ނ. މަނަދޫ، އަންނާރުމާގޭ/ ނައީމާ މޫސާގެ މަރާ ގުޅޭ މައުލޫމާތެއް އެނގޭ ނަމަ ހިއްސާކުރަން ފުލުހުން އެދިއްޖެއެވެ.
އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން 62 އަހަރުގެ ނައީމާ މަރުވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުންދަނިކޮށް، އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުންގަނޑުމަތީގައެވެ. ފެނުނުއިރު ހަށިގަނޑުގައި ގިނަ ޒަހަމްތަކެއް ހުއްޓެވެ. ކަރުންވެސް ފުން ޒަހަމެއް ފެންނަން ހުރިކަން އެނގިފައިވެއެވެ.
އޭނާގެ ހަށިގަނޑު މިއަދު ހަވީރު 5:10ގައި ވަނީ ވަޅުލައިފައެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ނައީމާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަން ނުވަތަ ގަސްތު މަރެއްގެ ގޮތުގައި ކަމަށެވެ.
އެގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ނައީމާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ ހަށިގަނޑު ބަލައި ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްް ނިންމުމުން ކަމަށެވެ.
ފުލުހުން ވަނީ ނައީމާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު