ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދުގެ ކޯލިޝަން ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރޭގައި ތިއްބެވި، ރައީސް ސޯލިހަށް ތާއީދު ނުކުރައްވާ ވަޒީރުން އިސްތިއުފާ ނުދެއްވައިފިނަމަ، ރައްޔިތުންގެ މަޖިލީހުގައި އޮތް މެޖޯރިޓީގެ ބޭނުންކޮށްގެންވިޔަސް އެބޭފުޅުން މަގާމުން ވަކިކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ވެރިކަންކުރާ ކޯލީޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބޫ ސޯލިހާ ވާދަ ކުރަން ނިންމުމާ ގުޅިގެން، އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން ރައީސް ސޯލިހަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ދަނީ ޖޭޕީގެ ސްލޮޓްގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި، ރައީސް ސޯލިހަށް ތާއީދު ނުކުރައްވާ މީހުން ވަކި ކުރުމަށް ގޮވާލަމުންނެވެ.

ނަމަވެސް ޖޭޕީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނުކުންނަވާ، އެ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ، އެ ޕާޓީގެ ސްލޮޓްގައި ތިއްބެވި މީހުން ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށާއި ކޯލިޝަން އެއްބަސްވުން އޮތީ ރައީސް ސޯލިހުގެ ރިޔާސީ ދައުރު ނިމުމާ ހަމައަށް ކަމުން އެހިސާބަށް އެފަރާތްތައް ވަޒީފާތަކުގައި ތިއްބަވާނެ ކަމަށެވެ.

ނަމަވެސް އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރަން ނިންމަވައި، ޖޭޕީގެ ބައެއް މެންބަރުން ވަނީ ޖޭޕީ ދޫކޮށް ރައީސް ސޯލިހާ ގުޅިވަޑައިގެންފައެވެ. އޭގެ ތެރޭގައި އިސްދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހަމީދާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަނީ ޖުމްހޫރީ ޕާޓީން ވެކިވެވަޑައިގެން އެމްޑީޕީއާ ގުޅި ވަޑައިގެންފައެވެ.

އޭގެއިތުރުން ޖޭޕީގެ ސްލޮޓްގައި ތިއްބެވި ކެބިނެޓް މިނިސްޓަރުންގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމްވެސް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވައިފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮޕްމެނީގެ ސީއީއޯގެ މަގާމުގައި ހުންނެވި ހަސަން ޝާހު އާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)ވެސް ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ.

މީގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި އާދަމް އާޒިމް ވަނީ މިރޭ ގާސިމުގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ނަމަވެސް އެ ޕާޓީގެ ސްލޮޓްގައި ތިއްބެވި، ޓްރާންސްޕޯޓް މިނިސްޓަރު އަދި އެ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބި ކަނބަލުން އާއިޝަތު ނަހުލާ އާއި ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ އަދި ވަކި ގޮތެއް ނުނިންމަވައެވެ.

އެހެންކަމުން އެފަދަ ބޭފުޅުން އިސްތިއުފާނުދެއްވައިފިނަމަ، ވަކިކުރަންޖެހޭ ކަމަށް ވިދާޅުވެ، މެމްބަރު ރާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "މިވަގުތު ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ރީތި ގޮތުގައި އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ މިވަގުތަށް މަޖްލިސްގެ މެޖޯރިޓީ އޮވެމެ، ނޯ ކޮންފިޑެންސް ވޯޓް ނެގުމަކީ ނުހަނު މުހިއްމު ކަމެއް،" ކަމަށެވެ.