މިއީ މިދިޔަ ހުކުރު ދުވަހު ނ. މަނަދޫ އަންނާރުމާގެ/ ނައީމާ މޫސާ މަރާލާފައި އޮއްވައި ފެނުމުން މުޅި ރަށަށް ވެސް ލިބުނީ ޝޮކެކެވެ. ހަށިގަނޑުގެ 21 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ކަރުގައި ފުން ޒަހަމެއް ހުރިކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ. މަރާލާފައިވާ ކަމަށް ބަލައިގެން ފުލުހުންގެ ތަހުގީގުވެސް ވަނީ ފުޅާކޮށްފައެވެ.
ދެ ކައިވެންޏަކަށް ނައީމާއަށް ތިން ދަރިން ލިބިފައިވީނަމަވެސް އެކުދީން ދިރިއުޅެނީ ރަށުން ބޭރުގައެވެ. ދެ ފިރިންވެސް މަރުވެ ހުވަފަތްވެފައިވާ ނައީމާ ދިރިއުޅެމުންދިޔައީ އެކަނިމާ އެކަންޏެވެ. އާއިލާ މީހުންނާވެސް މާބޮޑު ގުޅުމެއް ނޯންނަ ކަމަށް އާއިލާއިން ބުނެއެވެ. ސަބަބެއް ކަމަށް ބުނީ ނައީމާއަކީ ސިހުރު ހަދާ މީހެއްކަމަށް ރަށުތެރޭގައި ތުހުމަތުތަކެއްކޮށް އަޑުތައް ފެތުރޭތީ އެވެ.
ނައީމާ އަކީ ރަށުތެރެ ކުނި ކެހުމުގައި ހަރަކާތްތެރިވާ ގުރޫޕުގައި ހިމެނޭ މީހެކެވެ. މިމަހުގެ ފަސް ވަނަ ދުވަހު މަސައްކަތަށް ނިކުތް ގޮތަށް ޖެހިގެން އައި ދުވަހު މަސައްކަތަށް ނިކުމެފައި ނުވާ ކަމަށް އޭނާއާއެކު މަސައްކަތުގައި އުޅޭ އެހެން މީހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ފަސް ވަނަ ދުވަހުގެ ހަވީރު ބަޔަކު މީހުންނަށް އޭނާ މަގުމަތިންވެސް ވަނީ ފެނިފައެވެ. ޖެހިގެން އައި ބުރާސްފަތި ދުވަހު ނައިމާގެ ހަބަރެއް ނުވެގެން އެކުގައި މަސައްކަތްކުރާ މީހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް ޓަކި ދިނުމުންވެސް ދޮރު ހުޅުވާފައެއް ނުވެއެވެ. އޭގެ އަނެއްދުވަހުވެސް ނައީމާގެ އެއްވެސް ހަބަރެއް ނުވާތީ ދެ ފަހަރު މަތިން އެގެއަށް ގޮސް ޓަކި ދިން ކަމަށް އޭނާއާއެކު މަސައްކަތްކުރާ މީހުން "ވަން" އަށް ވަނީ ބުނެފައެވެ.
"މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ނައީމާގެ ހަބަރެއް ނުވޭ. ދެން ހުކުރު ދުވަހުވެސް ހަބަރެއް ނުވެގެން އަޅުގަނޑުމެން ގޮސް ދޮރުގަ ޓަކި ޖެހިން ހެނދުނުވެސް. ހަވީރު ގޮސް ޓަކި ޖެހީމަވެސް ހަބަރެއް ނުވި. އެކަމަކު ކޮޓަރީގަ ފަންކާ ޖައްސާފަ ހުރި އަޑު އިވޭ. ބޮކިވެސް ޖައްސާފަ ހުރީ. ދެވަނަ ފަހަރަށް ގޮސް ޓަކި ޖެހީމަވެސް ހަބަރެއް ނުވީމަ ނައީމާގެ އާއިލާ މީހުން ގާތު ބުނީ. އެމީހުންވެސް ނައީމާ ބަލިވީ ކަމަށް ބަލައިގެން ރޯދަ ވީއްލާ ސާމާނާ އެއްޗެހި ހިފައިގެން އައިސް ޓަކި ޖެހި. އެކަމަކު ދޮރެއް ނުހުޅުވާ. އެހެންވެ ފުލުހުންގެ އެހީތެރިކަމާއެކު ދޮރުވައްޓައިގެން އެތެރެއަށް ވަނީ. އޭރު ނައީމާ އޮތީ ބިންމަތީގަ ކަމަށް އެތެރެއަށް ވަތް މީހުން ބުނޭ." ނައިމާގެ ހަބަރެއް ނުވެގެން އެގެއަށް އެންމެ ފުރަތަމަ ދިޔަ މީހުންގެ ތެރޭގައި ހިމެނޭ މީހަކު މަނަދޫގައި ހުރި "ވަން" އޮންލައިންގެ އެސިސްޓެންޓު އެޑިޓަރު އަލީ ޔާމީނަށް ކިޔައިދީފައިވެއެވެ.
ނައީމާގެ ހަށިގަނޑު ބިންމަތީގައި އޮތް އިރު ގިނަ އަދަދަކަށް ލޭ ހުރި ކަމަށް މަންޒަރު ދުށް ބައެއް މީހުން ވަނީ ބުނެފައެވެ. ފުލުހުން އެ ސަރަހައްދު އެވަގުތުން ފެށިގެން ބަންދުކޮށްފައިވާއިރު، އެ މަރާ ގުޅިގެން މިހާތަނަށް ފުލުހުން މާބޮޑު ތަފުސީލެއް ދީފައެއް ނުވެއެވެ. ނަމަވެސް ރޭ މަނަދޫ ކައުންސިލާއެކު ފުލުހުން ބޭއްވި ބައްދަލުވުމެއްގައި، މި މަރުގެ ތަހުގީގަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކައުންސިލުން ވަނީ މައުލޫމާތުދީފައެވެ.
ނައީމާގެ ހަށިގަނޑު މަނަދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިނުވި ނަމަވެސް އެރަށުގައި މަސައްކަތްކުރާ ޑޮކްޓަރަކު އެގެއަށް ގެންދިޔަ ކަމަށް އެ ރަށު ބައެއް މީހުން ބުނެއެވެ. ނައީމާގެ ހަށިގަނޑު ހުކުރު ދުވަހުގެރޭ ފަތިހުގެ ވަގުތެއްގައި ހިނަވާ ގެއަށް ގެންދިޔަ ނަމަވެސް އާއިލާއާ ހަށިގަނޑު ހަވާލުކުރީ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ޕޯސްޓުމޯޓަމް ނަހަދައި އޭނާގެ ހަށިގަނޑު އެ ދުވަހުގެ އަސްރު ނަމާދުގެ ފަހުން ވަނީ ވަޅުލާފައެވެ.
ޕޯސްޓުމޯޓަމް ނުހެދީ ކީއްވެގެންތޯ މީޑިއާތަކުން ފުލުހުންނާ ސުވާލުކުރުމުން، ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނައީމާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގާފައިވާ ކަމަށެވެ.
އެހެން ނަމަވެސް މިދިޔަ އަހަރު އާންމުކޮށްފައިވާ "މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓް -މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދު"ގައި، ޖިނާއީ ކުށަކާ ގުޅިގެން، މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށް ޓަކައި އަދި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށް ޓަކައި، މަރުވެފައިވާ މީހާގެ ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހެދުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުތަކެއްވެއެވެ. އެގޮތުން މިގަވާއިދުގައިވާ ގޮތުން ޕޯސްޓުމޯޓަމް ހެދޭނެ ހާލަތްތަކަކީ އެކްސިޑެންޓަކާ ގުޅިގެން މީހަކު މަރުވެފައިވާ މައްސަލަތައް، އަމިއްލައަށް މަރުވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތައް، ގަސްތުގައި މީހަކު މަރާލައިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް، އިހުމާލުގެ އަމަލަކުން މީހަކު މަރުވެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް، ގޮތް ނޭނގޭ މަރުގެ މައްސަލަތައް، ގުދުރަތީ ގޮތުން ނޫން އެހެން ކޮންމެވެސް ގޮތަކުން މަރުވެފައިވާކަމަށް ތުހުމަތުކުރެވޭ މަރުގެ މައްސަލަތަކެވެ. އެހެން ނަމަވެސް މި ބާރު ހަމައެކަނި ލިބިގެން ވަނީ ދިވެހި ފުލުހުންނަށެވެ.
ނައިމާގެ މަރުގެ މައްސަލަ ފުލުހުން ބަލަމުން އަންނަނީ ގަސްތުގައި މީހަކު މަރާލައިފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ގޮތުގައެވެ. ނައީމާގެ ގާތިލު މިހާތަނަށް ހައްޔަރުކުރެވިފައި ނުވާއިރު ޕޯސްޓުމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތީ ކީއްވެތޯ މިއީ ގިނަ ބަޔަކު އުފައްދަމުން އަންނަ ސުވާލެކެވެ.
ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލަކު "ވަން" އަށް ވިދާޅުވީ ޕޯސްޓުމޯޓަމް ހަދަން ޖެހެނީ މަރުވި ސަބަބު ދެނެގަތުމަށްޓަކައި ކަމަށެވެ. އަދި އެއީ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތި، ޝައްކު އުފެދޭ މަރެއް ކަމުގައިވާނަމަ އެމީހެއްގެ ޕޯސްޓުމޯތަމް ހަދަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ނައީމާގެ ހަށިގަނޑުގެ ބޭރުފުށުން އެތަށް ޒަހަމެއް ފެންނަން ހުރި ކަމަށް ވާހަކަތައް ދެކެވޭ ކަމަށާއި އެހެންކަމުން މި މަރުގައި ޕޯސްޓުމޯޓަމް ހަދަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ދާދިފަހުން ހިނގި މަރުތަކާއި ހަދާފައިވާ ޕޯސްޓުމޯޓަމްތަކަށް ބަލާއިރު، ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި 2021 ވަނަ އަހަރު ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުގެރޭ ތޫނު އެއްޗަކުން ހަމަލާދީ މަރާލި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔު (17އ)ގެ ޕޯސްޓުމޯޓަމާއި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުގެރޭ ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ޕޯސްޓުމޯޓަމާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ހދ. ނޮޅިވަރަމުގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދު 28އ.ގެ ޕޯސްޓުމޯޓަމް ފާހަގަކޮށްލެވެއެވެ. މި މަރުތަކާ ގުޅިގެން ތުހުމަތު ކުރެވޭ ގާތިލުން ހާދިސާ ހިނގި ދުވަހު ހައްޔަރުކުރިއެވެ. ފުލުހުން އޭރު ބުނީ އެމީހުންގެ ޕޯސްޓުމޯޓަމް ހެދީ، އެމީހުން މަރުވެފައިވަނީ ދީފައި ހުރި އަނިޔާތަކުގެ ސަބަބުން ކަމަށް ޝައްކެއް ނެތް މިންވަރަށް ޔަގީންކުރުމަށް ކަމަށެވެ.
