ނ. މަނަދޫން ޢަލީ ޔާމީން (ވަން އޮންލައިން)
މިއީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. މި ރަށުގެ ރަޖިސްޓްރީގައި 2،000 އަށްވުރެ ގިނަ މީހުން ތިބި އިރު، ރަށުގައި 3،000 އެއްހާ މީހުން އުޅެއެވެ. މި ރަށަކީ އަތޮޅުގެ ވެރިކަންކުރާ ރަށަށް ވެފައި، ގިނަ ހިދުމަތްތައް މި ރަށުން ލިބެން ހުރުމާއެކު ގިނަ ބަޔަކު ވަޒީފާ އަދާކުރަނީ ރަށުގައި ހުންނަ ސަރުކާރުގެ އެކިއެކި އޮފީސްތަކާއި ކުންފުނިތަކުގައެވެ. ޒުވާނުންގެ ބޮޑު އާބާދީއެއް އަތޮޅުގައި ހުރި ރިސޯޓުތަކުގައިވެސް އުޅެއެވެ. ގިނަ އަދަދަކަށް ބިދޭސީންވެސް އުޅެއެވެ. މަދުން ނަމަވެސް މަސްވެރިކަމާއި ދަނޑުވެރިކަން ކުރެއެވެ. ނަމަވެސް މިރަށް ހާއްސަވާ ތަފާތު ކަމެއް އެބައޮތެވެ. އެއީ، ކުރުނބައެވެ. މަނަދޫ ދޮން ކުރުނބައެވެ. ބޮޑުމިނުގައި ސަތޭކަ ދިހަ ހެކްޓަރުގެ ހުންނަ މިރަށުގައި 390 ގޭބިސީ ހުރިއިރު އެއިން ކޮންމެ ގެއެއްގައިހެން ދޮން ކުރުނބާ ލިބޭ ރުކެއް ހުރެއެވެ. ބައެއް ގެތަކުގައި ދެތިން ހަަތަރު ރުއްވެސް އެބަހުއްޓެވެ. ދޮން ކުރުނބާ ރުކެއް ނެތް ގެއެއް މިރަށުގައި ވަރަށްވެސް މަދެވެ.
މި ރަށުގައި ކުރުނބާގެ ވިޔަފާރި ކުރާ މީހަކު "ވަން" އަށް ބުނި ގޮތުގައި މީގެ ރުކެއް ފޯދިގެން ކުރުނބާ އަޅާ ވަރުވާން ދެ އަހަރު ބަޔާއި ތިން އަހަރާ ދެމެދުގެ މުއްދަތެއް ނަގަވެ. އަދި ކުރުނބާ ވިއްކައިގެން މަހެއްގެ މައްޗަށް 8،000-10،000 ރުފިޔާގެ އާމްދަނީއެއް ލިބޭ ކަމަށް ބުންޏެވެ.
"ކުރުނބައެއް މި ވިއްކަނީ 15 ރުފިޔާއަށް. ކައިރި ރިސޯޓުތަކަށް ބޮޑަށް މި ވިއްކަނީ. ގަންނަން އެ މީހުން އަންނާނެ. އިހާ ހުރި ގޮތަށް ގެންދާނެ. ކިތަންމެ ބައިވަރެއް ކެނޑިޔަސް ގެންދާނެ. ނުލިބިފަ އޮންނަނީ." އޭނާ ބުންޏެވެ.
މިއީ ރާއްޖޭގައި އެންމެ ގިނަ ރިސޯޓު އޮޕަރޭޓް ކުރާ އެއް އަތޮޅެވެ. އަށް ރިސޯޓު އޮންނައިރު އޭގެ ތެރޭގައި މަޝްހޫރު އަދި މަތީ ފަންތީގެ ރިސޯޓުތައްވެސް ހިމެނެއެެވެ.
މި ރަށުގައި ރުއް އާއްމުކޮށް ހެދިފައި ހުންނަނީ ފަސް ފޫޓާއި ދިހަ ފޫޓު އުހަށެވެ. އެއަށް ވުރެ އުސް ވެއްޖެނަމަ އެ ރުއް ކަނޑާލުމަށް ފަހު އާ ރުކެއް އިންދައެވެ. ސިއްހަތު ރަނގަޅު ރުކެއްގައި އަބަދުވެސް ދެތިން އިހާ ކުރުނބާ އޮވެއެވެ. އިހަލަކުން 40 އާއި 120 އާއި ދެމެދުގެ އަދަދަކަށް ކުރުނބާ ލިބެއެވެ.
"މި ގޭގައި މި ހުންނަނީ ތިން ރުއް. އެވްރެޖުކޮށް މަހަކު 2،000 ރުފިޔާ ނޫނީ 3،000 ރުފިޔާ ވަރު ނުލިބި ނުދާނެ. އަބަދުވެސް ކުރުނބާ ލިބޭ އިރާދަކުރެއްވިއްޔާ" މި ރަށު އެހެން މީހަކު ބުންޏެވެ.
