Close
ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚުގެ ތެރެއިން މާޗު މަސް

މުހައްމަދު ނާޖިހު

ނިމިދިޔަ މާޗު މަސް ނުވަތަ ބައެއް މީހުން ލިޔާ ގޮތުންނަމަ މާރިޗު މަހަކީ ދިވެހި ތާރީޚުގެ ތެރެއިން ފާހަގަކޮށްލެވޭ ޚާއްޞަ ކަންކަން އެ މަހެއްގެ ތެރޭގައި ހިނގާފައިވާ މަހެކެވެ. ޚާއްޞަކޮށް 20 ވަނަ ޤަރުނުގެ ތެރޭގައެވެ. އިހުޒަމާނުގައި ދިވެހީން ބޭނުންކޮށް އުޅުނީ ހިޖުރީ ކަލަންޑަރަށް ވާތީއާއި އަދި އެންމެ އިހުގެ ފެންނަން ހުރި ތާރީޚީ ފަތްފުށްތަކުގައި ތާރީޚު ލިޔުމުގައި ވަރަށް ގިނަ ފަހަރަށް ދުވަހާއި މަސް ނުލިޔެ، ހަމައެކަނި އަހަރު ލިޔެފައިވާތީ އެންމެ އިހުގައި، ޚާއްޞަކޮށް 20 ވަނަ ޤަރުނުގެ ކުރިން މާޗު މަހުގެ ތެރޭގައި ހިނގާފައި ހުރި ފާހަގަކޮށްލެވޭ ކަންކަން ހޯދައިދެނެގަތުން އެހާ ފަސޭހައެއް ނޫނެވެ.

20 ވަނަ ޤަރުނުގެ ކުރިން މާޗު މަހުގެ ތެރޭގައި ހިނގާފައިވާ ކަމަށް އެނގެން އޮތް އެއް ކަމަކީ މީލާދީން 1691 ވަނަ އަހަރުގެ މާޗު 5 ވަނަ ދުވަހު ކުޑަ މުޙައްމަދު ރަސްގެފާނުގެ ޢުމުރުފުޅުން 10 އަހަރުގައި އަވަހާރަވުމެވެ. ކުޑަ މުޙައްމަދު ރަސްގެފާނަކީ އިސްކަންދަރު ރަސްގެފާނާއި ކަނބާ މަރިޔަމް ރަނިކިލަގެފާނުންގެ ދަރިކަލުންނެވެ. ރަސްކަމަށް އިސްކުރެވުނީ ޢުމުރުފުޅުން 6 އަހަރުގައި ބައްޕާފުޅު އިސްކަންދަރު ރަސްގެފާނު، 28 ފެބްރުއަރީ 1687 ގައި އަވަހާރަވުމުންނެވެ. ޢުމުރުފުޅުގެ ހަގުކަމާއެކީ ރަސްކަމުގެ ކަންކަން ހިންގެވީ މައިކަމަނާ ކަނބާ މަރިޔަމް ރަނިކިލެގެފާނެވެ. މި ރަނިކިލެގެފާނަކީ ތާރީޚުގައި މަޝްހޫރު އެނދި މަރިޔަނބެވެ. އެރަދުން އަވަހާރަވީ 1691 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އުތުރަށް އަރައިގެން ދުއްތުރާކޮށްއުޅުނު މަލާބާރީ އުޅަނދުތަކަކާ ދެކޮޅަށް ފޮނުވި ދިވެހި ލަޝްކަރުތައް ހޯދި ކާމިޔާބީ ފާހަގަކުރެއްވުމަށްޓަކައި ބަނޑޮސް ކައިރިޔަށް، މައިކަމަނާގެ އަރިހުގައި އޮޑިކޮޅުގައި ވަޑައިގެން އުޅުއްވަނިކޮށް، އޮޑީން ބަޑިޖެހުމަށްޓަކައި ރޯކޮށްލި ބަޑިއަކުން އަލިފާންކަންޏެއް ބަޑިބޭސް އެއްޗަކަށް ވެއްޓި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެންނެވެ. އަވަހާރަވީ އެހާދިސާގައި ރޯވެ ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްގެން ގެނެސް ބޭސްކޮޅުކުރަނިކޮށެވެ.

ދެން މިއަށްފަހު 20 ވަނަ ޤަރުނުގެ ދިވެހިރާއްޖޭގެ ތާރީޚުގައި ތެރޭގައި މާޗު މަހުގައި ހިނގާފައިވާ ފާހަގަކޮށްލެވޭ ޚާއްޞަ ކަންތައްތަކަށް ބަލާލާނަމެވެ.

11 މާޗު 1903

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (6) ސުވޭހު ކައިވެނިފުޅަށް މިޞްރަށް ވަޑައިގެން އުޅުއްވަނިކޮށް، އެރަދުން ރަސްކަމުން ޢަޒްލުކޮށް، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) ދެ ވަނަ ފަހަރަށް ތަޚުތަށް އިސްކުރެވުނެވެ.

14 މާޗު 1908

މާލޭގެ ފަޅު ފުންކުރުމަށްޓަކައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް އެތެރެކުރެވުނު "ޖައްރާފު" އޭ ކިޔާ އުޅަނދުން މާލޭގެ ފަޅުކޮންނަން ފެއްޓުނެވެ.

31 މާޗު 1925

ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަން ދިގު ޒަމާންތަކެއް ވަންދެއް ކުރެއްވި އަތިރީގޭ އިބްރާމް ދީދީ، ދޮށިމޭނާ ކިލެގެފާނު އަވަހާރަވިއެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނަކީ ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނުންގެ ބޭފުޅެކެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ބޭފުޅުންގެ ތެރޭގައި އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނާއި، ދިވެހި ތަޚުތަށް އިސްކުރެވުނު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި، ގިނަ ދުވަސްތަކެއް ވާންދެން ސިލޯނުގައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރުކަން ކުރެއްވި އަތިރީގޭ ޢަބްދުލްޙަމީދު ދީދީ ހިމެނިވަޑައިގަންނަވައެވެ. ކާފަބޭފުޅުންގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ ފަހުގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލްއާއި، ފުރަތަމަ ރައީސް އަތިރީގޭ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި، ދިވެހި ސަރުކާރުގެ އެންމެ އިސްވެރިކަން ކުރެއްވި ޙަސަން ފަރީދު މަނިއްޕުޅު ހިމެނެއެވެ. މާލޭގެ ބޮޑުކޯއްޓޭއަށް ނަގާފައި ހުރި ދިދަ ފުރަތަމަ ފަހަރަށް ބައިދަނޑިއަށް ތިރިކުރެވުނީ އިބްރީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވެގެންނެވެ.

5 މާޗު 1931

ދިވެހިރާއްޖޭގެ ކީރިތި މަހާރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީންގެ އެދިވަޑައިގަތުމަކަށް ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ ހެދުމަށް އެހީތެރިވެވަޑައިގެން ދެއްވުމަށްޓަކައި އިނގިރޭސި ސިލޯނުގައި ހުންނެވި ކޮލޯނިއަލް ސެކެޓްރީ ބަރނާޑް ހެންރީ ބޯރޑިލޯން މާލެ ވަޑައިގެންނެވިއެވެ. އޭނާ ވަނީ ފަހުން ސިލޯނުގެ ގަވަރުނަރުގެ ޤާއިމްމަޤާމާއި، ޔުގެންޑާއާއި، ނަޖީރިއާގެ ގަވަރުނަރުކަންވެސް ކުރައްވާފައެވެ.

19 މާޗު 1931

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވައިލުމަށްޓަކައި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ޚާއްޞަ މަޖިލީހެއް އުފައްދަވައި، އެ މަޖިލީހަށް އެކަމަށް އަމުރުކުރެއްވިއެވެ. އެމަޖިލީހުގެ ރައީސަކީ އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ނާއިބު ރައީސަކީ ހެންވޭރުގޭ ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނެވެ. ސެކެޓްރީއަކީ އައިޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. ސެކެޓްރީގެ ނާއިބަކީ ކަކާގޭ ޙުސައިން ޙިލްމީ ދީދީއެވެ. އެހެނިހެން މެންބަރުންގެ ގޮތުގައި ތިއްބެވީ އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނާއި، ގަލޮޅުގޭ މުޙައްމަދު ދީދީއާއި، އަލްއަމީރު މުޙައްމަދު ފަރީދު ދީދީއާއި، ނޫމަރާގަނޑުވަރު ތުއްތު މަނިއްޕުޅާއި، ކަޅުހުރާގޭ ދޮށީ ސީދީއާއި، އެއްގަމުގޭ އިބްރާހީމް ޢަލިދީދީއާއި، ހެންވޭރުގޭ އަޙްމަދު ކާމިލް ދީދީއާއި، ކެލާ ޝައިޚް އިބްރާހީމް ރުޝްދީއެވެ.

3 މާޗު 1943

މިއީ މަޝްހޫރު އުތުރުގަޑުބަޑުގެ 9452 ބައިވެރީން 552 އުޅަނދުގައި، ސަރުކާރާ ދެކޮޅަށް މާލެ އައި ދުވަހެވެ.

27 މާޗު 1944

އެދުވަސްވަރުގައި ދިވެހިރާއްޖޭގައި ހުރި ސިޔާސީ އެންމެ ބާރުގަދަ ލީޑަރު އަލްއަމީރު ޙަސަން ފަރީދު ދީދީ ސިލޯނަށް ދަތުރުކުރެއްވި މަނަވަރު އެޗްއެމްއެސް މާލޯއި އަށް ޖަރުމަނުވިލާތުގެ ޔޫ-510 ގެ ސަބްމެރީނަކުން ދިން ހަމަލާއެއްގައި އޭނާ އަވަހާރަވިއެވެ.

4 މާޗު 1945

ދިވެހިރާއްޖޭގެ ވަލީއާ ހަވާލުވެވަޑައިގަތުމަށް ރުހިވަޑައިގެން ހުންނެވިކަމަށް އަތިރީގޭ އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އެންގެވިއެވެ.

24 މާޗު 1950

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޕާސްޕޯޓު އޮފީހެއް ހުޅުވިއެވެ. މި އޮފީސް ހުރީ ވުޒާރަތުއްދާޚިލިއްޔާގެ ދަށުގައެވެ.

7 މާޗު 1954

ދިވެހިރާއްޖޭގެ އެންމެ ފަހުގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް ރަސްކަމަށް އިސްކުރެވުނެވެ. މިރަދުންގެ ރަސްކަން ނިމުނީ 11 ނޮވެންބަރު 1968 ގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަން ގާއިމުކުރުމާ ގުޅިގެންނެވެ.

11 މާޗު 1954

އެއްގަމުގޭ އިބްރާހީމް ޢަލިދީދީ (އިބްރާހީމް ފާމުދޭރި ކިލެގެފާނު) ދިވެހިރާއްޖޭގެ ބޮޑުވަޒީރު ކަމަށް ޢައްޔަނުކުރެވުނެވެ. އޭނާ ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވީ 11 ޑިސެންބަރު 1957 ގައެވެ.

27 މާޗު 1956

ވެލާނާގޭ އިބްރާހީމް ނާޞިރަށް ދިވެހިރާއްޖޭގެ ސިފައިންގެ ވެރިކަމުގެ ފަތްކޮޅު ދެއްވިއެވެ.

13 މާޗު 1957

ދިވެހިރާއްޖޭގައި ރޭޑިޔޯއާއި، ޓޯޗާއި، ދިގު ފަޓުލޫނު ބޭނުންކުރުން ޢާއްމުކޮށް ހުއްދަކުރެވުނެވެ.

15 މާޗު 1957

ތާނައިގެ ތެރެއަށް ތިކިޖެހިތާނައޭ ކިޔާފައި ނުކުތާޖެހި އާ އަކުރުތަކެއް އިތުރުކުރެވުނެވެ. މިއީ ތާނައިން ލިޔާއިރު ބޭނުންކުރާ ބިދޭސީ ލަފުޒުތައް، ޚާއްޞަކޮށް ޢަރަބި/އުރުދޫ/ފާރިސީ ލަފުޒުތަައް ތާނައިން ލިޔުމަށްޓަކައި އުފެއްދި އަކުރުތަކެކެވެ.

2 މާޗު 1958

އެއްގަމުގޭ އިބްރާހީމް ފާމުދޭރި ކިލެގެފާނުންގެ ބޮޑުވަޒީރުކަމުގައި އައްޑުއަތޮޅު ގަން ކުއްޔަށްދިނުމަށް ކުރި އެގްރީމެންޓް ގަބޫލުނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއެވެ.

29 މާޗު 1959

ދެކުނު ބަޣާވާތާ ގުޅިގެން ދިވެހި ސިފައިން ފައުޖެއް އެމްވީ އެލިޒަބަތު ބޯޔާއޭ ކިޔާ އާގުބޯޓެއްގައި ފުވައްމުލަކަށް ދިޔައެވެ.

21 މާޗު 1961

މާލޭގެ މަޖީދިއްޔާ ސްކޫލްގައި އިނގިރޭސި ބަހުން ތަޢުލީމުދޭން ފެއްޓިއެވެ.

30 މާޗު 1961

މާލެއަތޮޅު ގިރާވަރަށް ފުރަތަމަ ފަހަރަށް ކަތީބަކު ލެއްވިއެވެ.

8 މާޗު 1962

މާލޭގެ މިސްކިތްތަކުގެ ގަބުރުސްތާނުތަކުގައި މީހުން ވަޅުލުން ހުއްޓާލައި މާލޭގެ 4 އަވަށުގެ 4 ޤަބުރުސްތާނުގައި މީހުން ވަޅުލާން ފެއްޓިއެވެ.

16 މާޗު 1962

ބޮޑުވަޒީރު ކަމުގައި އިބްރާހީމް ނާޞިރު ހުންނަން ފެނޭތޯ ރައްޔިތުންގެ ޢާއްމު ވޯޓެއް ނެގިއެވެ.

16 މާޗު 1963

ބޮޑުވަޒީރު ވެލާނާގޭ އިބްރާހީމް ނާސިރުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ބޯދާ، ޒަމާންވީ، ކީރިތި، މޫރިތި ރަސްކަމުގެ މައި ރަމްޒުކަމުގައިވާ ބޮޑުގަނޑުވަރު ތަޅާލަން ފެއްޓިއެވެ.

18 މާޗު 1963

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުއްސުރެ ޖަހަމުން އަންނަ ނާބަޖެހުން ހުއްޓާލިއެވެ. ނާބައަކީ ހުކުރު މިސްކިތު މުންނާރުން މަޣްރިބް ނަމާދަށް ބަންގި ގޮވައި ނިމުމުން ގަނޑުވަރުގެ ނާބުސްޚާނާއިން ވަކި ރާގަކަށް ޖަހައިއުޅުނު ބެރެކެވެ. މިކަން ހުއްޓާލީ ވެލާނާގޭ އިބްރާހީމް ނާސިރުގެ ވެރިކަމުގައި ބޮޑުގަނޑުވަރު ރޫޅާލުމުގެ ތެރޭގައި ނާބުސްޚާނާ ރޫޅާލުމަށްފަހުގައެވެ.

22 މާޗު 1963

ގަނޑުވަރުގެ ހިއްތަން ދޮރާށި ރޫޅާލިއެވެ. ހިއްތަން ދޮރާއްޓަކީ، 1752 ގައި ހޮޅީން މާލެ އަރައި ގަނޑުވަރުގައި ހުޅުޖަހައި ރޯކޮށްލިފަހުން، އައްސުލްޠާން ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ގެ ރަސްކަމުގައި 1759 ގައި ގަނޑުވަރު އަލުން މަރާމާތުކޮށް ބިނާކުރެއްވި އިރު ބެހެއްޓެވި ދޮރާއްޓެކެވެ. އެ ދޮރާށީގައި ދޮންބަންޑާރައިން ބެހެއްޓެވި ލިޔުން މިހާރުވެސް ދާރުލްއާސާރުގައި ފެންނަން އެބައޮތެވެ.

12 މާޗު 1964

ރާއްޖެތެރޭގެ ރަށެއްގައި ސަރުކާރުން ހުޅުވި ފުރަތަމަ ޞިއްޙީ މަރުކަޒު ފާދިއްޕޮޅު ނައިފަރުގައި ހުޅުވުނެވެ.

24 މާޗު 1966

ރާއްޖެތެރޭގެ ރަށެއްގެ މަދަރުސާއެއްގައި ފުރަތަމަ ފަހަރަށް ބިދޭސީ ޓީޗަރަކު ކިޔަވައިދޭން ފެއްޓިއެވެ. އެއީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައެވެ.

14 މާޗު 1968

ދިވެހިރާއްޖޭގެ ބޯދާ ވަޒަންވެރީންގެ ތެރޭގައި ހިމެނޭ ކަމަށް ބެލެވޭ ގިރާވަރު މީހުން އޭމީހުންގެ ރަށުން ބާލައި ހުޅުލެއަށް ބަދަލުކުރެވުނެވެ. ފަހުން ހުޅުލޭ އެއާޕޯޓު ބޮޑުކުރުމަށްޓަކައި ހުޅުލޭ މީހުންނާއި، އެރަށުގައި އުޅުނު މާލެއަތޮޅު ވިލިނގިލީ މީހުންނާއެކީ ގިރާވަރު މީހުން މާލެއަށް ބަދަލުކުރެވުނެވެ.

15 މާޗު 1968

ރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއްތޯ ބެލުމަށްޓަކައި ޢާއްމު ސިއްރު ވޯޓެއް ނަގަން ފެށުނެވެ.

16 މާޗު 1969

ދިވެހިރާއްޖޭގެ ބޯދާ، ޒަމާންވީ، ކީރިތި، މޫރިތި ރަސްކަމުގެ މައި ރަމްޒުކަމުގައިވާ ބޮޑުގަނޑުވަރުގައި ހުންނަރަސްގެފާނުގެ ޚާއްޞަ އޮފީސްކޮޅުކަމުގައިވި "މަތިގެ" ރޫޅާލަން ފެއްޓިއެވެ.

29 މާޗު 1970

މިލަދުންމަޑުލު އުތުރުބުރީ ފަރުކޮޅުފުނަދޫ (މިހާރު ފުނަދޫ) އަކީ މީހުން އުޅޭ ރަށެއް ކަމުގައި ހަމަޖެއްސިއެވެ.

13 މާޗު 1972

ބޭރު ގައުމެއްގެ އެންމެ އިސްވެރިޔަކު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަ ދަތުރުފުޅުގައި އިނގިރޭސި ރާނީ އެލިޒަބަތު (2) މާލެއަށް ވަޑައިގެންނެވިއެވެ. އޭކަމަނާއަށް އިސްތިގުބާލުކުރެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެލާނާގޭ އިބްރާހީމް ނާސިރެވެ.

