Close
ޚަބަރު

ރައީސް ނަޝީދު މިއަދު ވިދާޅުވީ ބޮމުގެ ހަމަލާގައި މެންބަރު ޝަހީމުގެ ބޮލުގައި އިލްޒާމް ނާޅުވާކަމަށް!

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން، ހައެއް މެއި، 2021 ގައި ދިން ޓެރަރިސްޓް ހަމަލާގެ މައްސަލައިގައި ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ބޮލުގައި އެއްވެސް އިލްޒާމެއް ނާޅުވާކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ރޭވުންތައް ފޮރުވުމުގައި ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވާ އެއްފަރާތަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް، މީގެކުރިން އެމަނިކުފާނު ވިދާޅުވެފައިވާ ވާހަކަތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ޑިފެންސް މިނިސްޓަރާ ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

މެންބަރު ނަޝީދު މިނިސްޓަރާ ސުވާލު ކުރެއްވީ، "ހައެއް މެއިގެ ހަމަލާގެ ޒިންމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މެންބަރު ހުސެއިން ޝަހީމްގެ ބޮލުގައި އަޅުވައިފަ، އެކަމާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރާ އެއްވެސް ގުޅުމެއް އޮތްކަަމަށް ކަމަނާއަށް ފެނިވަޑައިގަންނަވާތޯ،" އެވެ.

އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، އެ މެންބަރު ކުރެއްވި ސުވާލަކީ މިއަދުގެ ސުވާލާ ސީދާ ގުޅުންހުރި ސުވާލެއް ނޫން ކަމަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން އެ މައްސަލަ ވަރަށް ތަފްސީލުކޮށް ބައްލަވައި، ރެކަމަންޑޭޝަންތަކާއި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަންގަވާފައިވާ ކަމަށެވެ. އަދި ސަރުކާރުން، އެންއެސްއޭ އޮފީހުން އެކަންކަން ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޖަވާބު ދެއްވުމުން، މަޖިލިސް ރައީސް ވިދާޅުވީ، މެންބަރު ނަޝީދު ކުރެއްވި ސުވާލުގައި އެމަނިކުފާނު ހިމެނޭތީ، އެއްވެސް އިރެއްގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރުގެ އިސްތަށިފުޅުގައި އެފަދަ އިލްޒާމެއް އަޅުވާފައިނުވާނެ ކަމަށެވެ.

"އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން، އެއްވެސް އިރެއްގައި ހެންވޭރު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރުގެ އިސްތަށިފުޅުގައި އެފަދަ އިލްޒާމެއް އަޅުގަނޑު އަޅުވާފައެއް ނުވާނެ، ދެން އެޅުވިނަމަ އެއީ ވަރަށް އެހެން ބާވަތެއްގެ އިތުބާރެއް އެބޭފުޅަކަށް ލިބިވަޑަިއގަންނަވަނީ، އަޅުގަނޑު އެއްވެސް ހާލެއްގައި އިއްޒަތްތެރި ވަޒީރުވެސް އެނގިވަޑައިގަންނަވާ ގޮތަށް އެބާވަތުގެ އިލްޒާމެއް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުގެ އިސްތަށިފުޅުގައި އަޅުވައިފައެއް ނުވާނެ،" ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް އެހެން ވިދާޅުވި ނަމަވެސް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވެފައިވަނީ، އެމަނިކުފާނަށް ދިން ހަމަލާއާ ގުޅޭ ތަހުގީގުގެ ކަންކަން ފޮރުވުމަށް އަނދުން ހުސެއިން އުޅުއްވާ ކަމަށެވެ.

"އަޅުގަނޑަށް އެނގޭތީ މިދަންނަވަނީ، މިކަން ފޮރުވުމުގައި ސަރުކާރަށް ވާގި ދެއްވާ އެއް ބޭފުޅަކީ އަނދުންގޭ ހުސެއިން" ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން އަނދުން ހުސެއިން ވަނީ، އެ ބޭފުޅާއަކީ އެފަދަ ކަމެއް ކުރެއްވޭ ވަރުގެ ބޭފުޅެއް ނޫންކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ވިދާޅުވުމުން ރައީސް ނަޝީދު އަނެއްކާވެސް ހުސެއިނަށް ރައްދު ދެއްވިއެވެ. މިގޮތުން އެއީ ހުސައިން އެކަނި ކުރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅު ނުވާ ކަމަށް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު މަރަލާން ދިން ބޮމުގެ ހަމަލާއާ ގުޅޭ ތަހުގީގަކީ ހަމައެކަނި ހުސައިންގެ ކަމެއް ކަމަކަށް އަޅުގަނޑު ވެސް ނުދެކެން،" ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

ދެވަނަ ފަހަރަށް ނަޝީދުގެ އެ ތުހުމަތުތަކަކަށް އިންކާރު ކުރައްވައި އަނދުން ހުސެއިން ވިދާޅުވީ، މީހުންގެ ބޮލުގައި ކަންކަން އަޅުއްވާއިރުވެސް ހައްދެއް އޮންނަންވާނެ ކަމަށާއި އެއީ ވަކި ކެނޑިޑޭޓަކަށް ތާއީދު ނުކުރުމުން އަޅުއްވަން ޖެހޭ ބަދުނާމެއް ނޫން ކަމަށެވެ. އަނދުން ހުސެއިންގެ އެ ވާހަކަތަކާ ގުޅިގެން ނަޝީދު އަނެއްކާވެސް ރައްދުދެއްވާފައިވެއެވެ.

"މާތް ރަސްކަލާނގެ ގަންދީ ހުވާކޮށް އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަށް އެނގިފައިވާ މިންވަރުން، އަޅުގަނޑު މަރާލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާގި ދެއްވާ އެއްބޭފުޅަކީ ތިބޭފުޅާ އާއި އާރުކާޓީ" ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވީ އެ ވާހަކަތައް އެމަނިކުފާނު ދައްކަވަނީ ކަންކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން ތަހުގީގު ފޮރުވަން މަސައްކަތް ކުރާ ކަމަށާއި އެކަމަށް ހުސައިން އެއްބާރުލުން ދެއްވާ ކަމަށްވެސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

"ހުސައިންގެ އަމިއްލަ އަތަށް ރަނގަޅަށް ބަލައިލާ، ހުސައިންގެ އަތުގައި މިހާރު ކޭއްތިފައި ތި ހުރީ އަޅުގަނޑުގެ ލޭ، ތިޔަ ބޭފުޅުންގެ އަތުގައި މިހާރު ކޭއްތިފައި ތިވަނީ އަޅުގަނޑުގެ ލޭ،" ނަޝީދު ފޮނުއްވި މެސެޖުގައިވެއެވެ.