މެޗުގައި ސިފައިންނާއި ސްޓެލްކޯ ނުކުންނަ އިރު، ފަހު މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ނިއުއަށް ފުރުސަތު އެބައޮތެވެ. އެމެޗުން ސިފައިން މޮޅުވެއްޖެނަމަ ނިއުއަށް ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނިގެން ކުއާޓާއަށް ދެވޭނެއެވެ.

އިއްޔެގެ މެޗު ކުޅެމުން ދިޔަ އިރު، ވާރޭވެސް ވެހެމުން ދިޔައެވެ. މެޗުގެ ކުރީކޮޅުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު، މެޗު ތެރެއަށް ވަދެ ހުޅުމާލެ ވެޓެރަންސްއިން ވަނީ 15 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ގޯލު ޖަހައިދިނީ މުހައްމަދު އަޝްރަފެވެ.

ހާފު ނިމެން ދަނިކޮށް ނިއުއިން ވަނީ ނަތީޖާ އެއްވަރު ކޮށްފައެވެ. އެ ގޯލަކީ މުހައްމަދު ޒިޔާދު (އައްކޮ) އޭރިއާ ބޭރުން ވަރަށް ބަލާލައިފައި ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ. އައްކޮގެ ހިތްގައިމު ގޯލު ހުއްޓުވަން ހުޅުމާލޭގެ ގޯލްކީޕަރު ހަސަން ރަމީޒް (ޓިމޯ) އަށް ކުރެވުނު މާ ބޮޑު މަސައްކަތެއް ނެތެވެ.

ނަތީޖާ ހަމަހަމަކޮށް އޮވެ ފުރަތަމަ ހާފު ނިމުނު ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ހުޅުމާލެ ވެޓެރަންސްއިން ކުޅުން ރަނގަޅު ކުރިއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ހުސައިން ޝިމާޒް (ކޮކީ) ޖެހި ގޯލުން އެޓީމު އަލުން ލީޑު ނެގި އިރު، އަހުމަދު ގިތުރީސް (ގިތޫ)ގެ ހިތްގައިމު ގޯލަކުން އެޓީމު ލީޑު ފުޅާވެސް ކުރިއެވެ.

މެޗުގައި ހުޅުމާލެ ވެޓެރަންސްގެ ފަހު ގޯލު ޖެހީ ޓީމުގެ ކެޕްޓަން އިސްމާއީލް މުހައްމަދު (އިއްސެ) އެވެ.

ވެޓެރަންސް މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އާއި ޕޮލިސް ކްލަބެވެ. ކުއާޓާ ޔަގީންކޮށްފައިވާ ދެ ޓީމުން ކުޅޭ މެޗު އޮންނާނީ ހަވީރު 4:30 ގައެވެ.