ޗެލްސީގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވާން ނިންމަން ޖެހުނު ނިންމުމަކީ ފަސޭހަ ނިންމުމެއް ކަމަށާއި، ޗެލްސީއަކީ އަބަދުވެސް ހިތުގައި އޮންނަ ކްލަބު ކަމަށް ފްރޭންކް ލަމްޕާޑް ބުނެފިއެވެ.
ޗެލްސީއަށް ގިނަ މެޗުތަކެއް ކުޅެ، އެ ކްލަބަށް ކޯޗުކަންވެސް ކުރިން ކުރި ލަމްޕާޑް، މި ސީޒަނުގެ ނިޔަލަށް ޗެލްސީގެ ކޯޗުކަމާ ހަވާލުވީ މިއަދުއެވެ. މި ސީޒަނުގެ ކުރީކޮޅުގައި ޗެލްސީން ތޯމަސް ޓުޗެލް މަގާމުން ވަކިކޮށް ކްލަބުގެ ކޯޗުކަން ގްރަހަމް ޕޮޓާއާ ހަވާލުކޮށްފައިވާ އިރު، މި ހަފުތާ ތެރޭގައި ޕޮޓާވެސް މަގާމުން ދުރު ކުރިއެވެ.
ޕޮޓާގެ ބަދަލުގައި ދިގު މުއްދަތަކަށް ކޯޗެއް ހޯދަން ޗެލްސީން ނަން މަޝްހޫރު ބައެއް ކޯޗުންނާ ވާހަކަ ދައްކަމުންދާ އިރު، ލަމްޕާޑު ހަވާލުވީ ކުރު މުއްދަތުގެ އެއްބަސްވުމެއްގައެވެ. ޗެލްސީގެ ވެރިން ބުނީ ދާއިމީކޮށް ކޯޗެއް ހޯދުމަށް ވަގުތު ބޭނުންވާ ކަމަށާއި، އެ ވަގުތު ޖެހެންދެން ސީޒަނުގެ ނިޔަލަށް ޗެލްސީ ރަނގަޅު މިސްރާބަކަށް ގެންދަން އެންމެ އެކަށޭނެ ކޯޗަކަށް ލަމްޕާޑު ވާނެ ކަމަށެވެ.
"އަހަރެން ބޭނުންވަނީ މި ކްލަބާއެކު ކުރެވޭނެ އެންމެ ރަނގަޅަކަށް މަސައްކަތް ކުރަން. ކުރީބައިގައި ކުރެވޭ ކަންތައްތަކެއް ބުނެ، މާބޮޑަށް އެވާހަކަ ދައްކާކަށް ނެތިން. އެނގޭހާވެސް އެއްޗަކީ މި ކްލަބުގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބިކަން. އަހަރެން މިހުރީ އެ ކުޅުންތެރިންނާއެކު މަސައްކަތްކޮށްލަން ކެތް މަދުވެފައި،" އުމުރުން 44 އަހަރުގެ ލަމްޕާޑު ބުންޏެވެ.
ޗެލްސީގެ ކްލަބު ލެޖެންޑް ލަމްޕާޑް ވަނީ 2001 ވަނަ އަހަރުން 2014 ވަނަ އަހަރާ ހަމައަށް އެ ކްލަބުގެ ޖާޒީގައި 648 މެޗު ކުޅެފައެވެ. 13 ސީޒަނެއްގައި ލަމްޕާޑު، ޗެލްސީއަށް ކުޅެފައިވާ އިރު، ޖުމުލަ 11 ޓްރޮފީ އެ ކްލަބާއެކު އޭނާ ހޯދިއެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ތަށިވެސް ހިމެނެއެވެ. ލަމްޕާޑު، ޗެލްސީ ޖާޒީގައި ޖުމުލަ 211 ގޯލުވެސް ޖަހައިދީފައިވާ އިރު، އޭނާއަކީ އެ ކްލަބުގެ ތަރީހުގައިވެސް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.
ކުޅުންތެރިއެއްގެ ކެރިއަރު ނިންމައި ލަމްޕާޑު ކޯޗުކަމަށް ނުކުމެފައިވާ އިރު، 2019 ވަނަ އަހަރު ޗެލްސީގެ ކޯޗުކަމާ ލަމްޕާޑު ހަވާލުވިއެވެ. 2019 ވަނަ އަހަރުން 2021 ވަނަ އަހަރަށް ޗެލްސީގެ ކޯޗުކަން ލަމްޕާޑު ކޮށްފައިވާ އިރު، އެ ކްލަބު އޭރު އޮތީވެސް އުނދަގޫ ހާލަތެއްގައެވެ. ހާއްސަކޮށް ޓްރާންސްފާ ބޭންއެއްގައި ކްލަބު އޮތް ދަތި ހާލަތުގައި ލަމްޕާޑު ވަނީ ޒުވާން ކުޅުންތެރިންތަކެއް ސީނިއާ ޓީމުގައި ބޭނުންކޮށް، ޗެލްސީއަށް ކުރިއެރުންތަކެއް ހޯދައިދީފައެވެ.
ލަމްޕާޑު ވަނީ ކޯޗެއްގެ ގޮތުގައި ޗެލްސީއާ އެކު އެފްއޭ ކަޕެއްގެ ފައިނަލަށް ގޮސް، ލީގުގެ ހަތަރުވަނައިގައި ސީޒަން ނިންމާލައިފައެވެ. އެހެން ނަމަވެސް ދެން ޖެހިގެން އައި ސީޒަން އުނދަގޫކޮށް ގޮސްފައިވާ އިރު، ޗެލްސީގެ ކޯޗުކަމުން ލަމްޕާޑު ވަކިކުރީ 2021 ވަނަ އަހަރު ކުރީކޮޅު ގައެވެ. ލަމްޕާޑު ވަކިކޮށް، އޭރުގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ވަނީ އެކަމުގެ އަސަރުގަދަ ބަޔާނެއްވެސް ނެރެފައެވެ.
ޗެލްސީގެ ކޯޗުކަމަށްފަހު އެވަޓަންއާއެކު ލަމްޕާޑު ފެނިގެން ގޮސްފައިވާ އިރު، މިފަހަރު އަލުން ޗެލްސީއަށް ކޯޗުކޮށްދޭން ނިންމި ނިންމުމަކީ "ފަސޭހަ ނިންމުމެއް،" ކަމަށާއި، "ޗެލްސީއަކީ އަބަދުވެސް އަހަރެންގެ ކްލަބު،" ކަމަށް ލަމްޕާޑު ވަނީ ބުނެފައެވެ.
ކުރިން ލަމްޕާޑު ޗެލްސީއަށް ކުޅުނު އެންމެ ފަހު ސީޒަނުގެ ފަހުކޮޅުގައި ވަގުތީ ގޮތުން ކްލަބުގެ ކޯޗުކަމާ ހަވާލުވި ކްލަބު ލެޖެންޑް ރޮބާޓޯ ޑި މަޓޭއޯ ކްލަބަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން އިރު، އަލުން އެ ތަށްޓާ ހަމައަށް ދެވިދާނެތޯ ލަމްޕާޑު ކައިރިން ސުވާލުކުރުމުން އޭނާ ބުނީ، އެ ސުވާލު އަންނާނެކަން އެނގޭ ކަމަށާއި އެކަމަށް މިވަގުތު ނުވިސްނާނެ ކަމަށެވެ.
ލަމްޕާޑުގެ ކޯޗުކަމުގައި ޗެލްސީން ފުރަތަމަ ކުޅެން އޮތީ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެ މެޗަށްފަހު ދެން އޮންނާނީ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