މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅެން އޮތް މެޗާ މެދު ވިސްނޭތީ ރަނގަޅަށް ނުނިދޭ ކަމަށް ބަޔާން މިއުނިކްގެ ކޯޗު، ތޯމަސް ޓުޗެލް ބުނެފިއެވެ.
ބަޔާނުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ނުކުންނަނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ފުރަތަމަ ލެގުގެ މެޗު މިރޭ ކުޅޭނީ އިނގިރޭސިވިލާތުގެ ސިޓީ ދަނޑުގައެވެ. ބަޔާނުން އެޓީމާ އަލަށް ހަވާލުވި ކޯޗު ޓުޗެލްގެ އިރުޝާދުގެ ދަށުން މިރޭގެ މެޗަށް ނުކުންނަ އިރު، ޓުޗެލްއަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ދެކޮޅަށް އެހާ ކާމިޔާބު ކޯޗެއް ނޫނެވެ.
ޓުޗެލް ބަޔާންއާ ހަވާލުވުމުގެ ކުރިން ޗެލްސީއާއި ޕީއެސްޖީއަށްވެސް ކޯޗުކަން ކޮށްދީފައިވާ އިރު، އެންމެފަހުން ގާޑިއޯލާއާ ދެކޮޅަށް ނުކުތް 10 މެޗުގެ ތެރެއިން ކާމިޔާބުކުރެވުނީ ތިން މެޗެކެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް ހިމެނެއެވެ. އެ ފައިނަލުގައި ޗެލްސީގެ ކޯޗެއްގެ ގޮތުގައި ޓުޗެލް ވަނީ ސިޓީ ބަލިކޮށް، ތަށި ނަގައިފައެވެ.
"އަހަރެން މަސައްކަތްކުރަން އަވަހަށް ނިދަން. އެއީ ނިދުމަކީ އެންމެ ރަނގަޅަށް ތައްޔާރުވާން މުހިއްމު ކަމަކަށްވާތީ. އެހެންނަމަވެސް ކަންކަމާ މާ ބޮޑަށް ވިސްނާތީ ވަރަށް އުނދަގޫ ނިދަން ބައެއް ފަހަރު. މެޗާ ދޭތެރޭ ވިސްނޭތީ މިހާރު އަވަހަށް ހޭލެވޭ. ރަނގަޅަށް ނުނިދޭތީ ދުވަސްކޮޅެއް ވެއްޖެ،" ޓުޗެލް ބުންޏެވެ.
ޓުޗެލް ބުނީ މީގެ ކުރިން ގާޑިއޯލާއާ ދެކޮޅަށް ކުޅުނު މެޗުތަކުން ދަސްވާނެ ކަމެއް ނޯންނާނެ ކަމަށާއި، ގާޑިއޯލާއަކީ އަބަދުވެސް އާ ކަންތައްތަކެއް، އާ ޓެކްޓިކްސްއެއް ބޭނުންކުރާ ކޯޗެއް ކަމަށެވެ. އަދި މެޗުގެ "އަންޑަ ޑޯގްސް"އަކީ ބަޔާން ކަމަށް ވިސްނާ ނަމަވެސް، ބަޔާން މިވަގުތު އޮތް ކޮންފިޑެންސްގައި ސިޓީ ބަލިކުރެވޭނެ ކަމަށްވެސް ގަބޫލުކުރާ ކަމަށް ބުންޏެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް