ސަފަރީއެއްގައި ކެންޔާ އަންހެނަކު ރޭޕުކުރިކަމަށް ބުނާ މައްސަލަ ހެކި ނެތް ކަމަށްބުނެ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލައިފިއެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލ. ގަމު ތުނޑި، ނޫރަންގޭ އަބްދުﷲ ޝާންގެ މައްޗަށެވެ. އޭނާއާ ދެކޮޅަށް ދައުލަތުން ކޯޓަށް ހުށަހެޅީ ޖިންސީ ގޯނާކުރިކަމުގެ ދައުވާއެވެ. ޝާންއަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނެވެ.

ހުޅުމާލެ ކޯޓުގެ އޮފިޝަލަކު "ވަން"އަށް މިއަދު ވިދާޅުވީ ޝާންއާ ދެކޮޅަށް ހުށަހެޅި މައްސަލަ ވަނީ ހެކި ނެތުމުގެ ސަބަބުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ކުރިއަށް ނުގެންގޮސް ބޭރުކޮށްލާފައި ކަމަށެވެ.

އެ މައްސަލައިގައި ޝާންގެ އިތުރުން އިތުރު ދެ މީހެއްގެ މައްސަލަވެސް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައެވެ.

ޕީޖީ އޮފީހުން ނިންމާފައިވަނީ އެ ދެ މީހުންނާ ދެކޮޅަށް ހެކި ނެތުމުން ދައުވާ ނުކުރުމަށެވެ.

ސަފަރީ ރޭޕް ކޭސްގެ މައްސަލަ ސަމާލުކަމަށް އައިސްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ވާހަކަ ރާއްޖޭގެ އޮންލައިން ނޫހަކުން ރިޕޯޓު ކުރުމުންނެވެ.

ނަމަވެސް ފަހުން އެ އަންހެން މީހާ ބުނެފައިވަނީ އޭނާ އެއްވެސް މީޑިއާއަކަށް މައުލޫމާތު ދީފައިނުވާނެ ކަަމަށެވެ.