ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާން މޮޅުވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް ރޭ ފަށާފައިވާ އިރު، ސިޓީން އަމިއްލަ ދަނޑުގައި ވަރުގަދަ ބަޔާން މިއުނިކް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އިންޓައިން ރަށުން ބޭރުގައި ޕޯޗުގަލްގެ ބެންފިކާ ކައިރިން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ސިޓީން ރޭ އަމިއްލަ ދަނޑުގައި ބަޔާންއާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތް އިރު، ބަޔާންގެ އާ ކޯޗު ތޯމަސް ޓުޗެލްއަށް އޮތީ މޮޅެއްގެ ޕްރެޝަރު ބޮޑުވެފައެވެ. އެޓީމުން ރަނގަޅަށް ކުޅުން ފަށައި މެޗުގެ ކުރީކޮޅުގައި ބަޔާންއިން ކުޅުން ކޮންޓްރޯލް ކުރި ނަމަވެސް، 27 ވަނަ މިނެޓުގައި ސިޓީން ލީޑު ނެގިއެވެ. ސިޓީއަށް ލީޑު ނަގައިދިނީ ރޮޑްރީއެވެ. ރޮޑްރީގެ ގޯލަކީ ހާފުގެ މެދެއްހާ ހިސާބުން ބޯޅަ ހިފައިގެން ކުރިއަށް ޖެހިލައި، އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ސީދާ ގޯލުގެ ކަނަށް އަމާޒު ކޮށްލައިގެން ޖެހި ގޯލެކެވެ.

އެ ގޯލާއެކު މެޗު ހުޅުވިގެން ގޮސް، ހަމަލާތައް އިތުރުވިއެވެ. ބަޔާންގެ ލެރޮއި ސާނޭގެ ނުރައްކާތެރި ދެ ހަމަލާއެއް ފުރަތަމަ ހާފުގައި ފެނިގެން ދިޔަ އިރު، އެޑަސަން ވަނީ ސިޓީއަށް މުހިއްމު ސޭވްތަކެއް ކޮށްދީފައެވެ. އަދި ސާނޭގެ ބާރު ހަމަލާއެއް ގޯލާ އަމާޒުނުވެ ވެސް ގޮސްފައިވެއެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ބަޔާންގެ ނުރައްކާ ފެނުނު އިރު، ސާނޭގެ އިތުރު ހަމަލާއެއް އެޑަސަން މަތަކުރިއެވެ. ލީޑުގައި އޮތް ސިޓީން އެޓީމުގެ ލީޑު އިތުރަށް ފުޅާކުރީ އާލިން ހާލަންޑާއި ބަނާޑޯ ސިލްވާ ޖެހި ގޯލުތަކުންނެވެ.

މިހާތަނަށް ސީޒަނުގައި 45 ގޯލު ހާލަންޑް ޖަހާފައިވާ އިރު، އޭނާ ވެފައި ވަނީ ޕްރިމިއާ ލީގުގައި ތާރީހުގައިވެސް އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. މީގެ ކުރިން ޕްރިމިއާ ލީގު ކުޅުންތެރިންގެ ތެރެއިން އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖަހާފައި ވަނީ މުހައްމަދު ސަލާހާއި ރޫދު ވޭން ނިސްތެރޫއީއެވެ. އެ ދެކުޅުންތެރިންވެސް ރެކޯޑުގައި އޮތީ އެއް ސީޒަނެއްގައި 44 ގޯލު ޖަހައިގެންނެވެ.

އިންޓައިން އަވޭގައި ބެންފިކާ ބަލިކުރި އިރު، ރޭގެ ބައްޔަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބެންފިކާއަށް ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޓައިން ޑިފެންސިވްލީ ރަނގަޅު ކުޅުމެއް ދައްކާފައިވާ އިރު، ރަފާ ސިލްވާ ފުރަތަމަ ހާފު ޖެހި ބާރު ބޯޅަ މަތަކުރީ އިންޓަގެ ގޯލްކީޕަރު އަންދްރޭ އޮނާނާއެވެ.

އޭގެ އިތުރުން ފުރަތަމަ ހާފުގައި ބެންފިކާގެ ފޯވަޑް ކޮންސާލޯ ރާމޯސް ޖެހި ބޯޅަ ޑެންޒިލް ޑަމްފްރީސް ވަނީ ހުށިޔާރުކަމާއެކު މަތަކޮށް ބޭރު ކޮށްލައިފައެވެ.

މެޗުހެ ދެވަނަ ހާފުގައި އިންޓަގެ ދެ ގޯލުވެސް ފެނިގެން ގޮސްފައިވާ އިރު، އެޓީމުގެ ފުރަތަމަ ގޯލު ޖެހީ ނިކޮލާ ބަރޭލާއެވެ. އަދި މެޗު ނިމެން ދަނިކޮށް، 82 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީގައި އިންޓަގެ ދެވަނަ ގޯލު ޖެހީ ޗެލްސީގެ ލޯނެއްގައި ހުރި ރޮމެލޫ ލުކާކޫއެވެ. ލުކާކޫ މެޗަށް ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.