ނ. މަނަދޫގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށު އަންނާރުމާގޭ/ ނައީމާ މޫސާގެ ހަށިގަނޑު ވަޅުލައިފިއެވެ.
ގެއެއްގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން 62 އަހަރުގެ ނައީމާ މަރުވެފައި އޮއްވައި ފެނުނީ އިއްޔެ އިރުއޮއްސި 6:13 ހާއިރު އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ގޮސް އެގޭގެ ދޮރު ވައްޓާލައި އެތެރެއަށް ވަދެ ބެލުމުން ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ. އޭރު އޭނާ އޮތީ ލެއިން ފޯވެފައެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ނައީމާގެ ހަށިގަނޑުން ގިނަ ޒަހަމްތަކެއް ހުއްޓެވެ. އެގޮތުން ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރާފައިވާ އިރު، އޭނާގެ ކަރުންވެސް ފުން ޒަހަމެއް ފެންނަން ހުއްޓެވެ.
އޭނާގެ މޫނު ދެއްކުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހުން މަނަދޫ ހިނަވާގޭގައެވެ. ހަށިގަނޑު ވަޅުލާފައިވަނީ މިއަދު ހަވީރު 5:35 ގައެވެ.
މަނަދޫގައި ހަރަކާތްތެރިވާ "ވަން"ގެ ނޫސްވެރިޔާ އަލީ ޔާމީން ބުނި ގޮތުގައި، ނައީމާގެ ހަށިގަނޑުން ވަރަށް ބޮޑަށް ކުނިވެވަސް ދުވިއެވެ. އެކަން ނައީމާގެ މޫނުންވެސް ވަރަށް ބޮޑަށް ފާޅުވާން ހުއްޓެވެ. އެގޮތުން ނައީމާގެ މޫނުގެ އެއްފަޅި ކަޅުވެ، ފުފިފައިވާ އިރު، އޭނާގެ ވައަތު ލޮލުގައި އޮތީ ބެންޑޭޖު އަޅައިފައި ކަމަށް އޭނާ ބުންޏެވެ.
މިފަދަ މައްސަލަތަކުގައި މަރުވެފައި އޮންނަ މީހާގެ ޕޯސްޓްމޯޓަމް ހަދައެވެ. ނަމަވެސް ނައީމާގެ ޕޯސްޓުމޯޓަމް ނެހެދީ ކީއްވެތޯ "ވަން" އިން ފުލުހުންގެ މީޑިއާއާއި ސުވާލުކުރުމުން ޖަވާބެއް ދީފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު