އައްޑޫ ސިޓީގެ ކުނި ކޮށީގައި ރޯވި އަލިފާންގަނޑު 21 ގަޑިއިރު ފަހުން ކޮންޓްރޯލުކޮށްފިއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "ވަން" އަށް މިއަދު ވިދާޅުވީ ކުނި ކޮށި މިހާރުވެސް ކޮންމެވެސް ވަރަކަށް އަނދަމުންދާ ކަމަށާއި ނަމަވެސް އަލިފާންގަނޑު ވަނީ ކޮންޓްރޯލު ކުރެވިފައި ކަމަށެވެ.

އަލިފާން ރޯވެފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ކައިރީގައިވާ އޮންނަ ކުނި ކޮށީގައެވެ. ނިޒާރު ވިދާޅުވީ ހޮސްޕިޓަލާ ކައިރީގައި ރޯވި ނަމަވެސް އެ ހޮސްޕިޓަލަށް ދުމުގެ އަސަރު ކޮށްގެން އަދި އަލިފާނުގެ ސަބަބުން ނޭދެވޭ އަސަރެއް ކުރާކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ވަނީ، ކުނި ކޮށި ސަރަހައްދުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމުން އެ ސަރަހައްދުން ބޭނުމެއްގައި ނޫން ގޮތަކަށް ދަތުރު ނުކުރުމަށް އެދިފައެވެ.

"ސައިކަލުން ދަތުރު ކުރައްވާ ބޭފުޅުން އިތުރަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައި ދަތުރު ކުރައްވާއިރު މާސްކް އަޅުއްވައިގެން ދަތުރުކޮށް، ކުޑަކުދިން ގޮވައިގެން އެއްގޮތަކަށް ވެސް ދަތުރު ނުކުރެއްވުމަށް އިލްތިމާސް ކުރަން،" އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

އައްޑޫ ކުނި ކޮށީގައި އަލިފާން ރޯވެފައިވަނީ އިއްޔެ ހަވީރު 5:00 ހާއިރެވެ. އަލިފާން ނިއްވާލުމުގެ މަސައްކަތުގައި ފުލުހުންނާއި އެމްއެންޑީއެފާއި ވެމްކޯ އަދި އައްޑޫގެ މަގު ހެދުމުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އަލިފާން ރޯވެފައިވާ ސަރަހައްދުގައި ވަޅުގަނޑެއް ކޮނެ ފެން ނަގައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި މިއަދު މެންދުރު 1:30 ހާއިރު އަލިފާން ކޮންޓްރޯލުކޮށް، އެ ސަރަހައްދު ވެމްކޯއާ ހަވާލުކޮށްފައިވާ ކަމަށެވެ.