ޗެމްޕިއަންސް ލީގުގެ ނާކާމިޔާބީތަކާ ކުރިމަތިވާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން، ދުނިޔޭގެ ލެޖެންޑަރީ ކުޅިވަރު ޝަހުސިއްޔަތުތަކުގެ ކެރިއަރުންގެ މިސާލު ޕެޕް ގާޑިއޯލާ ޖަހައިފިއެވެ.
ސިޓީން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ނުކުންނާނީ ބަޔާން މިއުނިކާ ދެކޮޅަށެވެ. ސިޓީއަށް ދިޔުމުގެ ކުރިން 2013 ވަނަ އަހަރުން 2016 ވަނަ އަހަރަށް ގާޑިއޯލާއިން ބަޔާންގެ ކޯޗުކަމުގައި މަސައްކަތް ކޮށްފައިވާ އިރު، އެ ދުވަސްތަކުގައި ޖަރުމަނު ލީގު ތިން ފަހަރު އެ ކްލަބާއެކު އުފުލާލައިފައިވެއެވެ. އެހެން ނަމަވެސް ޗެމްޕިއަންސް ލީގު އެކްލަބާއެކު ނުހޯދުންވީ ލިބުނު ދެރައަކަށެވެ.
އޭގެ ފަހުން ސިޓީއާ ހަވާލުވެ، އެޓީމާއެކު ލީގުގެ ބޮޑެތި ކާމިޔާބީތައް ހޯދި ނަމަވެސް، އަދިވެސް އޮތީ ޗެމްޕިއަންސް ލީގުގެ ކާމިޔާބީ ނުހޯދިއެވެ. އެންމެ ކައިރިއަށް ޖެހިލީވެސް 2021 ވަނަ އަހަރުއެވެ. ސިޓީން އެފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގޮސް ބަލިވީ ޗެލްސީ އަތުންނެވެ.
މިފަހަރުވެސް ގާޑިއޯލާއަށް ޗެމްޕިއަންސް ލީގު ހޯދުމަށް ބޮޑު ޕްރެޝަރެއް އޮތް އިރު، މިހާތަނަށް އެކަން ނުކުރެވި އޮތް އޮތުމަށް އޭނާ މިސާލު ޖެހީ ވަރުގަދަ ކުޅިވަރު ލެޖެންޑުންގެ ނަން ބޭނުން ކޮށްގެންނެވެ. ގާޑިއޯލާ ބުނީ ގޮލްފް ލެޖެންޑް ޖެކް ނިކްލާސް އާއި ބާސްކެޓް ލެޖެންޑް މައިކަލް ޖޯޑަން ފަދަ ކާމިޔާބު އެތުލީޓުންވެސް މޮޅުވި މެޗުތަކަށްވުރެ ބަލިވި މެޗުތައް ގިނަ ކަމަށާއި ކުޅިވަރުގައި ހޯދާ ކާމިޔާބީތައް މިނެކިރުމުގައި އަބަދު މޮޅުވާވުމަށް ނުބެލޭނެ ކަމަށެވެ.
"ހުރިހާ ކުޅިވަރަކީވެސް އުނދަގޫ ކުޅިވަރުތަކެއް. މިސާލަކަށް ބަލާ އިއްޔެގެ ގޮލްފް މާސްޓާސް. ޖެކް ނިކްލާސް ކެރިއަރަކީ ކާމިޔާބު ކެރިއަރެއް. އެކަމަކު 30-40 އަހަރު ގޮލްފްގައި ހޭދަކޮށް، އޭނާ ކުޅުނު 164 މުބާރާތުން މޮޅުވީ 18 މުބާރާތަކުން. އަހަރެންގެ ނަޒަރުގައި އެންމެ މޮޅު ބާސްކެޓް އެތުލީޓް މައިކަލް ޖޯޑަންގެ ކެރިއަރުގައި 15 އަހަރު ވަންދެން ކުޅުނު އިރު ލިބުނީ އެންބީއޭގެ ހަ ޓައިޓަލް. އޭނާވެސް ކުޅުނު ހުރިހާ އަހަރަކު މޮޅެއް ނުހޯދާ، މޮޅުވި ވަރަށްވުރެ ބަލިވި އަދަދު ގިނަ،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ސިޓީއާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގު ތަށްޓަށް ވަރަށް ބޮޑަށް ޓާގެޓް ކޮށްފައިވާ އިރު، އޭނާ ބުނީ ބަޔާންއާ ދެކޮޅަށް ކުޅޭ އިރު، އެޓީމުގެ ވިސްނުމަށް ސިޓީގެ ވިސްނުންވެސް ހާނަން ޖެހޭނެ ކަމަށެވެ.
"އަހަރެން ބަޔާންގައި ހޭދަކުރި ދުވަސްތަކުގެ ތަޖުރިބާއިން އެނގުނު އެއްޗަކީ ބަޔާންއާ ދެކޮޅަށް ކުޅޭ އިރު، ކޮންމެ ދަނޑެއްގައި ކުޅުނު ނަމަވެސް ބަޔާންގެ މެންޓާލިޓީއަށް ސިޓީން ހޭނެން ޖެހޭނެ. ބަޔާންގެ މޮޅުވުމުގެ ވިސްނުން އެޓީމާ ދެކޮޅަށް ބޭނުންކުރަން ޖެހޭނެ،" ގާޑިއޯލާ ބުންޏެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