އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި އާސެނަލް ވާދަކުރި މެޗު 2-2ގެ ނަތީޖާއަކުން އެއްވަރު ވެގެން ނިމިއްޖެއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި ފުރަތަމަ ދެ ގޯލު އާސެނަލުން ޖެހި ނަމަވެސް، ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށް، ފަހަރުން އަރައި ދެ ގޯލު ޖަހައިފައެވެ. މިރޭގެ ނަތީޖާ އާއެކު އާސެނަލުން ލީގަށް ކުރާ އުންމީދަށް ވަނީ ކޮންމެވެސް ވަރެއްގެ ހުރަހެއް އެޅިފައެވެ.
އާސެނަލުން މީގެ ކުރިން އެންމެފަހުން ލީގު ކާމިޔާބުކޮށްފައި ވަނީ 2003 ވަނަ އަހަރުއެވެ. މި އަހަރު ސީޒަަނުގެ މިހާތަނަށް އައި އިރުވެސް އެ ޓީމުން ތާވަލުގެ އެއްވަނައިގައި ލީޑު ކުރަމުންދާ އިރު، މި ވަގުތު އެއްވަނައިގައި އޮތީ 30 މެޗުން 73 ޕޮއިންޓާ އެކުގައެވެ. އެ ޓީމަށް ލީގުގައި ބާކީ އަށް މެޗު އޮތްއިރު، އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އޮތީ ދެވަނައިގައި ވިއްދާފައެވެ.
ސިޓީން މިހާތަނަށް ލީގުގައި ކުޅުނު 29 މެޗުން 67 ޕޮއިންޓް އެ ޓީމަށް ލިބިފައިވެއެވެ. މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލުގެ އަށް ވަނައިގައެވެ. އެ ޓީމަށް 29 މެޗުން ލިބިފައި ވަނީ 44 ޕޮއިންޓެވެ.
ލިވަޕޫލުން ރަނގަޅު ޓެމްޕޯއެއްގައި މެޗު ފެށި ނަމަވެސް އާސެނަލުން ވަނީ މަޑުމަޑުން މެޗުތެރެއަށް ވަދެ ކޮންޓްރޯލް ހޯދައިފައެވެ. އެ ޓީމުގެ ކުރިއަށް ކުޅޭ ގެބްރިއަލް މާޓިނެލީއާއި ބުކަޔޯ ސަކާގެ ނުރައްކާ ފުރަތަމަ 30 އަކަށް މިނެޓުގައި ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާ އިރު، އަށްވަނަ މިނެޓުގައި އާސެނަލް ލީޑު ނެގިއެވެ.
އާސެނަލުން ލީޑު ނެގީ ލިވަޕޫލްގެ ފަހަތުން ވާޖިލް ވެން ޑައިކް އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ވެން ޑައިކް ފައިގައި ޖެހުނު ބޯޅަ އޭރިއާ ކައިރިން މިސްރާބު ބަދަލުވެގެން އާސެނަލްގެ މާޓިނެލީއަށް ލިބުން އޭނާ ވަނީ އޭރިއާ ތެރެއަށް ވަދެ، ފަސޭހަ ކަމާއެކު ބޯޅަ ގޯލަށް ވައްދާލައިފައެވެ.
ފޯމު ރަނގަޅުކޮށް ކުޅެމުންދިޔަ އާސެނަލުން މެޗުގެ 28 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖެހިއެވެ. އަރިމަތިން މާޓިނެލީ ހުރަސްކޮށްލި ބޯޅަ ގޯލަށް ވައްދާލީ ގެބްރިއަލް ޖީސަސް ބޮލުންނެވެ.
އާސެނަލުން އިތުރު ގޯލެއް ޖެހުމަށް ފުރަތަމަ ހާފުގައި މަސައްކަތް ކުރަމުން ދަނިކޮށް ލިވަޕޫލުން ވަނީ މެޗު ތެރެއަށް ވަދެ، ހާފުގެ ފަހުކޮޅުގައި ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ މުހައްމަދު ސަލާހުގެ ގޯލަކާ އެކުގައެވެ. ސަލާހުގެ ގޯލު ފެނިގެން ދިޔައީ 42 ވަނަ މިނެޓުގައެވެ.
ދެވަނަ ހާފަށް ނުކުމެވެސް ލިވަޕޫލުން އާސެނަލްގެ އޭރިއާ ތެރެއަށް ބާރު ބޮޑުކުރި އިރު، މެޗު ހަމަހަމަ ކުރުމަށް 54 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީގައި ސަލާހް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
އޭގެ ފަހުންވެސް ލިވަޕޫލުން އާސެނަލް ކޮޅަށް ނުރައްކާތައް އިތުރު ކުރިއެވެ. ސަލާހަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ މަތިން ދިޔައިރު، ޑާވިން ނުނިއޭޒް ހުސްކޮށް އަރައި ފޮނުވާލި ބޯޅަ މަތަކުރީ އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލްއެވެ. ރަމްސްޑޭލް ވަނީ މެޗު ނިމިނިމި އޮއްވާ ސަލާހް ޖެހި ބޯޅައިގައި ކަނަށް ވަންނަން ދިޔަ ބޯޅަވެސް މަތަކޮށް ބޭރު ކޮށްލައިފައެވެ.
2012 ވަނަ އަހަރު ސެޕްޓެމްބަރު މަހު ފަހުން އާސެނަލުން ލިވަޕޫލް ދަނޑުގައި މޮޅެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވީ 87 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯ ޖެހި ގޯލުންނެވެ. އަރިމަތިން ޓްރެންޓް އެލެކްސެންޑްރާ-އާނޯލްޑް އާސެނަލްގެ ޑިފެންޑަރު ނައްޓާލައި، އޭރިއާ ތެރެއަށް ނަގައިދިން ހުރަސް ފާ ޕޯސްޓްގައި ހުރެ ފިރްމީނޯ ގޯލަށް ވައްދާލީ ބޮލުންނެވެ.
މެޗު ފެނިގެން ދިޔައީ ކާޑުތައް ގިނަ މެޗެއްގެވެސް ގޮތުގައެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފު ނިމުނު ތަނުން ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގައިދިޔައެވެ. އެ ހަމަނުޖެހުންތަކުގެ ތެރެއިން ލިވަޕޫލްގެ ޑިފެންޑަރު އެންޑީ ރޮބަޓްސަން، ލައިންސްމަނު ކޮއްޕާލި ކަމަށް ރެފްރީ ރީނދޫ ކާޑުވެސް ދެއްކިއެވެ. ރޮބަޓްސަން މެޗަށްފަހު ބުނީ ލައިންސަމް އުޅަނބޮށިން އޭނާއަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު