ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދިނުމުގެ އެއްބަސްވުން އެސްޓީއޯއިން އާކޮށްފިއެވެ.
އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ މިދިޔަ އަންގާރަ ދުވަހު ހަވާލުވެވަޑައިގެންނެވި އަބްދުﷲ ސައީދެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއުއެވެ.
ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުން މިއަދު އާކޮށްފައިވަނީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ. އާ އެއްބަސްވުމުގެ ދަށުން އެމްއޭސީއެލްއަށް 1.5 މިލިއަން ފީފާގެ ޖެޓް ފިއުލްއާއި 88،000 ފީފާގެ ޑީސަލް އެސްޓީއޯ އިން ފޯރުކޮށްދޭނެއެވެ.
އެސްޓީއޯއިން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އެމްއޭސީއެލްއަށް ބޭނުންވާ އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދެމުންނެވެ. އެސްޓީއޯއިން އެމްއޭސީއެލްއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އެސްޓީއޯގެ އަމިއްލަ ޓޭންކަރު އެމްޓީ އަލިމަސް ހިމެނޭ ގޮތަށް ދެ ޓޭންކަރެއް ބޭނުންކުރެއެވެ.