މި ސީޒަން ނިމެންދެން ޗެލްސީގެ ވަގުތީ ކޯޗެއްގެ ގޮތުގައި ކުރިން އެ ކްލަބަށް ކުޅެ، ފަހުން ކްލަބަށް ކޯޗުކަންވެސް ކޮށްދީފައިވާ ފްރޭންކް ލަމްޕާޑު ހަމަޖައްސަން މަޝްވަރާ ކޮށްފިއެވެ.
ޗެލްސީގެ ކްލަބު ލެޖެންޑް ލަމްޕާޑް ވަނީ 2001 ވަނަ އަހަރުން 2014 ވަނަ އަހަރާ ހަމައަށް އެ ކްލަބުގެ ޖާޒީގައި 648 މެޗު ކުޅެފައެވެ. 13 ސީޒަނެއްގައި ލަމްޕާޑު، ޗެލްސީއަށް ކުޅެފައިވާ އިރު، ޖުމުލަ 11 ޓްރޮފީ އެ ކްލަބާއެކު އޭނާ ހޯދިއެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ތަށިވެސް ހިމެނެއެވެ. ލަމްޕާޑު، ޗެލްސީ ޖާޒީގައި ޖުމުލަ 211 ގޯލުވެސް ޖަހައިދީފައިވާ އިރު، އޭނާއަކީ އެ ކްލަބުގެ ތަރީހުގައިވެސް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.
ކުޅުންތެރިއެއްގެ ކެރިއަރު ނިންމައި ލަމްޕާޑު ކޯޗުކަމަށް ނުކުމެފައިވާ އިރު، 2019 ވަނަ އަހަރު ޗެލްސީގެ ކޯޗުކަމާ ލަމްޕާޑު ހަވާލުވިއެވެ. 2019 ވަނަ އަހަރުން 2021 ވަނަ އަހަރަށް ޗެލްސީގެ ކޯޗުކަން ލަމްޕާޑު ކޮށްފައިވާ އިރު، އެ ކްލަބު އޭރު އޮތީވެސް އުނދަގޫ ހާލަތެއްގައެވެ. ހާއްސަކޮށް ޓްރާންސްފާ ބޭންއެއްގައި ކްލަބު އޮތް ދަތި ހާލަތުގައި ލަމްޕާޑު ވަނީ ޒުވާން ކުޅުންތެރިންތަކެއް ސީނިއާ ޓީމުގައި ބޭނުންކޮށް، ޗެލްސީއަށް ކުރިއެރުންތަކެއް ހޯދައިދީފައެވެ.
ލަމްޕާޑު ވަނީ ކޯޗެއްގެ ގޮތުގައި ޗެލްސީއާ އެކު އެފްއޭ ކަޕެއްގެ ފައިނަލަށް ގޮސް، ލީގުގެ ހަތަރުވަނައިގައި ސީޒަން ނިންމާލައިފައެވެ.
ލަމްޕާޑު، ޗެލްސީގެ ކޯޗުކަމުން 2021 ވަނަ އަހަރު ކުރީކޮޅު ވަކިކޮށްފައިވާ އިރު، އޭރުގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ވަނީ އެކަމުގެ އަސަރުގަދަ ބަޔާނެއްވެސް ނެރެފައެވެ. އޭގެ ފަހުން ތޯމަސް ޓުޗެލްއާއެކު ޗެލްސީގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އިރު، ލަމްޕާޑު ވަނީ އެވަޓަންގެ ކޯޗެއްގެ ގޮތުގައިވެސް ފަހުން ފެނިފައެވެ.
ޓުޗެލްގެ ފަހުން ޗެލްސީއާ ހަވާލުވި ގްރަހަމް ޕޮޓާ މި ހަފުތާ ތެރޭގައި މަގާމުން ދުރުކޮށްފައިވާ އިރު، ޗެލްސީން ދަނީ ދާއިމީ ކޯޗެއް ހޯދަން މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން ޖަރުމަނުގެ ކޯޗު ޖޫލިއަން ނާގެލްސްމަން އާއި ކުރިން ބާސެލޯނާ އާއި ސްޕެއިން ގައުމީ ޓީމަށް ކޯޗުކަން ކޮށްދިން ލުއިސް އެންރިކޭއާވެސް ޗެލްސީން ވާހަކަ ދައްކާ ކަމަށް ނޫސްތައް ވަނީ ބުނެފައެވެ.
ހާއްސަކޮށް ޗެލްސީން އާ ކޯޗެއް ހޯދަން އިންޓަވިއުތަކެއް ކުރިއަށް ގެންދާ ކަމަށް ބައެއް ނޫސްތައް ބުނެފައިވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުގައި އެންރިކޭ ވަނީ މިއަދު ލަންޑަނަށްވެސް ގޮސްފައެވެ. އެއީ ޗެލްސީގެ ސްޕޯޓިން ޑިރެކްޓަރުން އަދި ކްލަބުގެ ވެރިންނާ ބައްދަލުކުރުމަށް ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
ޗެލްސީން ރޭ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު ބެލުމަށް ލަމްޕާޑު ގޮސް އިންކަން ފާހަގަވެފައިވާ އިރު، އޭގެ ކުރިން އާންމުކޮށް ޗެލްސީގެ މެޗުތައް ބަލަން ލަމްޕާޑު ނުދާކަން ނޫސްތަކުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެއީވެސް ޗެލްސީ ކޯޗުކަމާ ލަމްޕާޑު ހަވާލުވާނެ ކަމަށް ބެލެވޭ ކަމެއް ކަމަށް ނޫސްތައް ބުނެއެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