ގަވާއިދާ ހިލާފަށް ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނެ ޓާންސްޕޯޓް މިނިސްޓްރީން ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލު ކުރި މައްސަލައިގައި އެ މިނިސްޓްރީގެ ނިންމުމަށް އަމަލުނުކުރަން ސިވިލް ކޯޓުން ކުރި އަމުރު ބާތިލުކުރުމަށް މިނިސްޓްރީގެ ފަރާތުން ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅި މައްސަލަ ނާކާމިޔާބު ވެއްޖެއެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެ 87 ވެހިކަލެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލު ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، ރަޖިސްޓްރީ ބާތިލުކުރި ވެހިކަލްތަކުގެ ވެރިންގެ ތެރެއިން ނުވަ މީހެކެވެ. އަދި މިނިސްޓްރީގެ އެ ނިންމުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށްވެސް އެ މީހުން ކޯޓުގައި އެދުނެވެ.
އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން މިދިޔަ އޮކްޓޯބަރު 17 ގައި އަމުރު ނެރުނީ މިނިސްޓްރީގެ ނިންމުމަށް އަމަލުކުރުން ހުއްޓުވުމަށެވެ.
އެ މައްސަލަ މިނިސްޓްރީގެ ފަރާތުން ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅަމުން ބުނެފައި ވަނީ، އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރުން ހުއްޓުވުމަށް ސިވިލް ކޯޓުން އަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެއީ ސުޕްރީމް ކޯޓުން ނިންމާފައިވާ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއްކަމަށް ކަނޑައަޅައި އެ އަމުރު ބާތިލުކޮށް، މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭންޖެހޭ ޝަރުއީ އަދި ގާނޫނީ ހަމައެއް މި ހިނދަށް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިދެއްވުމަށް އެދޭ ކަމަށްވެސް ހުށަހެޅިއެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުން، އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމީ ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައި ވަނިކޮށް އޮޅުވާލައިގެން ރަޖިސްޓްރީ ކޮށްފައިވުމުންނާއި ގަވާއިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާތީ ކަމަށެވެ.
މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، އެ މައްސަލައިގައި ސިވިލްކޯޓުން ނެރުނު އަމުރު ބާތިލުކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނެތްކަމަށް، މި މައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު