ނަސްލީ ގޮތުން ދިމާކުރުމާ ދެކޮޅަށް އިޓަލީ ލީގުންވެސް ހަގީގީ ފިޔަވަޅުތަކެއް އަޅަން ޖެހިއްޖެ ކަމަށް އިންޓަ މިލާނުގެ ފޯވަޑް ރޮމެލޫ ލުކާކޫ ބުނެފިއެވެ.

ރޭ ސެރެއާ އޭގައި އިންޓަ މިލާނާއި ޔުވެންޓަސް ވާދަކުރި މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ ފަހު ވަގުތު ކޮޅުގައި ފެނުނީ ކުޅިވަރުގެ ރޫހާ ހިލާފު ކަންތައްތަކެކެވެ. މެޗު 1-1 އިން އެއްވަރުވި އިރު، ޔުވެންޓަސްއިން ގޯލު ޖެހީ 83 ވަނަ މިނެޓުގައެވެ. ޖުއާން ކުއަޑްރާޑޯ ގޯލު ޖަހައި ޔުވެންޓަސްއަށް ލީޑު ނަގައިދިން އިރު، އިންޓައަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލުކާކޫއެވެ. ލުކާކޫގެ ގޯލު ފެނުނީ ފަހު މިނެޓުގައެވެ.

ލުކާކޫ ގޯލު ޖަހައި އިދިކޮޅު ސަޕޯޓަރުން ގާތަށް ގޮސް އަނގަމަތީގައި އަތް އެޅުމުން ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައިވާ އިރު، މެޗުގެ ފަހުންވެސް ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުންތައް ހިންގާފައިވެއެވެ. ލުކާކޫ ޔުވެންޓަސް ސަޕޯޓަރުންނާ ދިމާލަށް ފަހު ވަގުތު ދިޔައީ މެޗު ކުޅެމުން ދިޔައިރު، އޭނާއާ ނަސްލީ ގޮތުން ދިމާކުރުމުން ކަމަށް އޭނާ ބުނެފައިވެއެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިފަހުންވެސް އިންޓަ ކެޕްޓަން ސާމިރު ހެންޑަނޮވިޗާއި ޔުވެންޓަސްގެ ކުއަޑްރާޑޯއަށް ރެފްރީ ރަތް ކާޑު ދައްކާފައިވާ އިރު، ޓަނަލް ތެރެއިންވެސް ދެ ޓީމުގެ ކުޅުންތެރިންގެ ކޯޅުންގަނޑު ފެނިފައިވެއެވެ.

ރޭގެ މެޗަށްފަހު ލުކާކޫ ތަމްސީލުކުރާ އެޖެންސީ ރޮކް ނޭޝަން ސްޕޯޓްސް އިންޓަނޭޝަނަލްގެ ރައީސް މައިކަލް ޔޯމާކް ނެރެއްވި ބަޔާނެއްގައި ވިދާޅުވީ ޔުވެންޓަސް ސަޕޯޓަރުންގެ ފަރާތުން ލުކާކޫއާ ނަސްލީ ގޮތުން ޖައްސާލި ޖައްސާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ދިމާކުރުންތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

ޔާމޯކް އިތުރަށް ވިދާޅުވީ ލުކާކޫގެ އުފާފާޅުކުރުމަށް ރެފްރީ ކާޑު ދެއްކި ދެއްކުންވެސް ބަލައިނުގަނެވޭ ކަމަށާއި ދިމާކުރުންތަކުގެ ސަބަބުން ޔުވެންޓަސްއިން ލުކާކޫއަށް މައާފަށް އެދެންޖެހޭ ކަމަށެވެ. އަދި އިޓަލީގެ އިދާރާތަކުންވެސް ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ހޭލަން ޖެހިއްޖެ ކަމަށް ޔާމޯކް ވިދާޅުވެފައިވާ އިރު، "ވިކްޓިމް"އަށް އަދަބު ދިނުމުގެ ބަދަލުގައި "ރޭސިސްޓް މީހުންނަށް" އަދަބު ދޭން އިދާރާތަކުން ދަސްކުރަން ވެއްޖެ ކަމަށް ވިދާޅުވިއެވެ.

އެ މައްސަލައިގައި ޖުވެންޓަސްއިން ވަނީ ފުލުހުންނާއެކު މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އެ ކްލަބުން ނެރުނު ބަޔާނުގައި ބުނީ ނަސްލީ ގޮތުން ދިމާކުރި ކުރުމުގައި ބައިވެރިވި ސަޕޯޓަރުން ހޯދައި، އެކަމަށް ފިޔަވަޅަ އަޅަން އިދާރާތަކާއެކު ކްލަބުން މަސައްކަތް ކުރާނެ ކަމަށެވެ.

ލުކާކޫ އިނގިރޭސިވިލާތުގެ ޗެލްސީއަށް ދިއުމުގެ ކުރިން 2019 ވަނަ އަހަރު 2021 ވަނަ އަހަރަށްވެސް އިޓަލީ ލީގުގައި އިންޓައަށް ކުޅެފައިވާ އިރު، މިފަހަރު ގޮސް ހުރީ ލޯން އެއްބަސްވުމެއްގައެވެ. ކުރިން އިޓަލީގައި ކުޅުނު އިރުވެސް ލުކާކޫއަށް ނަސްލީ ދިމާކުރުންތަކާ ކުރިމަތިވެފައިވާ އިރު، ރޭގެ މެޗަށްފަހު އޭނާ ފާހަގަކުރީ އެކަންތަކެވެ.

"ތާރީހު އަނެއްކާވެސް އިޔާދަވަނީ. 2019 ވަނަ އަހަރުވެސް މިކަމާ ކުރިމަތިވި. އަނެއްކާވެސް 2023 ވަނަ އަހަރު އެއް ހާލަތަކާ މި ކުރިމަތިވަނީ. އަހަރެން އުންމީދުކުރަން ލީގުން އަސްލު ހަގީގީ ފިޔަވަޅު މިކަމުގައި އަޅާނެ ކަމަށް،" ރޭގެ މެޗަށްފަހު އިންސްޓާގްރާމުގައި ލުކާކޫ ބުންޏެވެ.

މީގެ ކުރިން 2019 ވަނަ އަހަރު އިންޓަ އިން ކަގްލިއަރީއާ ދެކޮޅަށް ކުޅުނު މެޗެއްގައި ލުކާކޫއާ ނަސްލީ ގޮތުން ދިމާކޮށްފައިވެއެވެ. ލުކާކޫއައަށް އަމާޒުކޮށް ކަގިލިއަރީ ސަޕޯޓަރުން ޗޭންޓް ކޮށްފައިވާ އިރު، އެފަހަރު އިދާރާތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެހެން ނަމަވެސް ބޮޑު ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ. އެފަހަރު ލޫކާކޫ ހިތްހަމަ ނުޖެހިގެން ބުނެފައި ވަނީ "ފުޓުބޯޅައިގެ ރީތިކަން ގެއްލި، ފަހަތަށް ދާ" ކަމަށެވެ.