އެހެން ކަމަށް ވާނަމަ ނައީމާ މަރުވީ ހަށިގަނޑަށް ދީފައި ހުރި އަނިޔާތަކުގެ ސަބަބުންކަން ފުލުހުންނަށް ޝައްކެއް ނެތް މިންވަރަށް ޔަގީންވީ ކޮން ގޮތަކުންތޯ މިއީވެސް އުފައްދާ ސުވާލެކެވެ. އެއީ ރާއްޖޭގައި އަދި މިހާތަނަށް ޕޯސްޓުމޯޓަމް ހެދޭނެ ގޮތް ނެތުމުންނާއި ނައީމާގެ ޕޯސްޓުމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުން ބުނަމުންދާތީއެވެ. ސަބަބެއް ނެތީ ކީއްވެތޯ ފުލުހުންގެ މީޑިއާއާ "ވަން" އިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް އެއްވެސް ޖަވާބެއް މިހާތަނަށް ދީފައެއް ނުވެއެވެ.
ޝިއާއު މަރާލާފައިވަނީ ހަށިގަނޑުގެ އެތަށް ތަނަކަށް ހަމަލާދީއެވެ. އެހެން ކަމުން މަރުވީ ސީދާ ކޮންތާކަށް ހަމަލާދީކަން ސާބިތުކުރުމަށް ޕޯސްޓުމޯޓަމް ހެދީ ކަމަށްވެދާނެއެވެ. އަދި އުދައްޔު މަރާލީވެސް ބުރަކައްޓާއި ބޮލާއި ކުރިމަތިފަރާތަށް ތޫނު އެއްޗަކުން ހަމަލާދީއެވެ. އެހެންކަމުން އޭނާ މަރުވީ ސީދާ ކޮންތާކަށް ހަމަލާ އަމާޒުވެގެން ކަން ބެލުމަށް ޕޯސްޓުމޯޓަމް ހަދައިފާނެ ކަމަށް ބެލެވޭ ކަމަށްވެސް "ވަން" އާ ވާހަކަ ދެއްކި އެހެން ގާނޫނީ ވަކީލު ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެހެންމެ މަރާލުމުގެ ކުރީން އެހެން ކަހަލަ އަނިޔާއެއް ދީފައިހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.
"ނައީމާ ކޭސްގަ ބޭރުފުށުން ވަރަށް ބޮޑެތި ގިނަ ޒަހަމްތަކެއް ފެންނަން ހުރި. މިސާލަކަށް ޑޮކްޓަރުން މި ނިންމީ ކަރު ބުރިކުރުމުގެ ސަބަބުން ލޭ ހުސްވެގެންނޭ މަރުވީ. ނޫނީ ކަރަށް ދީފަ ހުރި އަނިޔާއެއްގެ ސަބަބުންނޭ. އެހެން ކަމަށްވާނަމަ އެއޮތީ މަރުވި ސަބަބު ހޯދިފަ. އިތުރަށް ޕޯސްޓުމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް." އޭނާ ވިދާޅުވިއެވެ.
ބައެއް މީހުން ފާހަގަކުރާ ގޮތުގައި ނައީމާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ނުހެދީ މާބޮޑަށް ކުނިވުމުގެ ސަބަބުން ކަމަށްވެސް ވެދާނެ ކަމަށެވެ. އެހެން ކަމަށްވާނަމަ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށް އެ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ވޯޓާތީމް ޕާކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒުހާންގެ ޕޯސްޓުމޯޓަމްވެސް ނުހެދުނީހެވެ. ފުލުހުން ބުނީ އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ކުނިވެ ކަށިގަނޑަކަށް ވެފައި ކަމަށެވެ. އެކަމަކު އެ ހަށިގަނޑުގެވެސް ޕޯސްޓްމޯޓަމް ހެދިއެވެ.
ޕޯސްޓްމޯޓަމް ނުހަދަން ފުލުހުން ނިންމި ސަބަބަކީ އެނގުން މުހިންމު ސަބަބަކެވެ. މީހުން ސުވާލު އުފައްދާތީ އެވެ. ރަނގަޅު ވާހަކައެކެވެ. ޕޯސްޓްމޯޓަމް ހަދަން ނުޖެހޭ މިންވަރަށް ފުލުހުންނަށް ކަންތައްތަކެއް ކަށަވަރު ވެފައި ހުރުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް