ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އިންސާފުވެރި ކަމާއެކު ކުރިއަށްދާނެ ކަމަށް ނުބެލެވޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ. އެ ގޮނޑިއަށް ތިން ޕާޓީއަކުން ކުރިމަތިލާފައިވާއިރު ބައި-އިލެކްޝަން ބާއްވަން ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ، ގުރައިދޫ ދާއިރާގެ އިންތިހާބާ ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކާއި ސަރުކާރުގެ ކުންފުނިތަކާއި އެ ކުންފުނިތަކުގެ މުވައްޒަފުންނާއި އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރަމުންދާ ކަމަށެވެ.
"މިއީ ވަރަށް ހިތާމަކުރާ ކަމެއް. މިސާލަކަށް ބަލާނަމަ ސްޓެލްކޯގެ ލޯންޗުފަހަރުތަކާއި އެ ކުންފުނީގެ މުވައްޒަފުންނާއި އަދިވެސް ސަރުކާރުގެ އެހެނިހެން ވުޒާރާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތަން އެބަ ފެނޭ. ޒުވާނުންނަށްވެސް ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ދީގެން ވޯޓު ހޯދަން މަސައްކަތްކުރާ މަންޒަރު އަޅުގަނޑުމެންނަށް އެބަފެނޭ. މިހެންވީމަ އިންތިހާބު އިންސާފުވެރިވާނެ ކަމާމެދު ސުވާލު އުފެދޭ،" ނާޒިމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ގުރައިދޫ ދާއިރާގައި ހިމެނޭ މާފުށިން ގޯތި ދޫކުރުމަށް ނިންމައި އެކަން އިއުލާން ކުރުމާއި ގުޅީ ބިން ހިއްކުންފަދަ މަޝްރޫއުތަކަކީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުންނާއި އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ ކައުންސިލްތަކާ ގުޅިގެން ހިންގާ ކަންކަން ކަމަށެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން ނާޒިމް ވިދާޅުވީ، ސަރުކާރުގެ ދޯހަޅިކަން މިހާރު ފެންނަމުންދާ ކަމަށާއި ރައްޔިތުންގެ ފައިދާއަށް އެއްވެސް ކަމެއް ކުރާތަން ނުފެންނަ ކަމަށެވެ. އެގޮތުން ވެރިކަމަށް އައުމުން ރައްޓެހިންނާއި އާއިލާ މީހުންނަށް މަގާމުތައް ދޭނެ ގޮތްތައް ބަލަމުންދާތަން ސަރުކާރު ތެރެއިން ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
ގުރައިދޫ ދާއިރާއަށް އެމްއެންޕީގެ ފަރާތުން ވާދަކުރަނީ އަލީ އާރިޕެވެ. އިދިކޮޅު ޕީޕީއެމާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންވެސް އެ ގޮނޑިއަށް ވާދަކުރެއެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ހުސައިން ރިޒާއެވެ. އެމްޑީޕީގެ ކެންޑިޑޭޓަކީ އިބްރާހީމް ޝާޒެވެ.
ޚަބަރު
ޚަބަރު
ޚަބަރު