މިރަށުގެ ބައެއް ގޭގޭގައި ދޮން ކުރުނބާ ހައްދަނީ އެ ގެއެއްގައި ބޭނުންކުރުމަށެވެ. ބައެއް ގޭގޭގައި ދޮން ކުރުނބާގެ އިތުރުން އޮރެންޖު ކުރުނބާ އަދި ފެހި ކުރުނބާ ލިބޭ ރުއްތައްވެސް ހުރެއެވެ.
"ފަޅު ގޯތިތަކުގަ ނޫނީ މީހުންނާ ވަކިން އެހެން ހުންނަ ރުއްތަކަށްވުރެ މީހުން ދިރިއުޅޭ ގެތަކުގަ ހުންނަ ރުއްތަކުން ކުރުނބާ ލިބޭލެއް އަވަސްކަންވެސް ފާހަގަވޭ. އަދި ރުކުގެ ފަނުގަ އަތް ކާއްތައި އެހެން އުޅެންޏާ ވަރަށް އަވަހަށް ރުއް ބޮޑުވެގެންދާކަން ވެސް ފާހަގަވޭ" ރޯދަ ވީއްލުމަށް ފަނިގިރުމަށްޓަކައި ދޮން ރުކު ކުރުނބައެއް އަޅަން ހުރި މީހަކު ބުންޏެވެ.
މި ރަށު ކައުންސިލުންވެސް އަންނަނީ ރަށުގައި ދޮން ކުރުނބާ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިރަށު ބަނދަރު ސަރަހައްދުގައި ކައުންސިލުން ވަނީ 130 ދޮން ކުރުނބާ ރުއް އިންދައިފައެވެ. އެ ރުއްތައް ބޮޑެތިވުމުން ރަށުގެ މަލަމަތިން އެއްކޮށް ފެންނާނީ ދޮން ކުރުނބައެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ރުއްތައް ބޮޑެތިވުމުން މިހާރު އެ ހުރި ފިތުރޯނު ގަސްތައް ނަގައި އެތަން ދޮން ރުކުން އެއްކޮށް ފުރާލުން. އެއީ މަލަމަތި ރީތިކުރުމަށް. ދެން އޭގެން ލިބޭނެ ނަފާވެސް އޮންނާނެ. މިއީ ކުރުނބާގެ ޑިމާންޑް ބޮޑު ރަށެއް. އެއީ ކައުންސިލްގެ އާމްދަނީވެސް އިތުރުވާނެ ކޮޅެއް. ރަށް ފެހިކުރުމަކީ އަޅުގަނޑުމެންގެ އަމާޒު. ރަށުގަ 100 އަނބުގަސްވެސް ކައުންސިލުން އިންދާފަ ވާނެ" ކައުންސިލް އިދާރާގައި ހުންނަވައި "ވަން" އަށް މައުލޫމާތު ދެއްވަމުން މިރަށު ކައުންސިލްގެ ރައީސް އަބްދުއްރަހުމާނު ސަބީހު ވިދާޅުވިއެވެ.
މި ރަށުގެ ބައެއް ރައްޔިތުން ބުނާ ގޮތުގައި ކުރުނބާއިން އެކަނިވެސް މަހެއްގެ މައްޗަށް މިރަށަށް 100،000 ވުރެ ގިނަ ރުފިޔާ ވަންނާނެއެވެ. އެކަން ކައުންސިލްގެ ރައީސްވެސް ގަބޫލުކުރައްވައެވެ. އޭނާ ވިދާޅުވި ގޮތުގައި މިރަށުން މި ފެންނަ ދޮން ކުރުބައަކީ މިރަށުގެ މުޑުވަކެކެވެ. މި ރަށަށް ހާއްސަ އެއްޗެކެވެ.
"އެއީ ތެދެއް. ލައްކަައަކަށްވުރެ ގިނަ ރުފިޔާ ވަންނާނެ. މި އަތޮޅުގައިވެސް އަދި ރާއްޖޭގެ ނިސްބަތުންވެސް ދޮން ކުރުނބާ އެންމެ ގިނަ ވާނީ މިރަށުގަ" ސަބީހު ވިދާޅުވިއެވެ.
ދޮން ކުރުނބައަކީ މަޑު ރީނދޫ ކުލައަކަށް ހުންނަ ކުރުނބައެކެވެ. އެތެރެ ބޮޑު، ފޮނި ކުރުނބައެކެވެ. މި ރަށުގެ މީހުން ދޮން ކުރުނބާގެ ވިޔަފާރިކުރާއިރު، ދޮން ކުރުނބާ ރުކާއި އޭގެ ކާށިވެސް މިރަށުން ވިއްކައެވެ.