8 މާޗު 1975

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާސިރު ދިވެހިރާއްޖޭގެ އެންމެ ފަހަށް ހުންނެވި ބޮޑުވަޒީރު އަޙްމަދު ޒަކީ، ބޮޑުވަޒީރުކަމުގެ މަގާމުންނާއި ސަރުކާރުގެ އެންމެހައި މަގާމުތަކުން ވަކިކުރައްވައި ދޫނިދޫގައި ބަންދުކުރެއްވިއެވެ. އަދި އޭގެ ފަހުން 19 ނޮވެންބަރު 1975 ގައި ފުވައްމުލަކަށް އަރުވާލެއްވިއެވެ. މިކަމެއް ހިނގީ ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރާ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސް ކަމެއްގެ ސަބަބުންނެވެ. އަޙްމަދު ޒަކީ ބޮޑުވަޒީރުކަން ކުރެއްވީ 1 އޮގަސްޓު 1972 އިން 8 މާޗު 1975 އަށެވެ.

10 މާޗު 1975

މިނިސްޓަރ އޮފް ފިނޭންސްކަމުގެ މަގާމުން ޢަބްދުއްސައްތާރު މޫސާ ދީދީ ވަކިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ މަގާމު ދެއްވިއެވެ.

12 މާޗު 1975

އަލްއުސްތާޒު އިބްރާހީމް ޝިހާބަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ މަގާމުދެއްވިއެވެ.

27 މާޗު 1975

މިނިސްޓަރ އޮފް ފިޝަރީޒް ކަމުގެ މަގާމުން ކަކާގޭ އަޙްމަދު ހިލްމީ ދީދީ ވަކިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ މަގާމު ދެއްވިއެވެ.

29 މާޗު 1976

އައްޑުއަތޮޅު ގަމުގައި އިނގިރޭސީން ހިންގި ޝާހީ ވައިގެ ސިފައިންގެ މަރުކަޒު ބަންދުކޮށް، އިނގިރޭސި ސިފައިން ގަމުން ފައިބައި ނިމުނެވެ.

29 މާޗު 1977

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާސިރު، އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓްކަން ދެއްވިއެވެ. އިބްރާހީމް ނާސިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ އިތުރު ދައުރަކަށް ކުރިމަތިނުލެއްވުމުން، ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ދެން ހޮވި ބޭފުޅަކީ އަލްެއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމެވެ. ރައްޔިތުންގެ އާއްމު ވޯޓުން ހޮވިވަޑައިގެން 11 ނޮވެންވަރު 1978 ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގެން، 5 އަހަރުގެ 6 ދައުރު ފުރިހަމަކުރައްވައި ޖުމުލަ 30 އަހަރު ވާންދެން މައުމޫން ޢަބްދުލްޤައްޔޫމް ދިވެހިރާއްޖޭގެ ވެރިކަންކުރެއްވިއެވެ.

29 މާޗު 1978

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެލެވިޜަން ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭން ފެއްޓުނެވެ. އެކަން އިފްތިތާޙުކޮށްދެއްވީ އަލްއުސްތާޒު އިބްރާހީމް ޝިހާބެވެ.

1 މާޗު 1982

ދިވެހިރާއްޖޭގެ ފުރަތަމަ ރީޖަނަލް ހޮސްޕިޓަލް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައި ހުޅުވުނެވެ.

15 މާޗު 1989

އުސްތާޛުލްޖީލް އައްޝައިޚް މުޙައްމަދު ޖަމީލް ދީދީ އަވަހާރަވިއެވެ.

25 މާޗު 1992

މާލޭ ޖުމްހޫރީ މައިދާނުގައި ބޮޑުދިދަ (ދިވެހިރާއްޖޭގެ ގައުމީ ދިދަ) ނަގަން ފެއްޓިއެވެ.

13 މާޗު 1995

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރަކީ މީހުން ދިރިއުޅޭ ރަށެއްކަމުގައި ހަމަޖެއްސިއެވެ.

އިސްވެ ބަޔާންކުރެވުނު މައުލޫމާތުތަކަކީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރެފައިވާ "ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ"، މި ފޮތުންނާއި "ދިވެހި ތާރީޚް" މި ފޮތުންނާއި، އެޗްސީޕީ ބެލްގެ މޮނޮގްރާފުން ނަގާފައިވާ މައުލޫމާތު ތަކެކެވެ.

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.